ޔުނިވަރސަލް ފައުންޑޭޝަނުން އަލްމަރުހޫމް ޑރ.އިބްރާހީމް ޢުމަރު މަނިކުގެ ހަނދާނުގައި ޚާއްސަ ސްކޮލަރޝިޕެއް ދިނުމަށް ނިންމައިފިއެވެ.
ޑރ.އިބްރާހީމް ޢުމަރު މަނިކުގެ ހަނދާނުގައި ސްކޮލަރޝިޕް ހުޅުވައިލަނީ ރާއްޖެއިން ބޭރުގައި ސިއްހީ ދާއިރާއިން މަތީ ތައުލީމް ހާސިލު ކުރަން އެދޭ ދިވެހި ދަރިވަރުންނަށެވެ.
މި ސްކޮލަޝިޕަށް ހޮވޭ ދަރިވަރުން ކޯސް ފުރިހަމަ ކުރާނީ އިނގިރޭސިވިލާތުގެ މެޑިކަލް ޔުނިވަރސިޓީތަކުގެ ތެެރެއިން ކޮންމެވެސް އެއް ޔުނިވަރސިޓީއެއްގައެވެ.
ޔުނިވަރސަލް ފައުންޑޭޝަންގެ އަމާޒަކީ ރާއްޖެއަށް މިވަގުތު އެންމެ ބޭނުންތެެރި ދާއިރާތަކުން ޑޮކްޓަރުން ސްޕެޝަލައިޒްވެ، ރާއްޖެ އައިސް ދިވެހިންނަށް ޚިދުމަތް ކުރުމަށް ފުރުސަތު ތަނަވަސްކޮށްދިނުމެވެ. މި ސްކޮލަރޝިޕްގެ ހުށަހެޅުމާއި ކަމާބެހޭ އިތުރު މައުލޫމާތު ޔުނިވަރސަލް ފައުންޑޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ސްކޮލަރޝިޕަށް ހޮވުމުގައި ބަލާނެ މިންގަނޑުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައިވުން، ތައުލީމް ހާސިލުކުރަން އެދޭ ދާއިރާއަކީ ސިއްހީ ދާއިރާ ކަމުގައިވުން، ތައުލީމު ހާސިލުކުރަން އެދޭ ލެވެލްއަކީ ޕޯސްޓް ގްރެޖްއޭޓް ކަމުގައިވުން، ތައުލީމު ހާސިލުކުރަން އެދޭ ޔުނިވަރސިޓީއަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއް ކަމުގައިވުން، އެމްބީބީއެސް ފުރިހަމަކުރުމަށްފަހު މަދުވެގެން ދެއަހަރު ރާއްޖޭގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށްވުން، އަދި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިސްކަން ދެވޭނީ ރާއްޖޭގައި މިވަގުތު ތަމްރީނުވެފައިވާ ޑޮކްޓަރުން އެންމެ މަދު ދާއިރާތަކުން ސްޕެޝަލައިޒްވާން އެދޭ ދަރިވަރުންނަށްކަމަށް ޔުނިވަރސަލް އިން ބުނެއެވެ.
މީގެއިތުރުން އެއްބަސްވުމާ އެއްގޮތަށް ކޯސް ފުރިހަމަކުރުމަށްފަހު ރާއްޖޭގައި މަސައްކަތް ކުރުމަށް އެއްބަސްވާންޖެހެއެވެ.
މި ޝަރުތުތައް ހަމަވެ ސްކޮލަރޝިޕަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ 30 ޖޫން 2023 އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ހޭނައްތާ ޑޮކްޓަރު ޑރ.އިބްރާހީމް ޢުމަރު މަނިކު އަވާހާރަވީ ސިންގަޕޫރުގައި ހިތްޕުޅުގެ އާލަސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ނޮވެމްބަރު 2020 ގައެވެ. ޔުނިވަރސަލް ޑިރެކްޓަރުންގެ ބޯޑުގައި ވެސް ހިމެނިވަޑައިގަންނަވާ ޑރ.އިބްރާހީމް ޢުމަރު މަނިކަކީ ސިއްހީ ދާއިރާއަށް ގިނަގުނަ ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.