ކ. މާލެ
|
4 މެއި 2023 | ބުރާސްފަތި 11:43
ސިޓީގެ ކޯޗު ގާޑިއޯލާ އަދި ހާލަންޑު
ސިޓީގެ ކޯޗު ގާޑިއޯލާ އަދި ހާލަންޑު
ރޮއިޓާސް
މެންޗެސްޓަރ ސިޓީ
ގާޑިއޯލާގެ ހުއްޓުމެއް ނެތް ތައުރީފު ހާލަންޑަށް
 
ހާލަންޑުގެ ރެކޯޑު މުގުރާލާނެ، އެކަމަކު އެ ކުޅުންތެރިޔަކު ވަރަށް ގިނަ ލަނޑު ޖަހަން ޖެހޭނެ

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ފޯވާޑް އާލިން ހާލަންޑަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ތައުރީފުކޮށްފި އެވެ.

ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ހާލަންޑު ޖެހި ލަނޑާއެކު އޭނާ ވަނީ 28 އަހަރުވީ ރެކޯޑެއް މުގުރާލައިފަ އެވެ. ނިއުކާސަލް އަށް ކުޅުނު އިނގިރޭސި ކުރީގެ ކެޕްޓަން އެލަން ޝިއަރާ އާއި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު އެންޑީ ކޯލްގެ އަތުގައި އޮތް އެއް ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހި ރެކޯޑެވެ. ވެސްޓް ހޭމް ކޮޅަށް ޖެހި ލަނޑާއެކު މި ސީޒަނުގައި ޕްރިމިއާ ލީގުގައި ހާލަންޑު ވަނީ 35 ލަނޑު ޖަހައިފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، އެއީ ވަރަށް ޚާއްސަ ކަމެއް ކަމަށާއި އޭނާ ޤަބޫލު ކުރާ ގޮތުގައި ހާލަންޑަށް އެކަން ޙައްޤު ކަމަށެވެ. ގާޑިއޯލާ ބުނީ އެކަމަކީ މުޅި ސިޓީ އަށް ވެސް ޚާއްސަ ކަމެއް ކަމަށާއި، ސަބަބަކީ ހާލަންޑަށް އެ ކާމިޔާބީ ލިބުނީ ސިޓީގެ ހުރިހާ ކުޅުންތެރިން ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުން ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ހާލަންޑަކީ ވަރަށް ޚާއްސަ ކުޅުންތެރިއެކެވެ. އެހެންކަމުން އޭނާ އާއި ސިޓީގެ އެހެނިހެން ކޯޗިން ސްޓާފުންގެ އިތުރުން ޓީމުގެ މެނޭޖުމަންޓުގެ ފަރާތްތައް ވެސް ތިބީ ހާލަންޑާ މެދު ވަރަށް ބޮޑަށް އުފާވެފައި ކަމަށް ގާޑިއޯލާ ބުންޏެވެ. އިތުރަށް ގާޑިއޯލާ ބުނީ ހާލަންޑުގެ އަތުގައި މިހާރު އޮތް ރެކޯޑު ވެސް މުސްތަޤުބަލުގައި އެހެން ކުޅުންތެރިޔަކު މުގުރާލާނެ ކަމަށެވެ. ނަމަވެސް އެކަން ކުރުމަށް އެ ކުޅުންތެރިޔަކު އެތައް ލަނޑު ޖަހަން ޖެހޭނެ ކަމަށާއި، ސަބަބަކީ ހާލަންޑު ލަނޑު ޖަހާ މިންވަރު ގިނަވުމުން ކަމަށް އޭނާ ބުންޏެވެ.

ވަރަށް ޔަގީން ކަމެއް އެއީ. ކައިރި މުސްތަޤުބަލެއްގައި މި ރެކޯޑު ވެސް މުގުރާލާނެ. އެހެން ކުޅުންތެރިޔަކު. އެކަމަކު އެ ކުޅުންތެރިޔަކު ޖެހޭނެ ވަރަށް ގިނަ ލަނޑު ޖަހަން، އެއީ ހާލަންޑު އެވަރަށް އެބަ ލަނޑު ޖަހައި.
ޕެޕް ގާޑިއޯލާ / މެންޗެސްޓަރ ސިޓީގެ ކޯޗު

މީގެ އިތުރުން ގާޑިއޯލާ ބުނީ ފުޓުބޯޅައިގެ ކޮންމެ ދުވަހަކީ ވެސް ތަފާތު އަދި ޚާއްސަ ދުވަހެއް ކަމަށެވެ. އެގޮތުން ހާލަންޑު އަންނަނީ އެކި ދުވަސްތަކުގައި އޭނާގެ ފެންވަރި އެކި މިންވަރަށް ދައްކަމުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ހާލަންޑު އެކަން ދައްކާނެ ކަމުގެ ޔަގީންކަން އޮންނަ ކަމަށް ގާޑިއޯލާ ބުންޏެވެ. ގާޑިއޯލާ ބުނީ ސިޓީ އަކީ އަބަދު ވެސް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، ތަފާތު ދައްކަމުން އަންނަ ޓީމެއް ކަމަށެވެ. އެހެންކަމުން ލީގުގެ ވާދަވެރި ހިސާބުގައި އަނެއްކާ ވެސް އެއް ވަނަ އަށް އެރުމަކީ އެކަމުގެ ހެއްކެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ލީގުގައި ދެން ސިޓީ އަށް އޮންނާނީ މި މަހުގެ ހަ ވަނަ ދުވަހު އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް