ސައުދީ އަރަބިއްޔާގެ ކުލަބުތަކުން ލިބިފައިވާ ހުށަހެޅުން ދޫކޮށް، ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް ރެއާލް މެޑްރިޑުގައި މަޑު ކުރަން ނިންމައިފި އެވެ.
އުމުރުން 37 އަހަރުގެ މިޑްފީލްޑަރު ރެއާލާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއާއެކު އޭނާ ހޯދުމަށް ސައުދީ ޕްރޯ ލީގުގެ ބައެއް ކުލަބުތަކުން ބޮޑު ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް މީގެ ކުރިން މީޑިއާތަކުގައި ވަނީ ބުނެފަ އެވެ. ނަމަވެސް އެ ހުށަހެޅުންތައް ޤަބޫލުނުކޮށް، އިތުރު އެއް އަހަރަށް މޮޑްރިޗް ރެއާލްގައި މަޑު ކުރުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ރެއާލާއެކު މޮޑްރިޗް މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަށް ކުލަބުގައި އޭނާ މަޑު ކުރާނެ ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ. ރެއާލުން މޮޑްރިޗް ބަހައްޓަން ބޭނުންވާއިރު، އޭނާ ވެސް ހުރީ ކުލަބުގައި މަޑު ކުރަން ބޭނުންވެފަ އެވެ. އެކަމާ ގުޅިގެން މޮޑްރިޗް ބުނީ، އޭނާގެ ވިސްނުމުގައި ހުރީ ރެއާލްގައި ހުންނަން ކަމަށާއި، ރެއާލް އަކީ އޭނާގެ ދިރިއުޅުމާ ގުޅިފައިވާ ކުލަބެއް ކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ދޫކޮށް މޮޑްރިޗް ރެއާލަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން މި ފާއިތުވި 11 އަހަރުގެ ތެރޭގައި މޮޑްރިޗް ވަނީ ރެއާލްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިހާރު އޭނާ އަކީ ރެއާލްގެ މެދުތެރޭގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. މޮޑްރިޗް ވަނީ މިހާތަނަށް ރެއާލަށް 481 މެޗު ކުޅެދީ 37 ލަނޑު ޖަހައިފަ އެވެ. އޭނާ ވަނީ އެ ކުލަބާއެކު 23 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ތިން ފަހަރު، ކޮޕަ ޑެލް ރޭ ދެ ފަހަރު، ސްޕެނިޝް ސުޕަ ކަޕް ހަތަރު ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ފަސް ފަހަރު، ޔުއެފާ ސުޕަ ކަޕް ހަތަރު ފަހަރު އަދި ފީފާ ކުލަބު ވޯލްޑް ކަޕް ފަސް ފަހަރު ވަނީ ހޯދައިފަ އެވެ.
ހުނަރުވެރި މޮޅު ކުޅުންތެރިޔާ ވަނީ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށްފަހު 2018 ވަނަ އަހަރު ބެލެންޑޯ އެވޯޑު ވެސް ކާމިޔާބުކޮށްފަ އެވެ. މޮޑްރިޗް އަންނަނީ 2006 ވަނަ އަހަރުން ފެށިގެން ކްރޮއޭޝިއާގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. އޭނާ ވަނީ މިހާތަނަށް ޤައުމީ ޓީމަށް 164 މެޗު ކުޅެދީ 23 ލަނޑު ޖަހައިފަ އެވެ.