އިނގިރޭސި ޕްރިމިއަރ ލީގުގެ ތިންވަނައަށް ވާދަކުރަމުން އަންނަ މެންޗެސްޓަރ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑްވެސް މޮޅުވެއްޖެއެވެ.
ގަދަ ހަތަރެއްގެ ޖާގައަކާއެކު ޗެމްޕިއަންސް ލީގުގެ ޖާގަ ޔަގީންކުރަން މަސައްކަތްކުރާ ދެޓީމްގެ މެދުގައި އޮތީ ދެ ޕޮއިންޓުގެ ފަރަކެވެ. މިވަގުތު މެންޗެސްޓަރ ޔުނައިޓެޑް އޮތީ ހަތަރުވަނާގައެވެ. ތިންވަނަ ހޯދުމުގެ އަމިއްލަ ބާރު ދެމެހެއްޓީ 1-0ން އެސްޓަން ވިލާ ބަލިކޮށްގެންނެވެ. ޔުނައިޓެޑް މެޗުން މޮޅުކޮށްދިން ލަނޑު ފުރަތަމަ ހާފްގައި ޖެހީ ބުރޫނޯ ފެނާންޑޭޒްއެވެ. މިއީ އޭނާގެ ކެރިއަރުގައި 100 ވަނަ ލީގު ގޯލެވެ. މެޗަށްފަހު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ، 2020 ވަނަ އަހަރު ކްލަބާ ގުޅުނު ބުރޫނޯ ފެނާޑޭޒްއަކީ ކްލަބަށް ކިހާ މުހިންމު ކުޅުންތެރިއެއްކަން ބުނެދޭންވެސް ނޭނގޭކަމަށެވެ. މި މޮޅާއެކު ޔުނައިޓެޑުން ވަނީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ވަރަށް ބޮޑަށް ޔަގީންކޮށްފައެވެ. އެއީ 32 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ.
ތިންވަނާގައި އޮތީ ފަހަތުން އަރައި ސައުތުހެމްޓަން ބަލިކުރި ނިއުކާސަލް ޔުނައިޓެޑެވެ. އެއީ 33 މެޗުން 65 ޕޮއިންޓާއެކުއެވެ. ސައުތުހެމްޓަން އަތުން ނިއުކާސަލް މޮޅުވީ 3-1ންނެވެ. ފުރަތަމަ ހާފް ނިމެނިކޮށް، މެޗުގެ ފުރަތަމަ ލަނޑު ޖަހައި ސައުތުހެމްޓަންއަށް ކުރި ހޯދައިދިނީ އާމްސްޓްރޯންގްއެވެ. ނިއުކާސަލްއިން ނަތީޖާ ހަމަހަމަކުރީ ވިލްސަން ޖެހި ލަނޑުންނެވެ. ނިއުކާސަލްގެ ތިންވަނަ ލަނޑުވެސް ޖެހީ އޭނާއެވެ. ދެވަނަ ލަނޑަކީ ވަލްކޮޓް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.