ހަފްތާ ބަންދުގައި މެދު ރާއްޖެތެރެއާއި ދެކުނަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެކަމަށެވެ. މީގެއިތުރުން މެދު ރާއްޖެތެރެއާއި ދެކުނުގެ ކަނޑުތައް ގަދަވާނެކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނެފައިވަނީ ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާކަމަށެވެ. ދިވެހިރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އޮންނާނީ، މީލާދީގޮތުން ބަލާއިރު ގާތްގަނޑަކަށް ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުމަކީ މެއި މަހުން ފެށިގެން ގާތްގަނޑަކަށް ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
ހުޅަނގު މޫސުމުގެ އަސަރުތައް އާންމުގޮތެއްގައި މޭމަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށައެވެ. އަދި އޭގެފަހުން މި މޫސުމުގެ އަސަރު މެދުރާއްޖެތެރެއަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދެއެވެ.
މިއަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައިވަނީ މެއި މަހުގެ 3 ވަނަ ދުވަހުއެވެ. އަދި މެދުރާއްޖެތެރެއަށް ފެށިފައިވަނީ މެއި މަހުގެ 4 ވަނަ ދުވަހުއެވެ.
ހުޅަނގު މޫސުން ގޯސްވެ ދިމާވެދާނެ ކަންތައްތަކަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.