ކ. މާލެ
|
2 މެއި 2023 | އަންގާރަ 07:31
ޕްރިމިއާ ލީގުގައި ލިވަޕޫލުން ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުގައި ކްލޮޕް
ޕްރިމިއާ ލީގުގައި ލިވަޕޫލުން ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުގައި ކްލޮޕް
ރޮއިޓާސް
ލިވަޕޫލް
"އަހަރެންނަކީ ޖަރުމަނު މީހެއް، ޤައުމީ ސަލާމާމެދު ގޮތެއް ނިންމާނީ ކުލަބުން"
 
ކްލޮޕް ބުނީ، އެކަމަކީ ކުރުން ރަނގަޅު ކަމެެއްގެ ގޮތުގައި އޭނާ ދެކޭ ކަމަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ޤައުމީ ސަލާމް ކިޔުމާމެދު ގޮތެއް ނިންމާނީ ކުލަބުން ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ކްލޮޕް މިހެން ބުނީ، އިނގިރޭސި ރަސްކަމުގެ ތަހުތުގައި ރަސްގެފާނު ޗާލްސް ރަސްމީކޮށް ވެޑުވިވަޑައިގަންނެވުމުގެ ޝަރަފުގައި މި މަހުގެ ހަ ވަނަ ދުވަހު ޕްރިމިއާ ލީގުގެ މެޗުތަކުގެ ކުރިން ޤައުމީ ސަލާމް ކިޔުމަށް ނިންމާފައިވުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ކްލޮޕް ދެކޭ ގޮތާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން އޭނާ ބުނީ، އެއީ އޭނާގެ ނިންމުމެއް ނޫން ކަމަށެެވެ. ކްލޮޕް ފާހަގަ ކުރި ގޮތުގައި އެފަދަ ކަންކަމުގައި ގޮތް ނިންމާނީ ކުލަބުންނެވެ. ކްލޮޕް ބުނީ، އޭނާ އަކީ ލިވަޕޫލްގައި ހުރި ޖަރުމަނު މީހެއް ކަމަށާއި އެކަމާ ގުޅިގެން އޭނާ ބުނާނެ ވަކި އެއްޗެއް ނޯންނާނެ ކަމަށެވެ. ނަމަވެސް އެކަމަކީ ކުރުން ރަނގަޅު ކަމެެއްގެ ގޮތުގައި އޭނާ ދެކޭ ކަމަށެވެ. އަދި އެކަމުގައި އޭނާގެ ޚިޔާލު ހޯދި ނަމަވެސް، އެއީ އޭނާއާ އެއްވެސް ގުޅުމެއް އޮންނާނެ ކަމެއް ނޫން ކަމަށް ވެސް ކްލޮޕް ވަނީ ބުނެފަ އެވެ.

ޝާހީ ގަނޑުވަރު ބަކިންހަމް ޕްލަސްއިން އަންގާފައިވާ ގޮތުން، އެދުވަހު ކުޅޭ ހުރިހާ މެޗެއްގައި ވެސް ގައުމީ ސަލާމް ކިޔަން ޖެހޭނެ އެވެ. އަދި ގައުމީ ސަލާމް ކިޔާއިރު ކުޅުންތެރިން ތިބެ ޖެހޭނީ ސެންޓަސާކަލް މެދުގައި ވަށްބުރަކަށް އެތުރިގެންނެވެ. މިވަގުތު ކުޅުންތެރިންގެ ކުރިމަތީގައި ރަސްގެފާނު ޗާލްސް އާއި އަނބިކަނބަލުން ކެމީލާގެ ހާއްސަ ފޮޓޯފުޅެއް ވެސް ބަހައްޓާފައި ހުންނާނެ އެވެ. މީގެ އިތުރުން ގައުމީ ސަލާމް ކިޔާ ވަގުތު ރަސްގެފާނު ތަހުތާ ހަވާލުވެވަޑައިގަންނަވާ ރަސްމިއްޔާތުގެ ހާއްސަ ބެޖު، ބޮޑު ސްކްރީނުގައި ދައްކާނެ އެވެ. ބަކިމްހަމް ޕެލަސްއިން މިހާރު ދަނީ ޕްރެމިއާ ލީގު މެދުވެރިކޮށް މި ބެޖު ކުލަބުތަކަށް ފޯރުކޮށްދެމުންނެވެ.

ނޫން، އެއީ ކުލަބުން ނިންމަން ޖެހޭ ކަމެއް. އަހަރެންނަކީ ކުލަބުގައި ހުރި ޖަރުމަނު މީހެއް، އެހެންކަމުން އެކަމުގައި އަހަރެން ވަކި ކީކޭ ބުނާނީ؟
ޔާގަން ކްލޮޕް / ލިވަޕޫލްގެ ކޯޗު

ގައުމީ ސަލާމް ކިޔަން އެންގުމާ ގުޅިގެން ލިވަޕޫލުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ބޭރުގެ މީޑިއާތަކުގައި ވަނީ ބުނެފަ އެވެ. އެ ޓީމުގެ ސަޕޯޓަރުން ވަނީ މިދިޔަ އަހަރުގެ އެފްއޭކަޕް ފައިނަލްގައި ގައުމީ ސަލާމް ކިޔަން ފެށުމުން ގައުމީ ސަލާމަށް މަލާމާތްކޮށް އަޑުގަދަކޮށްފަ އެވެ. ނަމަވެސް މިފަހަރު ޤައުމީ ސަލާމް ކިޔުމާމެދު ލިވަޕޫލުން މިހާތަނަށް ވަކި ނިންމުމެއް ނިންމާފައެއް ނުވެ އެވެ.

މި މަހުގެ ހަ ވަނަ ދުވަހު ލިވަޕޫލްގެ އެންފީލްޑުގައި އެ ޓީމުން ނުކުންނާނީ ބްރެންޓްފޯޑާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
40%
20%
0%
40%
0%
0%
ކޮމެންޓް