ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފައިވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ މިދަތުރުފުޅުގައިވަނީ، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް (3ވަނަ) ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ ރަސްމީ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގެންފައެވެ.
އެގޮތުން ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ މައި އިދާރާކަމުގައިވާ މާލްބޮރޯ ހައުސްގައި ބޭއްވި ކޮމަންވެލްތު ލީޑާރސް އިވެންޓުގައި ރައީސް ޞާލިޙް ބައިވެރިވެވަޑައިގެންނެވިއެވެ. މި އިވެންޓުގައި ކޮމަންވެލްތުގެ ލީޑަރުން ވަނީ ކޮމަންވެލްތުގެ ގައުމުތަކުން ހިފަހައްޓާ ހަމަތަކާ ބެހޭގޮތުންނާއި ކޮމަންވެލްތުގެ މުސްތަޤްބަލާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މި އިވެންޓުގެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސުލްހައާއި ދެމެހެއްޓެނިވި ތަރައްގީ ފަދަ ކަންކަމުގައި ކޮމަންވެލްތުގެ ޗާޓަރު ކުރިއަށް ގެންދިއުމުގައި ކޮމަންވެލްތުގެ ޒުވާނުންނަށް އޮތް ފުރުޞަތުތަކާ ބެހޭގޮތުންނެވެ.
މީގެ އިތުރުން ސަރވިކަލް ކެންސަރު ނައްތާލުމަށް އަމާޒުކޮށް ބޭއްވި ކޮމަންވެލްތުގެ މަޝްވަރާ ބައްދަލުވުން "ފަޔަރސައިޑް ޗެޓް" ގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ކޮމަންވެލްތު ގައުމުތަކުގެ ވެރިންގެ އަނބިއަނބިކަނބަލުން އަދި ބައިވެރިންނަށް އަމާޒުކޮށްގެން "އިންސްޕަޔަރިންގ ޗޭންޖް ޓު އެކްސެލެރޭޓް ސަރވިކަލް ކެންސަރ އެލިމިނޭޝަން އިން ދަ ކޮމަންވެލްތު" ޝިއާރުގެ މައްޗަށެވެ. މި މަޝްވަރާތަކުގެ މަގުސަދަކީ ކޮމަންވެލްތު ގައުމުތަކުގެ ވެރިންގެ އަނބިއަނބިކަނބަލުން އަދި ބައިވެރިން އެއްތަންވެ، ކޮމަންވެލްތު ގައުމުތަކުގައި ސަރވިކަލް ކެންސަރު އިތުރުވާ މިންވަރާމެދު ހޭލުންތެރިކަން އިތުރުކޮށް، ސަރވިކަލް ކެންސަރު ނައްތާލުމަށް މަސައްކަތް ކުރުމަށް ހިތްވަރު ދިނުމެވެ.
އަދި އިނގިރޭސި ވިލާތުގެ ރަސްގެފާނު ހިޒް މެޖެސްޓީ ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ އިޙްތިފާލުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަތުމުގެ އިތުރުން ވެސް ގައުމުތަކުން ޒިޔާރާތްކުރެއްވި އިސްވެރިންގެ ޝަރަފުގައި އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިން ވަނަ އާއި ރާނީ ކެމީލާ، ދެއްވި ރަސްމީ ޖާފަތުގައި ވެސް ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވީ މެއި 03 ވީ ބުދަ ދުވަހުގެ ވަގުތެއްގައެވެ.