ކ. މާލެ
|
9 މެއި 2023 | އަންގާރަ 10:36
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ސިޓީން ނުކުންނާނީ ބަދަލު ހިފުމުގެ ވިސްނުމުގައެއް ނޫން!
 
ފާއިތުވި ދިހަ ވަރަކަށް އަހަރަށް ބަލާއިރު ވެސް، ރެއާލް އަކީ އެންމެ ކާމިޔާބު ޓީމު ކަމަށާއި، އެހެންކަމުން މުބާރާތް ކާމިޔާބު ކުރަން ބޭނުންނަމަ އެ ޓީމާ ކުރިމަތިލާން ޖެހޭނެ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނާނީ ބަދަލު ހިފުމުގެ ވިސްނުމުގައި ނޫން ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މި ދެ ޓީމު ވަނީ މިދިޔަ އަހަރުގެ ސެމީ ފައިނަލްގައި ވެސް ބައްދަލު ކުރި އެވެ. ނަމަވެސް އެފަހަރު ރެއާލުން ވަނީ ސިޓީގެ މައްޗަށް ކުރި ހޯދަައިފަ އެވެ. މިފަހަރުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގު އޮންނާނީ ރެއާލްގެ އަމިއްލަ ދަނޑުގަ އެވެ. އެ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، ސިޓީން ނިކުންނާނީ ރެއާލްގެ ކިބައިން ބަދަލު ހިފަން ނޫން ކަމަށެވެ. ގާޑިއޯލާ ބުނީ މިއީ ސިޓީ އަށް ލިބިފައިވާ އެހެން ފުރުސަތެއް ކަމަށެވެ. އޭނާ ބުނީ ސިޓީން މިހާ ހިސާބަށް އަންނައިރު، ކޮންމެ ވެސް ދުވަހަކުން އެ ޓީމަށް ފައިނަލް ގޮސް، ޗެމްޕިއަންސް ލީގުގެ ތަށި ވެސް ކާމިޔާބު ކުރެވޭނެ ކަމަށެވެ. އެގޮތުން މި ސީޒަނުގައި ސިޓީ އޮތީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ބޭނުންވެފައި ކަމަށާއި، ނަމަވެސް ކަންކަން ތަފާތުވާނެ ކަމަށް ގާޑިއޯލާ ބުންޏެވެ. އެގޮތުން މިދިޔަ ސީޒަނުގައި ވެސް ސިޓީން ސެމީ އަށް އައީ ފައިނަލަށް ގޮސް ތަށި ކާމިޔާބު ކުރުމުގެ އަޒުމުގައި ކަމަށާއި، ނަމަވެސް އެކަން ހާސިލްނުވީ ރެއާލާ ކުޅެން ޖެހުމުން ކަމަށެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގުގައި ރެއާލް އަކީ ކޮން ފެންވަރެއްގެ ޓީމެއްކަން އެންމެނަށް ވެސް އިނގޭނެ ކަމަށެވެ.

ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ބޭނުންވާނަމަ، މޮޅެތި ޓީމުތަކާ ދެކޮޅަށް ކުޅެ މޮޅުވާން ޖެހޭނެކަން ފާހަގަކޮށް ގާޑިއޯލާ ބުނީ، ރެއާލް އަކީ ޗެމްޕިއަންސް ލީގުގެ އެންމެ ވަރުގަދަ ޓީމު ކަމަށެވެ. އޭނާ ބުނީ ފާއިތުވި ދިހަ ވަރަކަށް އަހަރަށް ބަލާއިރު ވެސް، ރެއާލް އަކީ އެންމެ ކާމިޔާބު ޓީމު ކަމަށާއި، އެހެންކަމުން މުބާރާތް ކާމިޔާބު ކުރަން ބޭނުންނަމަ އެ ޓީމާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

މި ފާއިތުވި ހަތެއް، އަށެއް، ނުވައެއް ނުވަތަ ދިހަ ވަރަކަށް އަހަރު ވެސް ރެއާލް އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު. އެހެންވީމާ އެންމެ ފަހު ވަގުތު ޖެހޭނެ އެމީހުންނާ ވެސް ކުރިމަތިލާން، ކާމިޔާބު ކުރަން ބޭނުންވާ ނަމަ.
ޕެޕް ގާޑިއޯލާ / މެންޗެސްޓަރ ސިޓީގެ ކޯޗު

މީގެ އިތުރުން ގާޑިއޯލާ ބުނީ އެންމެ ފުރަތަމަ ބަލަން ޖެހޭނީ ރެއާލްގެ ދަނޑުގައި ކުޅޭ މެޗަށް ކަމަށެވެ. އެއަށްފަހު ދެ ވަނަ ލެގު ސިޓީގެ އަމިއްލަ ދަނޑުގައި އޮތުމަކީ ތަފާތުކަމެއް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެއީ ސިޓީ އަށް ލިބޭނެ އެޑްވާންޓޭޖެއް ނުވަތަ ޑިސްއެޑްވާންޓޭޖެއް ކަމެއް ބުނަން އުނދަގޫ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ. މީގެ އިތުރުން ގާޑިއޯލާ ބުނީ، އޭނާ އަށް ޤަބޫލު ކުރާ ގޮތުގައި ގޮތެއް ނިމޭނީ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅޭ މެޗުންނެވެ.

ރެއާލް އާއި ސިޓީ ބައްދަލު ކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު 12 ޖަހާއިރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
50%
0%
0%
50%
0%
0%
ކޮމެންޓް