ހާއްސަ އެހީއަކަށް ބޭނުންވުމަކީ އެއްވެސް ކަމަކުން އެމީހަކު ބާކީކޮށް އެކަހެރި ކުރަންޖެހޭ ސަބަބެއް ނޫންކަން ސާބިތުކޮށްދެމުންދާ އެއް ޤައުމަކީ ޗައިނާއެވެ. ވަކިން ހާއްސަކޮށް، ތަޢުލީމީ މައިދާނުގައި، އެހެން ކުދިންނަށްވުރެ ތޫނުފިލި ވުމަކީވެސް ބައެއް ހާލަތްތަކުގައި ހާއްސަ އެހީއަކަށް ބޭނުން ވުން ކަމަށް ވެއެވެ. ސައެންސްއާއި ޓެކްނޮލޮޖީގެ ބޮންތީގައި ހިފުމުގެ ވަރުގަދަ ޢަޒުމުގައި އޮތް ޗައިނާއިން ދަނީ، އެ ރޮނގުން ކުރިއަރާ ދިއުމުގެ ޝަޢުޤު ހުރި ދަރިވަރުންގެ ތެރެއިން، އާދަޔާ ޚިލާފަށް ތޫނުފިލި ނުވަތަ "ގިފްޓަޑް" ދަރިވަރުންނަށް އަމާޒުކޮށްގެން މަޝްރޫއެއް ހިންގަމުންނެވެ. މަޝްރޫއު ހިންގުމުގައި އިސް ދައުރެއް އަދާ ކުރަނީ ޗައިނާ އެސޯސިއޭޝަން ފޮރ ސައެންސް އެންޑް ޓެކްނޮލޮޖީއެވެ.
ޗައިނާގެ ހޫބޭ ޕްރޮވިންސްއަކީ މިފަދަ އެއް މަޝްރޫއު ކުރިއަށް ގެންދާ ސަރަޙައްދެކެވެ. ތަމްރީނުވެފައި ވާ ސައެންސްވެރިންނާއެކު ދިރާސާ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު، އެ ޕްރޮވިންސްގައި މެދު މަދަރުސީ ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުންގެ ތެރެއިން، ތޫނުފިލިކަމާ ހެދި ހާއްސަ އެހީއަށް ބޭނުންވާ ގިނަ ދަރިވަރުންތަކަކަށް ވަނީ ފޯރުކޮށްދީފައެވެ.
ވޫހާން ފޮރިން ލޭންގުއޭޖް ސްކޫލްގައި ތަޢުލީމު ހާސިލު ކުރަމުންދާ ޝެން ޖައޮރާންއަކީ، މި މަޝްރޫއުގެ ސަބަބުން ބޮޑު ފައިދާއެއް ކުރި އެއް ދަރިވަރެވެ.
ޖޫނިއަރ ހައި ސްކޫލުގަ އުޅުނުއިރު އަހަރެންގެ ޝައުޤުވެރިކަން ވަރަށް ބޮޑަށް ހުރި ކެމިސްޓްރީއަށް. އޭރު އަހަރެން ކުޅުނީ، "ކޮންޓެއިނަރ" ކިއާ އެޕަކާ. އެކި ކަހަލަ ފުޅިފުޅި އެއްކޮށްގެން، ދެން ނުކުންނަ ނަތީޖާތައް ބަލާ ކަހަލަ އެޕެއް އެއީ. އެއީ އަހަރެން ވަރަށް ގަޔާވާ ކަމެއް. އޭރުއްސުރެ އަހަރެން ހުންނަނީ އެކަން ޢަމަލީ ގޮތުން ކޮށްލަން ލިބޭތޯ ބަލަބަލާ. ކޮންމެސް ދުވަހަކުން އަސްލު ލެބަކަށް ދެވޭނެ ކަމުގެ ޢުއްމީދުގަ.ޝެން ޖައޮރާން؛ ޗައިނާގެ ދަރިވަރެއް
ޝެން ފަދައިން، އެތައް ދަރިވަރުންނެއްގެ ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖެއްސުމަށް، މި މަޝްރޫއުގެ ސަބަބުން ވަނީ އެހީތެރިކަން ލިބިފައެވެ. ހައި ސްކޫލަށް ވުރެ މަތީ ފަންތީގެ ޕްރޮގްރާމްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެ، ދިރާސާތަކުގައި ބައިވެރިވުމުގެ ފުރުޞަތުވެސް އެ ދަރިވަރުންނަށް ލިބެއެވެ. ޗައިނާގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ ޔުނިވަރސިޓީތަކުގެ ސައެންސްވެރިންނާއެކު މަސައްކަތް ކުރުމުގެ ފުރުޞަތުވެސް އެ ދަރިވަރުންނަށް ލިބެއެވެ.
