މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ދުބާއީ އަދި ސިންގަޕޫގައި އައު އޮފީހެއް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމްގައި އެމްއެސްއެސްގެ އެމްޑީ ނާޒިމް ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ މުދަލުގެ 50 އާއި 60 އިންސައްތަ މުދާ އެތެރެކުރަނީ އެކުންފުނިން ކަމަށާއި، ރާއްޖެއިން ބޭރުގެ ގައުމުތަކަށް ވިއްކާ މުދާ އެކްސްޕޯޓު ކުރުމުގައި އެކުންފުނީގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.
އެމްއެސްއެސްގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ނާޒިމް ވިދާޅުވީ ދުބާއީގެ އިތުރުން ސިންގަޕޫރުގައި އައު އޮފީހެއް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދެނީ ދުބާއީގެ އޮފީސް ހުޅުވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެއީ ކޮންޓެއިނަރތައް ބޭނުންކޮށްގެން އެކިއެކި ގައުމުތަކުން މުދާ އެތެރެކުރާއިރުގައި އަޅުގަނޑުމެންނަށް ވަރަށް މުހިންމު ކަމެއް އަޅުގަނޑުމެންގެ ކޮންޓްރޯލް އޮތުން ކޮންމެ ކަމެއްގައި ވެސް. އެހެންވީމަ ދުބާއީ އަކީ ރާއްޖެއަށް މުދާ އެތެރެ ކުރާ އެންމެ ގިނަ މުދާ އެތެރެ ކުރާ އެއްގައުމު. އެގޮތުން އަޅުގަނޑުމެންގެ މާސްޓަރ ޕްލޭންގައި އެބައޮތް ސިންގަޕޫރު އަދި ދުބާއީގައި އޮފިސް ހުޅުވަން. މިވަގުތު އެންމެ މުހިންމު ކަމެއް މިދެވެނީ ދުބާއީ އޮފީހަށް. އެއީ ވޮލިއުމް އެތަނުން ރަނގަޅުވުމާއި އެކީގަ. އެހެންވީމަ އެއުސޫލުން މި މަސައްކަތް ކުރަނީ.މެނޭޖިން ޑިރެކްޓަރު މުހައްމަދު ނާޒިމް
ދުބާއީގައި ހުޅުވޭ އައު އޮފީހުގައި އެމްއެސްއެސްގެ ހުރިހާ އޮޕަރޭޝަނެއް ހިނގާނެކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ ސީނިއަރ މެނޭޖްމަންޓް ލެވަލްގައި މަދު ދިވެއްސެއް އެ އޮފީހުގައި މަސައްކަތް ކުރި ނަމަވެސް އެ އޮފީހަށް ނަގާނީ ދުބާއީން ލިބޭ މުވައްޒަފުން ކަމަށެވެ.
މީގެ އިތުރުން ނާޒިމް ވިދާޅުވީ ދުބާއީއަކީ ވިޔަފާރީގައި ވަރަށް ގިނަ ފަސޭހަތައް ލިބިދޭ ގައުމެއް ކަމަށެވެ. އެހެންކަމުން މަސައްކަތްތައް ފަސޭހަކަމާއެކު ޑިވަލޮޕް ކުރެވޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
މިހާރު އެމްއެސްއެސްއިން ބޯޓު ދަތުރުކުރަނީ ހަމައެކަނި އިންޑިއާ އަދި ކޮލަންބޯއަށެވެ. ކުރިއަށް އޮތްތަނުގައި އައު ބޯޓުތައް ގެންނާނެ ކަމަށާއި، ޚިދުމަތްތައް ފުޅާވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ބޯޓު ސީދާ ދަތުރު ނުކުރި ނަމަވެސް ޝިޕިންއާ ގުޅުންހުރި ހުރިހާ ގައުމަކުން މުދާތައް ގެނައުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި، ޚިދުމަތް ނުލިބޭ ގައުމެއް ނެތް ކަމަށް ދެންނެވި ނަމަވެސް ދޮގަކަށް ނުވާނެ ކަމަށެވެ.