ކ. މާލެ
|
2 މެއި 2023 | އަންގާރަ 07:15
މެޗަށްފަހު ކްލޮޕް ޕޯލް ޓިއާނީއާ ވާހަކަ ދައްކަނީ
މެޗަށްފަހު ކްލޮޕް ޕޯލް ޓިއާނީއާ ވާހަކަ ދައްކަނީ
ރޮއިޓާރސް
ލިވަޕޫލް
ކްލޮޕްގެ ނުރުހުން ރެފްރީ ޕޯލް ޓިއާނީ އަށް
 
ކްލޮޕް ބުނީ، ޕޯލް ޓިއާނީ އޭނާއާ ދިމާލަށް ބަލާ ގޮތް ވެސް އެެއްވެސް ވަރަަކަށް ނުވިސްނޭ ކަމަށް

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްގެ ނުރުހުން ރެފްރީ ޕޯލް ޓިއާނީ އަށް އަމާޒުކޮށްފި އެވެ.

އޭނާ މިހެން ވާހަކަ ދެއްކީ އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެވެ. ކްލޮޕް ބުނީ، އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ރެފްރީ ޕޯލް ޓިއާނީ އަކީ ލިވަޕޫލާ ދެކޮޅަށް ނުވަތަ އެ ޓީމާ ޒާތީ ގޮތުން ޖައްސާލައިފައިވާ މީހެއް ކަމަށެވެ. މެޗުގައި ޓޮޓެންހަމުން ނަތީޖާ ހަމަހަމަ ކުރި ހިލޭ ޖެހުން ދިނުމާއެކު، ކްލޮޕް ވަނީ އެކަމާ ރުޅި ގަދަވެފަ އެވެ. އޭގެ ފަހުން މެޗުން ލިވަޕޫލް މޮޅުކޮށްދިން ލަނޑު ޑިއޭގޯ ޖޮޓާ ޖެހުމާއެކު ކްލޮޕް ވަނީ އުފާ ފާޅުކޮށްފަ އެވެ. އުފާ ފާޅު ކުރުމުގެ ތެރެއިން މެޗުގެ އޮފިޝަލާ ދިމާލަށް ކްލޮޕް ދިޔުމުން، ރެފްރީ ވަނީ ކްލޮޕަށް ރީނދޫ ކާޑެއް ވެސް ދައްކައިފަ އެވެ.

ކްލޮޕް ބުނީ، ރެފްރީ ޕޯލް ޓިއާނީ އަކީ އަބަދުވެސް ތާރީޚެއް އޮންނަ މީހެއް ކަމަށާއި، ކުރިން ވެސް އޭނާ އަމަލުކޮށްފައި ވަނީ އެފަދަ ގޮތަކަށް ކަމަށެވެ. ނަމަވެސް ޕޯލް ޓިއާނީ ލިވަޕޫލާ "ޖައްސާލައިގެން" އުޅޭ ސަބަބެއް އެއް ގޮތަކަށް ވެސް އޭނާ އަށް ސާފު ނުވާ ކަމަށެވެ. ކްލޮޕް ފާހަގަ ކުރި ގޮތުގައި މެޗަށް ފަހު ޕޯލް ޓިއާނީއާ ދެއްކި ވާހަކަތުގެ ތެރޭގައި ލިވަޕޫލާ އެއްވެސް މައްސަލައެއް ނެތް ކަމަށް އޭނާ ބުނި ނަމަވެސް، އެއީ ހަގީގަތެއް ނޫން ކަމަށެވެ. އެގޮތުން ޕޯލް ޓިއާނީ އޭނާއާ ދިމާލަށް ބަލާ ގޮތް ވެސް އެެއްވެސް ވަރަަކަށް ނުވިސްނޭ ކަމަށެވެ. އޭނާ ބުނީ އިނގިރޭސިވިލާތުގައި މި ހާލަތްތައް އެއްވެސް މީހަކު ސާފުކޮށްދޭން ނުޖެހޭ ކަމަށާއި، އެއީ ހަގީގަތުގައި ވެސް ވިސްނަން އުނދަގޫ ކަންތައްތަކެއް ކަމަށެވެ.

އޭނާ (ޕޯލް ޓިއާނީ) އަހަރެންނާ ދިމާލަށް ބަލާ ގޮތް، އެއްވެސް ގޮތަކަށް ނުވިސްނޭ ކީއްވެ ކަމެއް. އިނގިރޭސިވިލާތުގައި މި ހާލަތްތައް އެއްވެސް މީހަކު ސާފުކޮށްދޭން ނުޖެހޭ. އެއީ ހަގީގަތުގައި ވެސް ވިސްނަން އުނދަގޫ ކަންތައްތަކެއް.
ޔާގަން ކްލޮޕް / ލިވަޕޫލްގެ ކޯޗު

އިތުރަށް ވާހަކަ ދައްކަމުން ކްލޮޕް ބުނީ، އޭނާ އަށް ރީނދޫ ކާޑު ދެއްކި ވަގުތުގައި ޕޯލް ޓިއާނީ ބުނި އެއްޗަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ އެއްޗެއް ނޫން ކަމަށެވެ. ނަމަވެސް ޕޯލް ޓިއާނީ ބުނީ ކީކޭ ކަމެއް ކްލޮޕް ހާމަކޮށްފައެއް ނުވެ އެވެ. އެކަން ފާހަގަކޮށް ކްލޮޕް ބުނީ، އޭނާ އަކީ އާންމު ގޮތެއްގައި ރެފްރީންގެ ވާހަކަ ދައްކަން ބޭނުންވާ މީހެއް ވެސް ނޫން ކަމަށާއި، ނަމަވެސް ބައެއް ޙާލަތްތަކުގައި ކަންތައް ކުރިމަތިވާ ގޮތުގެ ސަބަބުން އެ ވާހަކަ ދައްކަން މަޖުބޫރު ވަނީ ކަމަށެވެ.

މެޗުގައި ޖޮޓާ ޖެހި ލަނޑާއެކު އުފާ ފާޅު ކުރުމުގެ ތެރޭގައި ކްލޮޕްގެ ފަޔަށް ވެސް ވަނީ ކޮންމެ ވެސް ވަރެއްގެ އަނިޔާއެއް ވެފަ އެވެ. ނަމަވެސް ކޮލޮޕް ބުނީ، މާ ބޮޑު އަނިޔާއެއް ލިބިފައިވާކަމަށް ޤަބޫލު ނުކުރެވޭ ކަމަށާއި، އެއީ އެ ވަގުތުގައި ފައި އެޅުނު ގޮތެއްގެ ސަބަބުން އެރި ތަދެއް ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް