ބ. ދަރަވަންދޫއިން 58 ގޯތި ދޫކުރުމަށް ނިންމައި، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.
ދަރަވަންދޫ ކައުންސިލުން ބުނީ ދަރަވަންދޫގެ ލޭންޑް ޔޫސް ޕްލޭނާއެއްގޮތަށް އެރަށުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް، 2023 މޭ 03ގައި ބޭއްވުނު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 101 ވަނަ ޖަލްސާއިން ފާސްކޮށް އާންމުކޮށްފައިވާ "ބ. ދަރަވަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު-2023" އާއި އެއްގޮތަށް، ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ބިމުގެ ސަރަހައްދުން ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ 2000 އަކަފޫޓުގެ 58 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށާއި، ޝަރުތު ހަމަވާ މީހުން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ފޯމު ދޫކުރާނީ ކައުންސިލްގެ އިދާރާއިންނެވެ.
ކައުންސިލުން ބުނީ ފޯމު ބަލައިގަތުން އޮންނާނީ 2023 މޭ 09 ވާ އަންގާރަ ދުވަހުން ފެށިގެން 2023 ޖޫން 19 ވާ ހޯމަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި އެ އިދާރާގެ ކައުންޓަރުން ކަމަށެވެ. އަދި މުއްދަތު ހަމަވުމުގެ ފޯމް ހުށަހެޅުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.