އެސްޓީއޯ މާލެ ލީގުގައި ވިކްޓްރީ ސްޕޯޓްސް ކްލަބް އަތުން ޕޮއިންޓަކުން ފުއްދާލަން ޖެހުނު ނަމަވެސް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު ދިވެހި ޕްރެމިއާ ލީގުން ޖާގައެއް ކަށަވަރު ކޮށްފިއެވެ.
ހޮނިހިރު ދުވަހު ހަވީރު ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗް އެއްވަރުވީ 1-1ގެ ނަތީޖާއަކުން ދެޓީމް އެއްވަރު ވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެޓީމުންވެސް ދިޔައީ ލިބޭ ފުރުސަތުތަކުގައި ހަމަލާ އުފައްދައި ލީޑު ނަގަން މަސައްކަތް ކުރަމުންނެވެ. މި ހާފުގައި ލަނޑެއް ކާމިޔާބު ކުރުމަށް އެންމެ ހުސް ފުރުސަތެއް ލިބިގެން ގޮސްފައިވަނީ ވިކްޓްރީ އަށެވެ. ވަރަށް ގާތް ގާތުގައި އެޓީމުން އުފެއްދި ދެ ހަމަލާގެވެސް ހުރަހަކަށްވީ ނިއުގެ ކެޕްޓަން އަދި ކީޕަރު އިމްރާން މުހަންމަދެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް އިމްރާންގެ ފަޔަށް ވަނީ އަނިޔާވެފައެވެ. އިމްރާނަށް އަނިޔާވީ މުޅިން ހުސްކޮށް ވިކްޓްރީ އިން ތަނަވަސްކުރި ބޯޅައެއް ސާފުކޮށްލަން އުޅުމުގެ ތެރޭގައެވެ. ފަރުވާ ހޯދުމަށްފަހު ފުރަތަމަ ހާފު ނިމެންދެން ކުޅުމުގައި ބައިވެރިވި ނަމަވެސް ދެވަނަ ހާފުގައި އިންމަގެ ބަދަލުގައި ނިއުގެ ގޯލު ބެލެހެއްޓީ ތަޖުރިބާކާރު ގޯލްކީޕަރު އަހުމަފު ޒީއަޒަންއެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައިވަނީ ނިއުއިންނެވެ. މެޗުގެ 57 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައިވާ އެޓީމުގެ ސްޕެއިންގެ ފޯވާޑް އެޑްރިއަން ގަލާޑޯއެވެ. ލިބުނު ކޯނަރަކުން ނިއުގެ އަހުމަދު ސުހައިލް ބޮލުން ފޮނުވާލި ހަމަލާ ވިކްޓްރީގެ ކީޕަރު ދިފާއުކުރަން އުޅުމުގެ ތެރޭގައި ބޯޅަ ލިބުނީ ގަލާޑޯއަށެވެ. ގޯލުގެ ރޮނގުމަތިން ގަލާޑޯއަށް ލިބުނު ބޯޅަ އޭނާ ގޯލުގެ ތެރެއަށް ފޮނުވާލީ ވަރަށް ހަމަޖެހިލައިގެން ހުރެއެވެ.
މި ލަނޑަށްފަހު ވިކްޓްރީއިން ވަނީ ކުޅުން ވަރުގަދަކޮށް ނިއުގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ. އެޓީމުން ނަތީޖާ ހަމަހަމަ ކުރީ 73 ވަނަ މިނެޓުގައި ކެޕްޓަން އިސްމާޢީލް އީސަ (މެސީ) ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެސީ މި ލަނޑު ކާމިޔާބު ކޮށްދިނީ އެޓީމު ބިދޭސީ ކުޅުންތެރިޔާ ސެޑިކް ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައިގެންނެވެ.
މި ލަނޑަށް ފަހުގައި ދެޓީމަށްވެސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ނަތީޖާ އަނބުރާލަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ވިކްޓްރީއިން ރަނގަޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގައި އެޓީމު އެންމެ މުހިންމު އެއް ކުޅުންތެރިޔާ ރިލްވާން ވަލީދަށް ރެފްރީވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. ރިލުވާނަށް ރެފްރީ ރަތްކާޑު ދެއްކީ 89 ވަނަ މިނެޓުގައި ނިއުގެ ހަމްޒާއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.
ވިކްޓްރީ އަތުން ނިއުއަށް ޕޮއިންޓަކުން ފުއްދާލަން ޖެހުނު ނަމަވެސް އެޓީމުވަނީ، ތާވަލުގެ އެއްވަނާގައި އޮތް މާޒިޔާ އާއި ޕޮއިންޓުގެ ގޮތުން ހަމަހަމަ ކުރުމުގެ އިތުރުން ދިވެހި ޕްރެމިއާ ލީގުން ޖާގައެއްވެސް ކަށަވަރު ކޮށްފައެވެ.
މެޗައްފަހު ވާހަކަ ދައްކަމުން ނިއުގެ ކޯޗް ސްޕެއިންގެ އޮސްކާ ބުރުޒޮން ބުނީ، ލީޑު ލިބެންދެން ކުޅުންތެރިން ދައްކާފައިވަނީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށާއި ނަމަވެސް ލީޑި ލުބުމަށް ފަހުގައި މުޅިން ކަހަލަ ގޮތަކަށް ކުޅުން ތަފާތުވެގެން ދިޔަ ކަމަށެވެ. މެޗުން އެއްވަރުވި ނަމަވެސް އަދިވެސް މާލެ ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށްވެސް ކޯޗް ވަނީ ބުނެފައެވެ.
ނޫސްވެރިންނާއި ވާހަކަ ދައްކަމުން ވިކްޓްރީގެ ކޯޗް ސުޒޭން ބުނީ، މެޗުގައި 3 ޕޮއިންޓް ލިބޭވަރަށް ވިކްޓްރީއިން ކުޅުނު ކަމަށާއި، ނަމަވެސް ނަސީބު ދެރަވީ ކަމަށެވެ. ސުޒޭން ބުނީ ވިކްޓްރީއަށް މުޅިން ހުސްކޮށްވެސް ފުރުސަތުތަށް ލިބުނު ކަމަށާއި ނަމަވެސް ގޯލަށް ވައްދާލެވޭގޮތް ނުވީ ކަމަށެވެ.
ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓާއި ޔުނައިޓެޑް ވިކްޓްރީއެވެ.