ކ. މާލެ
|
5 މެއި 2023 | ހުކުރު 17:37
ކެޕްޓަން އިބްރާހިމް ރަޝީދު
ކެޕްޓަން އިބްރާހިމް ރަޝީދު
ރާއްޖެއެމްވީ
ކެޕްޓަން އިބްރާހިމް ރަޝީދު
ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
 
ކެޕްޓަން ރަޝީދު މި ދާއިރާއަށް ޝައުޤުވެރިކަން އުފެދުނުއިރު އުޅުނީ ގްރޭޑް 7 ގައި
 
އޭނާއަކީ ރާއްޖޭގެ ފުރަތަމަ އެއަރލައިން ކެޕްޓަންގެ ލައިސަންސް ޙާސިލު ކުރެއްވި ފަރާތް
 
ޓްރާންސްޕޯޓް ޕައިލެޓް ލައިސަންސް ނަންބަރު 001 ގެ ވެރި ފަރާތަކީ ކެޕްޓަން އިބްރާހިމް ރަޝީދު

އެއަރލައިން ޓްރާންސްޕޯޓް ޕައިލެޓް ލައިސަންސް ނަންބަރު 001 ގެ ވެރި ފަރާތަކީ ކެޕްޓަން އިބްރާހިމް ރަޝީދެވެ. އޭނާއަކީ އޭރު ޕައިލެޓް ޓްރެއިނިންގ ހަދައިގެން ރާއްޖެ އައި ދެމީހުންގެ ތެރެއިން ރާއްޖޭގެ ފުރަތަމަ އެއަރލައިން ކެޕްޓަންގެ ލައިސަންސް ޙާސިލު ކުރެއްވި ފަރާތެވެ.

ކެޕްޓަން ރަޝީދު މި ދާއިރާއަށް ޝައުޤުވެރިކަން އުފެދުނުއިރު އުޅުނީ ގްރޭޑް 7 ގައެވެ. އެގޮތުން މި ދާއިރާއަށް ޝައުޤުވެރިކަން އުފެދުނު ގޮތް ކެޕްޓަން ރަޝީދު މިވަނީ ރާއްޖެއެމްވީއަށް ކިޔާދެއްވާފައެވެ.

ކެޕްޓަން އިބްރާހިމް ރަޝީދު - ރާއްޖެއެމްވީ

ކެޕްޓަން ރަޝީދު ވިދާޅުވި ގޮތުގައި އޭރު އުޅުއްވަމުން ގެންދެވީ ކެޕްޓަން މުހައްމަދު ނައީމްގެ ގޭގައެވެ. އެ ގޭގެ ފާރުގައި ހަރުކޮށްފައި ހުރި ފޮޓޯއެއްގައި ކެޕްޓަން މުހައްމަދު ނައީމް މަތިންދާ ބޯޓެއްގެ ކައިރީގައި ހުއްޓިގެން ހުންނެވި ތަން ފެނުނު ހިސާބުން ރަޝީދުވެސް މި ދާއިރާއަށް ޝައުޤުވެރިކަން އުފެދިގެން ދިޔައެވެ.

އަޅުގަނޑަށް އެ ފޮޓޯ ފެނުނީމާ އަޅުގަނޑު ހިތަށް އެރީ މިއޭ އަޅުގަނޑު ވާނެ އެއްޗަކީ، އެހެންވެ އެ ހިސާބުން އަޅުގަނޑު އެ މަސައްކަތް ފެށީ
ކެޕްޓަން އިބްރާހިމް ރަޝީދު

ކެޕްޓަން ރަޝީދު ކިޔަވާވިދާޅުވާން ޕާކިސްތާނުގައި ހުންނަވަނިކޮށް ސަރުކާރުން ވަނީ ފިނޭންސް މިނިސްޓްރީގެ ސެކެޓްރީކަމުގެ ވަޒީފާ ދެއްވާފައެވެ. އެތަނުގައި ހުންނަވަނިކޮށް އަނެއްކާވެސް ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ.

އޭގެ ފަހުން ކެޕްޓަން ރަޝީދު ވަނީ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ތާރޑް ސެކެޓަރީކަންވެސް ކުރައްވާފައެވެ. ޕައިލެޓް ޓްރެއިނިންގ އަށް ވަޑައިގެންނެވީ އެތަނުގައި ހުންނަވަނިކޮށް ލިބިވަޑައިގެންނެވި ސްކޮލަރޝިޕެއްގައެވެ.

ޕައިލެޓް ޓްރެއިނިންގ ނިންމަވާފައި ރާއްޖެ ވަޑައިގެން ފުރަތަމަ އަދާ ކުރެއްވީ އެއަރ މޯލްޑިވްސްގެ ކޯ ޕައިލެޓްކަމެވެ. އެ ވަޒީފާގައި ހުންނަވަނިކޮށް ހަމަ އެ އަހަރު ނިމެން ގާތްވެފައި ވަނިކޮށް ސިފައިންގެ ލާންސް ކޯޕްރަލްގެ ވަޒީފާ ދެއްވިއެވެ. އެއީ 1983 ވަނަ އަހަރެވެ.

ކެޕްޓަން އިބްރާހިމް ރަޝީދު - ރާއްޖެއެމްވީ

40 އަހަރުގެ ދިގު ޚިދުމަތަކަށްފަހު ކެޕްޓަން އިބްރާހިމް ރަޝީދު މިހާރު މިވަނީ އޭނާގެ ފަހު ފްލައިޓް ދުއްވާފައެވެ. މާމިގިލިން މާލެ އައި ވިލާއެއާރ 609 ގައި ކެޕްޓަން ރަޝީދުގެ އިތުރުން 62 ފަސިންޖަރުންނާއި 3 ކެބިން ކުރޫއިންނާއި ޕައިލެޓުން ހިމެނެއެވެ.

