ކ. މާލެ
|
8 ޖުލައި 2017 | ހޮނިހިރު 23:24
ގައުމީ ވެޓަރެންސް ވޮލީބޯޅަ ޓީމު
ގައުމީ ވެޓަރެންސް ވޮލީބޯޅަ ޓީމު
ވީއޭއެމް
ވޮލީ ވެޓެރަންސް
ސިޔަނެ ތަރޫ އިންޓަނޭޝަނަލް ވޮލީބޯލް ކަޕް ރާއްޖެއިން ކާމިޔާބުކޮށްފި
ރާއްޖެއިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ލަންކާގެ ގަމްޕަހަ ސިޔަނެ ތަރޫ ޓީމާއި ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެން
މިއީ ރާއްޖޭގެ ގައުމީ ވެޓެރަންސް ވޮލީ ޓީމު ވާދަކުރި ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތް

ސްރީ ލަންކާގެ ގަމްޕަހަގައި ކުރިއަށްދިޔަ "ސިޔަނެ ތަރޫ އިންޓަނޭޝަނަލް ވޮލީބޯޅަ ކަޕް" ރާއްޖޭގެ ގައުމީ ވެޓަރެންސް ވޮލީބޯޅަ ޓީމުން ކާމިޔާބުކޮށްފިއެވެ.

ހޮނިހިރު ދުވަހު ހަވީރު ކުޅުނު، މުބާރާތުގެ ފައިނަލް މެޗުގައި ރާއްޖެއިން ލަންކާގެ ގަމްޕަހަ ސިޔަނަ ތަރު ޓީމުގެ މައްޗަށް ކުރިހޯދީ ފަހަތުން އަރައި 3-1 ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު ގަމްޕަހަ ޓީމުން ގެންދިޔައީ 26-24 އިންނެވެ. ނަމަވެސް ރާއްޖެއިންވަނީ ކުޅުން ވަރުގަދަކޮށް ޖެހިގެންއައި 3 ސެޓު ކާމިޔާބުކޮށްފައެވެ. ރާއްޖެއިން ސެޓުތައް ގެންދިޔައީ 25-19، 25-21 އަދި 25-17 އިންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ރާއްޖޭގެ ފަލާހް އިބްރާހިމް އަބޫބަކުރެވެ. އެންމެ މޮޅު ސެޓަރަކަށް ރާއްޖޭގެ ކުރީގެ މަޝްހޫރު ސެޓަރ ފަތުހުﷲ ވަހީދް (ފައްލޯ) ހޮވުނުއިރު، އެންމެ މޮޅު ސްޕައިކަރަކަށް ހޮވިފައިވަނީ ސާމިލް އާދަމް އެވެ. އަދި އެންމެ މޮޅު ރިސީވަރަށް ހޮވިފައިވަނީ ރާއްޖޭގެ އިބްރާހިމް ނިޒާރެވެ.

މިއީ ރާއްޖޭގެ ގައުމީ ވެޓަރެންސް ވޮލީޓީމު ވާދަކުރި ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތަކަށް ވާއިރު، ޓީމުގެ ކެޕްޓަނަކީ ރާއްޖޭގެ ކުރީގެ މަޝްހޫރު ވޮލީކުޅުންތެރިޔާ މުހަންމަދު އަނީސް (ތަރި އަނީސް) އެވެ. ވައިސް ކެޕްޓަނަކީ ފަތުހުﷲ ވަހީދު (ފައްލޯ) އެވެ. ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އިބްރާހީމް ނިޒާރު، އަހްމަދު ޝަރީފް، ނިޒާމް އަހްމަދު، އިބްރާހީމް އާދިލް، އިބްރާހީމް ޝަރީފް، އިބްރާހީމް ރަޝީދު، އިސްމާއިލް ޝިއާބު، ވަހީދު އަހްމަދު، ސާމިލް އާދަމް، އަހްމަދު އަދީލް، ފަލާހް އިބްރާހީމް އަބޫބަކުރު އަދި އިހްސާން ނަސީރެވެ.

ޓީމުގެ ކޯޗަކީ ސައްޔިދު އަލީއެވެ. އެސިސްޓަންޓް ކޯޗަކީ އަބްދުލް ހަމީދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް