ކ. މާލެ
|
9 މެއި 2023 | އަންގާރަ 14:09
ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023ގެ ސްޓޯލްއެއް ރައީސް ބައްލަވާލައްވަނީ
ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023ގެ ސްޓޯލްއެއް ރައީސް ބައްލަވާލައްވަނީ
ރައީސް އޮފީސް
ފަރުމާ ފެސްޓިވަލް
ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން - ރައީސް
 
ޒުވާނުން ބޭނުންވާ ދާއިރާތަކުން ކުރިއަށް ދިއުމުގައި ސަރުކާރުން ވެދެވެން އޮތް އެންމެ މަތީ ދަރަޖައަކަށް އެހީތެރިކަން ފޯރުކޮށްދޭނެ
 
ތިމާގެ ކިބައިގައި ހުރީ ކޮން ހުނަރެއްތޯ ބަލައި، ތިމާ އެންމެ ޝައުޤުވެރިވާ މަސައްކަތަކާއިގެން ކުރިއަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކުރެއްވި
 
ހުނަރުވެރިކަން ދައްކައިލުމުގެ ފުރުޞަތު، ދާދި ފަހަކާ ޖެހެންދެންވެސް އޮތީ ވަރަށް ހަނިގޮތެއްގައި

ސަރުކާރުގެ ސިޔާސަތަކީ، ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން، އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ، އުފެއްދުންތެރި ޒުވާނުން ބިނާކުރެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ފަރުމާ އިންޓަރނޭޝަނަލް ޔޫތު ފެސްޓިވަލް 2023 ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ، ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ، އުފެއްދުންތެރި ޒުވާނުން ބިނާ ކުރުންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި ހީނަރުވެފައިވާ ނުވަތަ އުވެމުންދާ ބައެއް ފަންނުވެރިކަން އަލުން ދިރުވައި އާލާކުރުމަށްވެސް ސަރުކާރުން އަންނަނީ ފުރުޞަތު ތަނަވަސްކޮށްދެއްވަމުން ކަމަށެވެ.

ފަރުމާ އިންޓަރނޭޝަނަލް ޔޫތު ފެސްޓިވަލްގައި ބައިނަލްއަޤުވާމީ ފަންނުވެރިން ބައިވެރިވާކަމީ، ދިވެހި ފަންނުވެރިންނަށް ލިބޭ ވަރަށް ބޮޑު ފައިދާއަކަށް ވާނެ ކަމަށާއި، ފަންނުވެރިކަމަށް ޝައުޤުވެރިވާ ދިވެހިންނަށް ވަރަށް ބޭނުންތެރި ފިލާވަޅުތަކެއް ލިބިގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ދިވެހި ޒުވާނުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތިޔައިން ކޮންމެ ޒުވާނެއްގެ ކިބައިގައިވެސް، ކޮންމެވެސް ހުނަރެއް ނުވަތަ ހުނަރުތަކެއް ހުންނާނެޔޭ. ތިމާގެ ކިބައިގައި ހުރީ ކޮން ހުނަރެއްތޯ ބަލައި، ތިމާ އެންމެ ޝައުޤުވެރިވާ މަސައްކަތަކާއިގެން ކުރިއަށް ފިޔަވަޅު އެޅުމަށް އަޅުގަނޑު އިލްތިމާސް ކުރަން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޒުވާނުން ބޭނުންވާ ދާއިރާތަކުން ކުރިއަށް ދިއުމުގައި ސަރުކާރުން ވެދެވެން އޮތް އެންމެ މަތީ ދަރަޖައަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ. ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް އާޓިސްޓް ކޮމިޔުނިޓީން އިންތިޒާމުކުރި ފެސްޓިވަލަކީ، ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށްޓަކައި ފަހިކޮށްދިން ވަރަށް ފަހި ފުރުޞަތެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

ރާއްޖޭގެ ސްކޫލް މަދަރުސާތަކުގައި ކިޔަވާ ދަރިވަރުންނަށް އަޅުގަނޑު އިލްތިމާސް ކުރަނީ، ތިޔަ ދަރިވަރުން ސްކޫލް ނިންމާ މަރުޙަލާއަށް ދާއިރު، އެ ކުއްޖަކު ކުރިއަށް ދިއުމަށް އެންމެ ޝައުޤުވެރިވާ ދާއިރާއެއް ޚިޔާރު ކުރައްވާށޭ. މައިންބަފައިންނާއި ބެލެނިވެރިންނަށްވެސް އަޅުގަނޑު ދަންނަވައިލާނީ، ތިޔަބޭފުޅުންގެ ބެލެނިވެރިކަމުގެ ދަށުން ތަރުބިއްޔަތުކޮށް ބޮޑެތިކުރާ ކޮންމެ ދަރިއަކީވެސް ޤައުމަށް ބޭނުންތެރި، ހުނަރުވެރި މަސައްކަތްތެރިއަކަށް ހެދުމަށް މަސައްކަތް ކުރައްވައްޗޭ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސްކޫލްތަކުގެ އިސް ވެރިންނަށާއި މުދައްރިސުންނަކީ އެބޭފުޅުން ކިޔަވައިދެއްވާ ކޮންމެ ދަރިވަރެއްގެ ކިބައިގައިވެސް، ކޮންމެވެސް ހުނަރެއް ނުވަތަ ހުނަރުތަކެއް ހުންނާނެކަން ޤަބޫލުކުރެއްވުމަށެވެ. އެ ކުދިންގެ ކިބައިގައި ހުރި ހުނަރެއް ފާހަގަކޮށް، އެ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުޞަތުތައް އެ ކުދިންނަށް ހޯއްދަވައިދެއްވުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.

އަދ މި މަގަށް ދަރިވަރުންނާއި ޒުވާނުންގެ މިޞްރާބު ސީދާކޮށްދެވިއްޖިއްޔާ، ސަރުކާރުން ފަށާފައި މިވާ މީހުން ބިނާކުރުމުގެ މަސައްކަތުގެ ހެޔޮ ނަތީޖާ ފެންނަން މާގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޤައުމީ ތަރައްޤީގެ ދުވެލިވެސް މިހާރަށްވުރެ އެތައް ގުނައެއް ހަލުވިވެގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި