ކ. މާލެ
|
1 މެއި 2023 | ހޯމަ 13:30
ސިވިލް ސަރވިސްގެ ރައީސް މުހައްމަދު ނާސިހް
ސިވިލް ސަރވިސްގެ ރައީސް މުހައްމަދު ނާސިހް
ސިވިލް ސާވިރސް ކޮމިޝަން
ދިވެހި ސިވިލް ސަރވިސް ދުވަސް
ސީއެސްސީގެ މުވައްޒަފުން ގުޅިގެން މަސައްކަތްކުރުމުގެ ސަގާފަތެއް އަށަގެންނެވުމަށް މަސައްކަތް ކުރަންޖެހޭ: ނާސިހް
 
ޚިދުމަތް ހޯދާ ފަރާތްތަކާ މުއާމަލާތް ކުރުމުގައި ސާފު ސާދާ ދެފުށް ފެންނަ ގޮތްތައް ހިޔާރުކުރަންޖެހޭ
 
ޓެކްނޯލޮޖީއަށް އަންނަމުންދާ ބަދަލާއެކު ޚިދުމަތް ދިނުމުގެ ވައްޓަފާޅިއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި
 
ކޮމިއުޓަރާއި، އައި.ސީ.ޓީ.ގެ ހުނަރުތައް ހުރިހާ މުވައްޒަފުން ވެސް ދަސްކުރަންޖެހޭ

ސިވިލް ސަރވިސް (ސީއެސްސީ) ގެ މުވައްޒަފުން ގުޅިގެން މަސައްކަތްކުރުމުގެ ސަގާފަތެއް އަށަގެންނެވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އެކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވެއްޖެއެވެ.

ދިވެހި ސިވިލް ސަރވިސް ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި ސަރވިސްގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް އަރިސްކުރައްވައި ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ސީއެސްސީ، ގާނޫނީ ގޮތުން ވަކި ޚިދުމަތެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަތާ މިވީ 15 އަހަރު ދުވަހުގެ ތެރޭގައި ވަރަށް ގިނަ ކުރިއެރުންތައް ހޯދާފައިވާ ކަމަށެވެ. އަދި ޒަމާނަށާއި ޓެކްނޯލޮޖީއަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން، ދުވަހުން ދުވަހަށް ޚިދުމަތް ދިނުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަަމަށް ނާސިހް ވިދާޅުވިއެވެ.

މީގެ ކުރިން އިދާރާތަކަށް ގޮސް ރައްޔިތުން ހޯދި ބައެއް ޚިދުމަތްތައް މިހާރު ގޭގައި ތިބެގެން އޮންލައިން ވިއުގަތައް މެދުވެރިކޮށް ހޯދުމުގެ ފުރުސަތު ފަހިވެގެން ގޮސްފައިވާކަން ފާހަގަކުރައްވައި ނާސިހް ވިދާޅުވީ ނަތީޖާއެއްގެ ގޮތުން ބަދަލުވަމުން މިދާ ވަޒީފާގެ މާހައުލުގައި މުވައްޒަފުންނަށް ބޭނުންވާ ހުނަރުތައް ތަފާތުވެ ބަދަލުވަމުންދާ ކަމަށެވެ. އެގޮތުން ކޮމިއުޓަރާއި، އައި.ސީ.ޓީ.ގެ ހުނަރުތަކަކީ ހުރިހާ މުވައްޒަފުން ވެސް ދަސްކޮށް އަށަގެންނެވުމަށް ކޮންމެހެން ލާޒިމް ހުނަރުތަކަކަށް ވެފައިވާ ކަމަށް ނާސިހް ވިދާޅުވިއެވެ.

މީގެ އިތުރުން ނާސިހް ވިދާޅުވީ ސިވިލް ސަރވިސްއަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއް ކުރުމާއި ރައްޔިތުންނަށް ޚިދުމަތްކުރުމަށް އޮތް މުއައްސަސާއަކަށްވާއިރު، ރައްޔިތުން ބަލައިގަންނަ ގޮތެއްގައި ޚިދުމަތް ދިނުމުގައި ޚިދުމަތް ހޯދާ ފަރާތްތަކާ މުއާމަލާތް ކުރުމުގައި ސާފު ސާދާ ދެފުށް ފެންނަ ގޮތްތައް ހިޔާރުކޮށް، މައްސަލަ ހައްލު ކުރުމުގެ ވިސްނުމުގައި މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ވަޒީފާގެ މާހައުލުގައި ވެސް ދޭދޭ މުވައްޒަފުން ދެމެދުގައި މި ނަޒަރިއްޔާތުން މުއާމަލާތް ކުރެވިގެން ދިއުމަކީ ސީއެސްސީގެ އެންމެ މުހިއްމު އެއް އަމާޒުކަމުގައިވާ ފެންވަރު ރަނގަޅު ޚިދުމަތެއް އަވަސް މިނެއްގައި ރައްޔިތުންނަށް ފޯރުވައިދިނުމަށް މަގު ފަހިވެގެންދާނެ ކަމެއް ކަމަށް ނާސިހް ވިދާޅުވިއެވެ.

ދިވެހި ސިވިލް ސަރވިސް ދުވަސް ފާހަގަކުރާއިރު، ކޮންމެ އިދާރާއެއްގެ ސަރވިސް ޗާޓަރުގައި ބަޔާންކުރާ ޚިދުމަތްތައް އެ ބަޔާންކުރާ މިންވަރަށް އަދި ބަޔާންކުރާ ފެންވަރަށް ކަނޑައެޅިފައިވާ މުއްދަތުގައި ދިނުމަށް ދެވޭ ސަމާލުކަން އިތުރުކުރަންޖެހޭކަން ފާހަގަކުރައްވައި ނާސިހް ވިދާޅުވީ ލަޑުދަޑިތަކަށް ވާސިލުވުމަށް އެކަކު އަނެކަކަށް އެހީތެރިވެދިނުމާއެކު ގުޅިގެން މަސައްކަތްކުރުމުގެ ސަގާފަތެއް އަށަގަންނުވަންޖެހޭ ކަމަށެވެ. އަދި ފެންވަރު ރަނގަޅު އަވަހަށް ލިބިގެންދާ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ ހުނަރުވެރި މުވައްޒަފުންނަށްވުމަށް އަތުކުރި އޮޅާލައި އައު އަޒުމެއް ކަނޑައެޅުމަށް ނާސިހް އެދިވަޑައިގެންނެވިއެވެ.

ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދާއި ސުލޫކީ މިންގަނޑުގައި ހިފަހައްޓައިގެން އިޙްލާސްތެރިކަމާއެކު ޚިދުމަތް ކުރުމަށާއި، ސިވިލް ސަރވިސް އަކީ ރައްޔިތުން ބަލައިގަންނަ އިތުބާރުކުރާ ޚިދުމަތްތަކަށް ހެދުމަށް ސަމާލުކަން ދިނުމަށް ވެސް ނާސިހް ވަނީ އިލްތިމާސްކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް