ޕްރައިމަރީ ހެލްތުކެއަރ އާލާކޮށް ހަރުދަނާކުރުމުގެ މަސައްކަތް ފ.އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ.
މިކަން ރަސްމީކޮށް ފަށާފައިވަނީ ފ.އަތޮޅު ހޮސްޕިޓަލްގެ 27ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. މިރަސްމިއްޔާތުގައި ޕްރައިމަރީ ހެލްތް ކެއަރ ރެޖިސްޓްރީ އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
ޕްރައިމަރީ ހެލްތުގެ ނިޒާމަކީ ޞިއްޙީ ޚިދުމަތް ދިނުމުގައި ފަރުވާގެ އިތުރުން، ބަލިތަކުން ދުރާލާ ރައްކާތެރިވެ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ޞިއްޙީ މަޢުލޫމާތު ދިނުމާ ތިމާގެ ޞިއްޙީ ޙާލަތު ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް ހެދުމާ، މީހާގެ ޞިއްޙީ ޙާލަތާ ދިރިއުޅުމުގެ ޙާލަތަށް ރިޢާޔަތްކޮށް، އެމީހަކަށް ނުވަތަ އެ މުޖްތަމަޢުއަކަށް އެންމެ އެކަށީގެންވާގޮތަށް ފަރުވާ އާއި އެހެނިހެން ޚިދުމަތްތައް އިންތިޒާމު ކުރެވިފައިވުމެވެ.
ރާއްޖޭގައި ގައިން ގަޔަށްނާރާ ބަލިތައް އިތުރުވެ ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ވަނީ ޖެހިފައެއެވެ. ގައިން ގަޔަށްނާރާ ބަލިތަކުގެ ތެރެއިން އެންމެ ގިނައިން މީހުން މަރުވާން ދިމާވަނީ ހިތުގެ މައްސަލަތަކުގެ ސަބަބުންނެވެ. އޭގެ އިތުރުން ސްޓްރޯކް، ކެންސަރ، ހަކުރުބަލި އަދި ނޭވާލާ ނިޒާމުގެ ދިގު މުއްދަތުގެ ބަލިތަކުގެ ސަބަބުން މީހުން މަރުވާ އަދަދުވެސް ދަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. މިފަދަ ބަލިތަކާ ނަފްސާނީ ބައެއް ބަލިތަކަކީ، އުމުރުދުވަހަށް ފަރުވާ ކުރަންޖެހޭ އަދި ނުކުޅެދުންތެރިކަން ތަޙައްމަލުކުރަންޖެހޭ ބަލިތަކަށްވާއިރު، ދުރާލާ ދެނެގަނެ ފަރުވާ ހޯދައިފިނަމަ މީގެ ތެރެއިން ގިނަ ބަލިތަކަކީ، އެބަލިތަކުން ރައްކާތެރި ވެވިދާނެ ބަލިތަކެވެ. އެހެންކަމުން ޕްރައިމަރީ ހެލްތު ކެއަރ އާލާކޮށް ހަރުދަނާކުރުމުގެ މަސައްކަތް ފަށާއިރު މިފަދަ ބަލިތައް އަވަހަށް ދެނެގަތުމާއިއެކު، ފަރުވާދިނުމަށް އިސްކަން ދެވޭނެއެވެ. ރާއްޖޭގައި ޕްރައިމަރީ ހެލްތުކެއާގެ ނިޒާމު އިތުރަށް ދިރުވާ އާލާކޮށް ހަރުދަނާކުރުމަކީ ދުޅަހެޔޮ އާބާދީއެއް ބިނާކޮށް ދެމެހެއްޓުމުގެ މުހިއްމު އެއް ތަނބެވެ.
ޒަމާނުއްސުރެ ރާއްޖޭގައި ދެމުން އަންނަ ޕްރައިމަރީ ހެލްތުކެއާގެ ޚިދުމަތްތައް، އޭގެ އަސާސްތަކަށް ބިނާކޮށް އަލުން ދިރުވާ އާލާ ކުރުމުގެ ސިޔާސަތުގެ ދަށުން، މި މަސައްކަތް ފުރަތަމަ ފ.އަތޮޅުގައި ފެށިނަމަވެސް، ފ.އަތޮޅުގެ ތަޖްރިބާގެ އަލީގައި، މި މުހިއްމު މަސައްކަތް މުޅި ރާއްޖެއަށް ފުޅާކުރެވިގެންދާނެއެވެ.
ސާބިތު ހެކިތަކާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ހަރުދަނާގޮތެއްގައި މި މަސައްކަތް ކުރިޔަށް ގެންދިއުމަށްޓަކައި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފަންނީ މާހިރުންގެ ބެލުމުގެ ދަށުން، ފ. އަތޮޅުގައި 2022ގައި ވަނީ އޭރުގެ ޙާލަތު ދެނެގަތުމަށް އެސެސްމެންޓެއް ކުރިއަށް ގެންގޮސްފައެވެ. އެއަށްފަހު، މިކަމަށް ބޭނުންވާ ސިސްޓަމްތައް ޤާއިމުކޮށް، ފަންނީ މިންގަނޑުތަކާ އުޞޫލުތައް އެކުލަވާލައި، ޚިދުމަތް ދޭ ފަރާތަކަށް ބޭނުންވާ ތަމްރީންތައް ފޯރުކޮށްދެވުނެވެ. ތަމްރީނާޢަމަލީ ތަޖްރިބާ މިއާއިއެކު، ފ. އަތޮޅުގައި ދިރިއުޅެމުންދާ 18 އަހަރުންމަތީގެ ހުރިހާ ޔައިއްޔިތުންގެ ހެލްތު ސްކްރީން ކުރުމުގެ މަސައްކަތްތައްވަނީ ފެށިފައެވެ. ވޭތުވެދިޔަ 2 މަހެއްހާ ދުވަހުގެ މަސައްކަތުން، އާބާދީގެ 80%އަށް ވުރެ ގިނަމީހުންގެ މިހާރުގެ ޞިއްޙީ ހާލަތު ދެނެގަނެވި އެފަރާތަކަށް ދޭންވާ ލަފާއާއި އިރުޝާދު ދެވިފައިވެއެވެ.
މީގެއިތުރަށް ޕްރައިމަރީ ހެލްތުކެއަރ އާލާކޮށް ހަރުދަނާކުރުމުގެ މަސައްކަތް 05 މޭ ގައި ފ. އަތޮޅުގައި ރަސްމީކޮށް އިފްތިތާޙުކުރާއިރު ޚިދުމަތްދިނުމުގައި ޢަމަލު ކުރާނޭ އައު "ކެއަރ ޕަރތުވޭ" އެއް އެކުލަވާލައި އެގޮތުގެމަތިން ޢަމަލުކުރުމުގެ މަސައްކަތް ފެށިގެންދާނެއެވެ. މިގޮތުން ޚިދުމަތް ހޯދާ ފަރާތްތަކަށް އެންމެ ފަސޭހައިން އަދި ފައިދާހުރި ގޮތަކަށް ޚިދުމަތްތައް ބައްޓަން ކުރުމަށް މަޝްވަރާކުރެވި އަދި މިހާރު އެއްބަސްވެފައިވާ "ކެއަރ ޕަރތުވޭ" އާއި އެއްގޮތައް 06 މޭން ފެށިގެން އެ އަތޮޅުގެޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި ޚިދުމަތްތައް އިންތިޒާމްކޮށް ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
މި މަސައްކަތުގެ އެންމެ މުހިއްމު ބައިތަކަކީ، ރައްޔިތުނގެ ޞިއްޙީ ޙާލަތުގެ މަޢުލޫމާތު އެއްކުރެވި އެއްވިއުގައެއްގެ ތެރެއިން، ކޮންމެ ރަށަކުންވެސް، ނުވަތަ މަރުކަޒަކުންވެސް ބޭނުންވެއްޖެ ޙާލަތު ތަކުގައި ބަލާ، ޞިއްޙީ އެހީތެރިކަމާ ފަރުވާ ދިނުމުގައި އެ މަޢުލޫމާތުތައް ބޭނުން ކުރުމެވެ. ޓެސްޓުތައް ވަކި މުއްދަތެއްގައި އަލުން ހަދަންޖެހޭ މީހުންނާ މުޢާމަލާތު ކުރުމާއި އެހެން މަރުކަޒަކަށް ރިފަރ ކުރެވޭ ޙާލަތުގައިވެސް އެޕޮއިންޓްމެންޓް ހަމަޖެއްސުންފަދަ ކަންކަމުގައި މަރުކަޒުން އެހީތެރިވެދޭނެއެވެ.
ކެއަރ ޕާތުވޭ އަށް ގެނެވޭ ބަދަލުގެ ސަބަބުން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް މަރުކަޒުތެރޭގައި ކަންކަން އިންތިޒާމުކުރެވިފައިވާ ގޮތުން ފެނިގެންދާނެ އެންމެ މުހިއްމު ބަދަލުތަކަކީ، ކޮންމެ މީހެއްގެ ވެސް ވައިޓަލް ބެލެވިގެން ދިއުމާ، ކޮންމެ މީހަކަށްވެސް ބޭސްކެއުމާ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލެއްވާނަމަ އެކަންކަމާބެހޭ މަޢުލޫމާތު ފޯރުކޮށް ދިނުމާ، ޓެސްޓްތައް ތަކުރާރު ކުރުމާ މަޢުލޫމާތު ދިނުމުގެ ސެޝަންތަކަށް ކަނޑައެޅިފައިވާ ގަޑިތަކަށް ނުދެވޭ ފަރާތްތަކާ މުޢާމަލާތުކޮށް ނުވަތަ ގެއަށް ޒިޔާރަތްކޮށް އެފަދަ ފަރާތްތަކާ ބައްދަލުކޮށްގެން ޚިދުމަތް ފޯރުކޮށްދެވޭނޭ ގޮތް ހަމަޖައްސާނެއެވެ.
ހުކުރު ދުވަހު އިފްތިތާހުކުރި ޙަރަކާތުގެ ސަބަބުން، ރާއްޖޭގެ ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުކުރުވިގެން ދާނެއެވެ. ޕްރައިމަރީ ހެލްތުކެއަރ ގެ ލަންޑުދަނޑިތައް ޙާޞިލުކުރުމަށް، ރަށު ފެންވަރުގައި މަސައްކަތްކުރާ ޞިއްހީ ޚިދުމަތްތެރިން މަސައްކަތް ކުރާނީ އެއް ޓީމެއްގެ ގޮތުގައި، އަދި އެހެނިހެން މުއައްސަސާތަކާ ޖަމްއިއްޔާ ޖަމާޢަތްތަކާ ގުޅިގެންނެވެ. ޢާއިލާތަކަށް ޒިޔާރަތްކޮށް ޞިއްޙީޚިދުމަތްތެރިންނާއި ގާތްގުޅުމެއް އުފެދި ރައްޔިތުންގެ ޞިއްޙީ މައްސަލަތައް ޙިއްޞާ ކުރެވި ދުރާލާދެނެގަނެވި، ޞިއްޙީމައްސަލަތަކަށް އިރުޝާދުދީ، ރައްޔިތުންގެ ޖިސްމާނީ، ނަފުސާނީ އަދި އިޖްތިމާޢި ދުޅަހެޔޮކަން ދެމެހެއްޓެނިވިގޮތެއްގައި ކަށަވަރުވެގެން ދިއުމަކީ، މި މަޝްރޫޢުގެ ދިގުމުއްދަތުގެ އަމާޒެވެ.