ޢަމަލީ ދިރާސާ މަޝްރޫޢެއްގައި 1 ސެމެސްޓަރުގެ ކިޔެވުން ފުރިހަމަ ކޮށްފައި ވާ ޝެން ބުނި ގޮތުގައި، ޕްރޮފެސަރ ޖާއޯއާ އޭނާގެ ޓީމުން ތަރައްޤީ ކޮށްފައި ވާ ހޮލޯގްރާފިކް ޕްރިންޓިންގް ޓެކްނޮލޮޖީއަކީ، ޝެންގެ ސަމާލުކަން ދަމައިގަތް މަޝްރޫއެއް ކަމަށެވެ.
ޗައިނާއިން މިކަން މިގޮތަށް ކުރަމުން ދާތާ މިހާރު 10 އަހަރު ވެއްޖެއެވެ. މަޝްރޫޢުގެ ތެރެއިން، ކާމިޔާބު ސައެންސްވެރިންތަކެއްވެސް ވަނީ އުފައްދާފައެވެ. އޭގެ ތެރެއިން އެކަކީ، ޕީއެޗްޑީއަށް ކިޔަވަމުންދާ ވޭންގް ޔޫޝުއާންއެވެ. ވޭންގްއަކީ ހާއްސަ ކުދިންނަށް ހާއްސަކޮށްގެން ހިންގާ ސައެންސްއާއި ޓެކްނޮލޮޖީ ޕްރޮގްރާމްގެ ދަށުން، 2016 ވަނަ އަހަރު، 1 އަހަރު ދުވަހުގެ ތަމްރީނު ފުރިހަމަ ކުރި ދަރިވަރެކެވެ. އޭނާ މިހާރު ހާއްސަ ވަމުން ދަނީ އޮޕްޓޯއިލެކްޓްރޯނިކްސްގެ ރޮނގުންނެވެ. ވޭންގް ބުނާ ގޮތުގައި، އޭނާގެ ދާއިރާއިން މިހާރުވެސް ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ.
އަހަރެންގެ އަމާޒު ހުރީ ޒަމާނީ ޢާލާތްތައް އުފައްދާ، އަމަލީ ގޮތުން ކުލިނުކުތަކުގައި އެ ސާމާނުގެ ބޭނުން ކުރެވޭނެ ގޮތް ހަދަން. އެއީ ޗައިނާގެ ބޭސްވެރި ޢާލާތްތަކުގެ ސިނާޢަތަށް ކުރިމަތިވެފަ އޮތް ތާށިކަމަށް ލުޔެއް ހޯދައިދޭން ބޭނުންވާތީ.ވޭންގް ޔޫޝުއާން؛ ޗައިނާގެ ޕީއެޗްޑީ ދަރިވަރެއް
އަދުގެ ޒަމާނީ ދުނިޔޭގެ ތަރައްޤީގެ ރޭހުގައި ޗައިނާއިން ބޭނުން ކުރާ އެންމެ ވަރުގަދަ ހަތިޔާރެއް ކަމުގައި އެ ޤައުމުން ހަދާފައި ވަނީ ސައެންސްއާއި އާ އީޖާދުތަކެވެ. ޝެން ފަދަ ޅަ ސިކުނޑިތައް މި ރޮނގުން ތަމްރީނުގެ ކުރުމުގެ ސަބަބުން، ޗައިނާގެ ކުރިމަގު އުޖަލާވެގެން ދާނެ ކަމަށް އެ ޤައުމުން ޤަބޫލު ކުރެއެވެ.