ޤައުމު، ޤައުމަކަށް ވަނީ، ޒަމާނީ ވިސްނުންތަކާއެކު އެތަނެއް ތަރައްޤީކޮށް ކުރިއަރުވާނެ ހުނަރުވެރި ފަންނުވެރިން ކުރާ ބުރަމަސައްކަތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ފަރުމާ އިންޓަރނޭޝަނަލް ޔޫތު ފެސްޓިވަލް 2023 ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ، ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ، އުފެއްދުންތެރި ޒުވާނުން ބިނާ ކުރުންކަމަށެވެ.
އެމަނިކުފާނު ވަނީ ރާއްޖޭގައި ތިބި ފަންނުވެރިންނާއި ހުނަރުވެރީން އަދި މަސައްކަތްތެރީންކުރައްވާފައިވާ އަގުހުރި ތާރީޚީ މަސައްކަތްކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ރައީސް ވިދާޅުވީ ރާއްޖެއަކީ ތަފާތު ހުނަރުތަކުން ފުރިފައިވާ އެތައް ފަންނުވެރިންނެއްގެ ފާޑުވެރިކަމަށް ހެކިދޭ ދިގު ތާރީޚެއް އޮތް ޤައުމެއްކަމަށާއި، މިގޮތުން ދިވެހިންގެ ފަންނުވެރި މަސައްކަތްތަކުގެ ތެރެއިން ގަލުވަޑާމާއި، ލާފެންކުރުމާއި، ތެދު އުއި ވަޑާމާއި ކިއްސަރުވަޑާމުގެ މަސައްކަތްތަކާއި، ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ފަންނުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ފަންނުވެރިކަމަކީ، އިންސާނީ ވަސީލަތް ތަރައްޤީކުރުންކަމަށާއި، އެއީ ޤައުމީ ތަރައްޤީގެ ތަފާތު ދާއިރާތަކަށް ބޭނުންވާ މީހުން ބިނާކުރުންކަމަށެވެ. އަދި ޤައުމު، ޤައުމަކަށް ވަނީ، ޒަމާނީ ވިސްނުންތަކާއެކު އެތަނެއް ތަރައްޤީކޮށް ކުރިއަރުވާނެ ހުނަރުވެރި ފަންނުވެރިން ކުރާ ބުރަމަސައްކަތުން ކަމަށް ވިދާޅުވިއެވެ.
ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާރޓް ފެސްޓިވަލާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިފެސްޓިވަލްގައި ވެސް ތަފާތު ދާއިރާތަކުގެ ފަންނުވެރި އެތައް ދިވެހިންނެއް ބައިވެރިވާކަމީ، މީހުން ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ. އަދި މިފެސްޓިވަލުގައި ދިވެހި ފަންނުވެރިން ބައިވެރިވާ ކޮންމެ ދާއިރާއަކީ ވެސް، ޤައުމީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.