މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް)ގެ ޚިދުމަތް ފެށިއިރު، ރާއްޖޭގައި މުދާ އެތެރެކުރުމުގައި އަގުތައް ހުރީ ކޮންޓްރޯލުން ނައްޓާފައި ކަމަށް، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގައި ވާހަކަފުޅުދައްކަވަމުން އެމްޑީ ނާޒިމް ވިދާޅުވީ އެމްއެސްއެސްއިން ޚިދުމަތް ފެށިއިރު، މުދާ އެތެރެކުރުމުގައި އަގުތައް ހުރީ ކޮންޓްރޯލުން ނައްޓާފައި ކަމަށާއި، އަގުތައް ކޮންޓްރޯލްކޮށް، ވިޔަފާރިވެރިންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނީ އެމްއެސްއެސްއިން ކަމަށެވެ.
ކޮވިޑް-19ށް އިޝާރާތް ކުރައްވައި ނާޒިމް ވިދާޅުވީ، އެދުވަސްވަރު ވެސް މުދާ އެތެރެކުރުމުގައި އަގުތަކަށް ބޮޑު ބަދަލެއް ނައީ އެކުންފުނިން ކުރަމުންދިޔަ މަސައްކަތުގެ ސަބަބުން ކަމަށެވެ. އަގު ހިފެހެއްޓުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ނާޒިމް ވިދާޅުވީ ދުނިޔޭގެ މާކެޓްގެ ތެލުގެ އަގު ބޮޑުވި ނަމަވެސް އަގުތައް ބޮޑުނުކޮށް ޚިދުމަތް ދިނުމަކީ އެކުންފުނީގެ އަމާޒު ކަމަށެވެ.
އެހެންވީމަ އެމްއެސްއެސް ފެށުމުގެ ވަރަށް ބޮޑު އެޑްވާންޓޭޖެއް، ދިވެހި ވިޔަފާރިވެރިންނަށް އަގުތައް ކޮންޓްރޯލް ކުރެވިގެން ދިއުން. އަގުތައް ކޮންޓްރޯލް ކުރެވިފަ، އަގުތައް މިހާތަނަށް ވެސް (އަދި އަމުދުން ކޮވިޑްގެ ދުވަސްވަރު) ހިފެހެއްޓިފަ ދިވެހިންނަށް އަސްލު އިހުސާސް ނުކުރެވުނީ އެމްއެސްއެސްގެ ސަބަބުން. އެމްއެސްއެސް ނެތް ނަމައޭ މިހާރު ބުނަންޖެހޭނީ. އެކަމަކު އެމްއެސްއެސް ނެތްނަމަ އަޅުގަނޑަށް ހީވަނީ ދިވެހިންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިވީސް ހެން. ދެން މިހާރުވެސް އަޅުގަނޑުމެންގެ އެއް އަމާޒު އެއީ، އަގުތައް ބޮޑު ނުކޮށް އެއްވަރެއްގަ ހިފެހެއްޓުން. އެއީ ދުނިޔޭގެ މާކެޓްގަ ތެލުގެ އަގު މައްޗަށް އަރައިގެން ދާއިރުވެސް އަޅުގަނޑުމެން ހަމަ ފްރައިޓަށް ބަދަލެއް ނުގެންނަން. އެހެންވީމަ ދިވެހި ވިޔަފާރިވެރިންނަށް ހަގީގަތުގަ ދުނިޔޭގަ މި އަންނަ ރާޅުތަކުގެ އިހުސާސެއް ނުކުރެވޭނެ. އެމްއެސްއެސް އުފެދުން އެންމެ ބޮޑު ބޭނުމެއް ހިފޭނެ ބަޔަކީ ވިޔަފާރިވެރިން.މެނޭޖިންގ ޑިރެކްޓަރު، މުހައްމަދު ނާޒިމް
ޚިދުމަތް ދިނުމުގައި ރާއްޖޭގެ ވިޔަފާރިވެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ، އެކްސްޕޯޓަށްވުރެ އިމްޕޯޓު ގިނަކަމަށާއި، ބައެއް ފަހަރު ބޭރުގެ ގައުމުތަކުން މުދާ ގެންނައިރު، ސަޕްލަޔަރުން ބޯޓުތަކަށް މުދާ އަރުވާ ކަމަށެވެ. އަދި އެ ބާރު، ދިވެހި ވިޔަފާރިވެރިންގެ އަތުގައި ނޯންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ ގޮންޖެހުންތަކާއެކު ވެސް ފާއިތުވި ތިން އަހަރުގެ ތެރޭގައި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދާ ގޮތަށް މަސައްކަތްތައް ކުރިއަށް ހިނގައްޖެނަމަ މި ރީޖަންގައި ރަނގަޅު ކުންފުންޏަކަށް އެމްއެސްއެސްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. ރާއްޖެއަށް ޝިޕިންގގެ ދާއިރާ ފެށިގެން ދިޔައީ ގާތްގަނޑަކަށް 10 އަހަރުގެ މެދުކެނޑުމަށްފަހުކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ، ޝިޕިންގއަށް ސަރުކާރު ކުންފުންޏެއް އައުން އެއީ ރާއްޖޭގެ ވިޔަފާރިވެރިންނަށާއި، ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.