ޤައުމީ ސަލާމް ކިޔާ ވަގުތުގައި ލިވަޕޫލްގެ ސަޕޯޓަރުން އަޑުގަދަ ކުރާނެކަން އެންމެނަށް ވެސް އެނގޭނެ ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.
އިނގިރޭސި ރަސްކަމުގެ ތަހުތުގައި ރަސްގެފާނު ޗާލްސް ރަސްމީކޮށް ވެޑުވުމުގެ ޝަރަފުގައި ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި ކުޅުނު މެޗުތަކުގައި ވަނީ ޤައުމީ ސަލާމް ކިޔައިފަ އެވެ. އެގޮތުން ލިވަޕޫލްގެ އެންފީލްޑުގައި އެ ޓީމުން ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ވަނީ ޤައުމީ ސަލާމް ކިޔައިފަ އެވެ. އަދި ލިވަޕޫލްގެ ކުޅުންތެރިން ޤައުމީ ސަލާމް ކިޔުމުގައި ބައިވެރިވި ނަމަވެސް، ދަނޑުގައި ތިބި އެ ޓީމުގެ ސަޕޯޓަރުން ވަނީ އެ ވަގުތު އަޑުގަދަކޮށްފަ އެވެ.
އެކަމާ ގުޅިގެން އެ މެޗަށްފަހު ވާހަކަ ދައްކަމުން ކްލޮޕް ބުނީ، ޗާލްސް ރަސްކަމާ ހަވާލުވެވަޑައިގަތުމަކީ ކޮންމެ މީހަކުމެ އުފާވާނެ އަދި ފާހަގަ ކުރަން ބޭނުންވާނެ ކަމެއް ކަމަށެވެ. ނަމަވެސް މާޒީއަށް ބަލާއިރު ވެސް، އެންމެން އަމަލުކޮށްފައި އޮތީ އެންމެ ރަނގަޅު ގޮތުގައި ނޫން ކަމަށާއި ކޮންމެ މީހަކަށްމެ އެމީހަކު ބުނަން ބޭނުންވާ އެއްޗެއް ބުނެ، އެމީހެއްގެ ޚިޔާލު ފާޅު ކުރުމަކީ ލިބިފައިވާ ޙައްޤެއް ކަމަށެވެ. ކްލޮޕް ބުނީ މެޗުގެ ކުރިން ވެސް ސަޕޯޓަރުން އެފަދަ ކަމެެއް ކޮށްފާނެކަން ސާފުކޮށް އެނގެން އޮތް ކަމަށެވެ.
މީގެ އިތުރުން ކްލޮޕް ބުނީ ސަޕޯޓަރުން ދައްކައިދޭން ބޭނުންވީ ކޮންކަމެއްކަން އޭނާ އަށް ނޭންގޭ ކަމަށެވެ. މާޒީގައި ލިވަޕޫލް އާއި އެ ކުލަބުން ތަހައްމަލުކޮށްފައި ވަނީ ކުލަބުން ބޭނުންވާ ފަދަ ގޮތްތަކެއް ނޫން ކަމަށް ފާހަގަކުރަމުން ކްލޮޕް ބުނީ ޗާލްސް ރަސްކަމާ ހަވާލުވެވަޑައިގަތުމަކީ އުފާވެރިކަމެއް ކަމަށާއި، އެކަމާ ގުޅިގެން އެހެން މީހުން މަރުޙަބާ ކިޔާނެއޭ ބުނަން އޭނާ އަށް ނޭންގޭ ކަމަށެވެ. ނަމަވެސް އޭނާ އެކަމަށް މަރުހަބާ ކިޔާނެ ކަމަށާއި، އެކަމާ އޭނާ އުފާވެ ވެސް ވާނެ ކަމަށެވެ. ކްލޮޕް ބުނީ އޭނާ އެކަން ކުރަނީ، ޗާލްސް ރަސްކަމާ ހަވާލުވެވަޑައިގަތުން ކުލަ ދަގަކޮށް ފާޅު ކުރަން ބޭނުންވާ މީހުންނަށްޓަކައި ކަމަށާއި، އެހެން އެއްވެސް ނިޔަަތެއް އޭނާގެ ނެތް ކަމަށެވެ.
އަހަރެންނަކަށް ނޭންގޭ ކަލޭމެން މަރުހަބާ ކިޔާނެކަމެއް ނުވަތަ ނޫން ކަމެއް. ނަމަވެސް އަހަރެން މަރުހަބާ ކިޔަން. އެއީ އެ އުފާ ފާޅު ކުރާ މީހުންނަށްޓަކައި، އަހަރެންގެ ނެތް އެހެން ނިޔަތެއް.ޔާގަން ކްލޮޕް / ލިވަޕޫލްގެ ކޯޗު
އިތުރަށް ވާހަކަ ދައްކަމުން ކްލޮޕް ބުނީ ލިވަޕޫލްގެ ސަޕޯޓަރުން އަޑުގަދަކުރުމުން އެކަމާ ހިތްހަމަނުޖެހޭ މީހުން ތިބޭނެ ކަން ވެސް އެނގޭ ކަމަށާއި، އެހެން ނަމަވެސް އޭނާ އެކަމާ ވިސްނަން ބޭނުންނުވާ ކަމަށެވެ. އަދި އޭނާގެ ޒިންމާ އަކީ ކޯޗުގެ ޒިންމާ ކަމަށާއި، އެހެން ކަންކަމާމެދު ގޮތް ނިންމާނީ ކުލަބުން ކަމަށެވެ. އެ ޓީމުގެ ސަޕޯޓަރުން ވަނީ މިދިޔަ އަހަރުގެ އެފްއޭކަޕް ފައިނަލްގައި ވެސް ގައުމީ ސަލާމް ކިޔަން ފެށުމުން ގައުމީ ސަލާމަށް މަލާމާތްކޮށް އަޑުގަދަކޮށްފަ އެވެ.