ކ. މާލެ
|
2 މެއި 2023 | އަންގާރަ 10:43
މެޗުގައި ލަނޑު ޖެހުމަށް ފަހު ވުލްވްސްބާގުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު ވުލްވްސްބާގުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓަރސް
ޔުއެފާ އަންހެން ޗެމްޕިއަންސް ލީގު
އިތުރު ވަގުތު ކުޅެގެން އާސެނަލް ކަޓުވާލައި ވުލްވްސްބާގް ފައިނަލަށް
ވުލްވްސްބާގު ފައިނަލަށް ގެންގޮސްދިން ލަނޑު 119 ވަނަ މިނެޓުގައި ޖެހީ ޕޯލީން ބްރެމާ

ޔުއެފާ އަންހެން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި އިތުރު ވަގުތު ކުޅެގެން އާސެނަލް ކަޓުވާލައި، ވުލްވްސްބާގުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި ދެ ޓީމު ވުލްވްސްބާގުގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އެހެންކަމުން ފައިނަލް ޖާގަ ލިބެން އޮތީ ހޯމަ ދުވަހުގެ ރޭ އާސެނަލްގެ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުން މޮޅުވާ ޓީމަކަށެވެ. މެޗު ފަށައިގެން 11 ވަނަ މިނެޓުގައި އާސެނަލުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ލިއާ ވަލްޓީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ސްޓިނާ ބްލެކްސްޓެނިއަސް އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ވުލްވްސްބާގުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެލެގްޒެންޑްރާ ޕޮޕް ތަނަވަސްކޮށްދިން ފުރުސަތެއްގައި ލަނޑު ޖެހީ ޖިލް ރޫޑް އެވެ.

ދެ ވަނަ ހާފު ފަށައިގެން ވުލްވްސްބާގުން ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގައި ކުރި ހޯދައިފަ އެވެ. ފެލިސިޓަސް ރައުޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި މެޗުގެ 58 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޕޮޕް އެވެ. އޭގެ ފަހުން 75 ވަނަ މިނެޓުގައި އާސެނަލުން ނަތީޖާ ހަމަހަމަ ކުރި އެވެ. ލޮޓޭ ވުބެން-މޮއި ދިން ބޯޅައެއް ގޯލަށް ވައްދާލައިގެން އާސެނަލަށް ނަތީޖާ ހަމަހަމަކޮށްދިނީ ޖެން ބީޓީ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ވަނީ 15 މިނެޓުގެ ދެ ހާފު ކުޅެފަ އެވެ. ވުލްވްސްބާގު ފައިނަލަށް ގެންގޮސްދިން ލަނޑު 119 ވަނަ މިނެޓުގައި ޖެހީ ޕޯލީން ބްރެމާ އެވެ.

އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހު ކުޅޭ ފައިނަލްގައި ވުލްވްސްބާާގުން ނިކުންނަން ޖެހޭނީ ބާސެލޯނާއާ ދެކޮޅަށެވެ.

- ކޮމެންޓް