ފަހު ފްލައިޓަށްފަހު ބޯޓު ޖެއްސިއިރު އަނބިމީހާއާއި، ދަރިން އަދި ވިލާ އެއަރ ގެ މުވައްޒަފުން އެތަނުގައި ތިބުމަކީ ލިބިލެއްވި ވަރަށް ބޮޑު އުފަލެއްކަމަށް ކެޕްޓަން ރަޝީދު ރާއްޖެއެމްވީއަށް ވިދާޅުވިއެވެ.

ހަމައެއާއެކު މާމިގިއްޔަށް އެނބުރި ވަޑައިގަތުމުން ވިލާ އެއާރ ގެ ޗެއަރމަން ޤާސިމް އިބްރާހިމްވެސް ވަނީ ބައްދަލު ކުރައްވައި މަރުޙަބާ ވިދާޅުވެފައެވެ.

ކެޕްޓަން އިބްރާހިމް ރަޝީދު - ރާއްޖެއެމްވީ

ކެޕްޓަން ރަޝީދު ރާއްޖެއެމްވީއަށް ވިދާޅުވި ގޮތުގައި މޫސުން ގޯސްވުމާއި، ޓެކްނިކަލް މައްސަލަތަކާއި، ބޯޓު ޖައްސާތަނުން ފުރޮޅު ފަޅައިގެން ދިއުމާއި، އިންޖީނުގެ މައްސަލަތަކާއި، އިމަރޖެންސީ ލޭންޑިންގ ގައި ބޯޓު ޖައްސަން ޖެހުން ފަދަ ކަންކަން އޭނާވެސް ވަނީ ތަޖުރިބާ ކުރައްވާފައެވެ.

އެފަދަ ތަޖުރިބާއެއް ކެޕްޓަން ރަޝީދު ވަނީ ރާއްޖެއެމްވީއާ ހިއްސާ ކުރައްވާފައެވެ. އެގޮތުން އެއް ފަހަރެއްގައި ބޯޓު ތެޔޮ ހުސްވެގެން އިމަރޖެންސީ ގައި މާލެ ޖައްސަން ޖެހުނު ދުވަހެއްގެ ހަނދާންތައް ކެޕްޓަން ރަޝީދު ވަނީ ހިއްސާ ކުރައްވާފައެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ދުވަހަކީ މޫސުން ގޯސް، ނުހަނު ވިއްސާރަ ދުވަހެކެވެ. 60 މޭލަށް ވައިގަދަ އެ ދުވަހު ރާއްޖެ އައި ހުރިހާ ފްލައިޓެއްވެސް ނުޖެއްސިގެން އަނބުރާ ދިޔައީއެވެ. ނަމަވެސް ކެޕްޓަން ރަޝީދު ދުއްވަވަން އިންނެވި ފްލައިޓުގައި ފިއުލް ހުސްވެފައި ހުރުމުގެ ސަބަބުން އިމަރޖެންސީކޮށް ޖެއްސުން ނޫން އިތުރު ގޮތެއް އެ ދުވަހު ނެތެވެ. ނަމަވެސް ކާމިޔާބުކަމާއެކު އިމަރޖެންސީގައި ފްލައިޓު ވަނީ ޖައްސާފައެވެ.

އަޅުގަނޑުމެންނަށް ނުޖައްސައި ފަރުޖެހޭކަށް ނެތް، އަޅުގަނޑުމެން އަތުގައި ނެތް ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް އޭރު
ކެޕްޓަން އިބްރާހިމް ރަޝީދު

ކެޕްޓަން ރަޝީދު ވަނީ މި ދާއިރާއަށް ނުކުންނަން ބޭނުންވާ މީހުންނަށްވެސް ޚާއްސަ މެސެޖެއް ދެއްވާފައެވެ. އެގޮތުން މިކަން ކުރެވޭނީ އިހުލާސްތެރި، ކެރޭ، ހިތްވަރު ހުރި މީހުންނަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ. ކާމިޔާބު މީހަކަށް ވެވޭނީ ކަމަށް ކަމޭހިތައިގެންކަމަށް އޭނާ ވިދާޅުވިއެވެ.

ކެޕްޓަން ރަޝީދު ވިދާޅުވި ގޮތުގައި 18 ގަޑިއިރު ވަޒީފާގައި ހޭދަ ކުރަންޖެހޭ މިފަދަ މަސައްކަތެއްގައި އެހާ ފަސޭހަކަމާއެކު ދެމި ހުރެވުނު އެއް ސަބަބަކީ އާއިލާއާއި ގާތް މީހުންގެ އިތުރުން، ވަޒީފާ އަދާ ކުރެއްވި ތަންތަނުގެ ވެރިންގެވެސް ހެޔޮ އެދުމާއި ހިތްވަރު ލިބުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
15%
20%
5%
7%
2%
51%
ކޮމެންޓް
5 މެއި 2023 | ހުކުރު 19:30
މުރުތަޟާ
މަރުހަބާ. ކެޕްޓަން އިބުރާހިމް ރަޝީދު. ކެޕްޓަން އިބްރާހިމް ރަޝީދަކީ ވަރަށް ހިތްހެޔޮ އޭނާއާއި ބައްދަލުވުމުން ރައްޓެހިންގެ ހިތަށް އުފާވެރިކަން ގެނެސްދޭ ބޭފުޅެކެވެ. ބައްދަލުނުވާތާ ވަރަށް ގިނަދުވަސް ވެފައިވީކަމުގައި އަޅުގަނޑު ދެކެނީ އޭނާ އަކީ ވަރަށް ގާތް ރަހުމަތްތެރި އެއްގެ ގޮތުގައި އެވެ.