ކ. މާލެ
|
8 ޖުލައި 2017 | ހޮނިހިރު 23:44
ކްލަބް ގްރީން ސްޓްރީޓް
ކްލަބް ގްރީން ސްޓްރީޓް
ގްރީން ސްޓްރީޓް
މާލެ ލީގު
ގްރީން ސްޓްރީޓުން އަލުން ތާވަލުގެ ހަތަރު ވަނައަށް
ގްރީން އިން ޔޫވީގެ މައްޗަށް ކުރިހޯދީ 3-0ގެ ނަތީޖާއަކުން

އެސްޓީއޯ މާލެ ލީގުގައި ކްލަބް ގްރީން ސްޓްރީޓުން ފަސޭހަކަމާއެކު ޔުނައިޓެޑް ވިކްޓްރީގެ މައްޗަށް ކުރިހޯދައި އަލުން ތާވަލުގެ 4 ވަނައަށް ޖެހިލައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗް ގްރީން ސްޓްރީޓުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ގްރީން ސްޓްރީޓުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުން ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަހުމަދު ރަޝީދެވެ. މި ލަނޑަށް ފަހުގައި ވެސް އެ ޓީމުން ވަނީ ޔޫވީގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުނީ 1-0 އިން ގްރީން ލީޑުގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ގްރީންއިން ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. މުޅި މެޗް ކަހަލަ ގޮތަކަށް ގްރީންއިން ޑޮމިނޭޓް ކޮށްގެން ކުޅެމުން ދިޔައިރު ވަނީ ފުރުސަތުތައް ތަނަވަސްކޮށް ޔޫވީގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ 76 ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށް ދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ކުޅުންތެރިޔާ އަހުމަދު ރަޝީދެވެ.

ގްރީންގެ ފަހު ލަނޑަކީ މެޗުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ބިދޭސީ ކުޅުންތެރިޔާ ސޮބޮލް އިއްލިއާ ކާމިޔާބު ކޮށްދިން ލަނޑެކެވެ. މި ޕެނަލްޓީއަކީ ކައުންޓާ އެޓޭކެއްގައި ޔޫވީގެ ކީޕަރު ގްރީންގެ ކުޅުންތެރިއަކަށް އޭރިއާގެ ތެރެއިން ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗުން ލިބުނު 3 ޕޮއިންޓާއެކު ގްރީން ސްޓްރީޓުން ވަނީ އަލުން ތާވަލުގެ 4 ވަނަ މަގާމަށް ޖެހިލާފައެވެ. ކުރިން 4 ވަނައިގައި އޮތް ވިކްޓްރީއަށް ކުޅުނު 12 މެޗުން 19 ޕޮއިންޓް ލިބިފައި ވާއިރު ގްރީންއިން އެޓީމު ފަހަތަށް ޖައްސާލީ ކުޅުނު 12 މެޗުން 21 ޕޮއިންޓް ހަމަކޮށްގެންނެވެ. ގްރީން އަތުން ބަލިވި ޔޫވީ އޮތީ ކުޅުނު 12 މެޗުން ލިބުނު 3 ޕޮއިންޓާއި އެކު ތާވަލުގެ 7 ވަނާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް