ކ. މާލެ
|
30 އޭޕްރިލް 2023 | އާދީއްތަ 17:10
ސިއްހީ ހިދުމަތްތެރިންގެ މުސާތައް މެއި 1 ވަނަ ދުވަހުން ފެށިގެން ބޮޑުވާނެ
ސިއްހީ ހިދުމަތްތެރިންގެ މުސާތައް މެއި 1 ވަނަ ދުވަހުން ފެށިގެން ބޮޑުވާނެ
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
އެތައް ސަރުކާރަކުން އަޅާނުލި، މި ސަރުކާރުން ދިނީ ހާހުން މުސާރައިގެ ކުރިއެރުން
ސްޕެޝަލިސްޓް ނަރުހުންގެ މުސާރަ މިހާރުވާނީ އިތުރުގަޑީގެ އެލަވަންސް ނުލައި 41,976 ރުފިޔާ ލިބޭނެ
ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުސާރައަށް މިހާރުވާނީ އިތުރުގަޑީގެ އެލަވަންސް ނުލައި 98,137 ރުފިޔާ ލިބޭނެ
އިތުރުގަޑީގެ އެލަވަންސް ނުލައި އެވްރެޖްކޮށް މަހަކު 21,585 ރުފިޔާ ސޯޝަލް ވޯކަރަކަށް ލިބޭނެ

ރާއްޖޭގެ ސަރުކާރު ހޮސްޕިޓަލަކުން ސިއްހީ ޚިދުމަތް ދޭން ފެށިތާ 75 އަހަރު ފާއިތު ވެއްޖެއެވެ. ނަމަވެސް ސިއްހީ ހިދުމަތުގެ ތާރީޚު ފެށިފައި އޮތީ އެއަށްވުރެ އެތައް ސަތޭކަ އަހަރެއް ކުރިންނެވެ. މި ޖަޒީރާތަކުގައި ދިވެހިން ވަޒަންވެރިވެ އުޅެން ފެށުމާއެކު، ސިއްހީ ޚިދުމަތްތައްވެސް އޮތީ ފެށިފައެވެ.

ނަމަވެސް ސަރުކާރަކުން އެކަން ކުރަން ފެށި އިރާއި މިހާރާއި ހާސް ތަފާތެވެ. ޒަމާނާ އެއްވަރަށް ހިދުމަތްތައް ފުޅާވަމުން އަންނަ އިރު އަދި އެ ހިދުމަތް ހޯދާ މީހުންގެ އަދަދު ސަތޭކައިން، ހާހުން، ލައްކައަށް ބަދަލުވާ އިރުވެސް ބަދަލު ނުވާ އެއް ކަމަކީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ އުޖޫރައެވެ. ކަން މިހެން އޮތުމާއެކު ބަދަލު ނުވި މި އުޖޫރައާއެކު މުވައްފުން އެހެން ގޮތްތައް ހޯދަން ފެށިއެވެ.

އާހިރު ނަތީޖާއަކަށްވި ބޮޑު މުސާރަ ލިބޭ އެހެން ދާއިރާތަކަށް ގާބިލް ކުޅަދާނަ މުވައްޒަފުން ދިއުމެވެ. މިކަމުގެ ހައްލަކަށް އޮތީ ޒަމާނާ އެކަށީގެންވާ، ހައްގު އުޖޫރައެއް ދިނުމެވެ. އުސް އިމާރާތަކުން ނުވަތަ ހުޅުވާ އައު ޑިޕާޓްމަންޓަކުން ފުއްދާލެވޭކަށް ނެތެވެ. ކިތައްމެ ބޮޑު ތިއޭޓަރެއް ހުއްޓަސް، ފަޅާނެ ޑޮކްޓަރެއް ނެތި ތަނުގެ ބޭނުމެއް ނެތެވެ. ކިތައްމެ އިންޖެކްޝަނަކާއި، ބޭސް މަލަމެއް ހުއްޓަސް އެ އަޅާ ދޭނެ ނަރުހެއް ހެލްތް ވޯކަރެއް ނެތެވެ.

މައްސަލައިގެ ޖުމްލަ ހައްލަކަށް އެދި ގޮވަމުން ދިޔައީ މުސާރަ ބޮޑުކޮށްދިނުމަށެވެ. ހައްގު އެއްޗެއްގެ ވާހަކައެވެ. ނަމަވެސް އެތައް ވެރިކަމެއް ނިމި އެތައް އަހަރެއް ފާއިތުވެގެން ދިޔައިރުވެސް އެކަން އޮތީ ނުކޮށްދެވި މޭޒެއްގެ މަތީގައި އޮތް ފައިލެއްގެ ތެރޭގައި ބާއްވާފައެވެ.

އެ ފައިލު ނަގާ ހިރަފުސް ފޮޅާލާ އޭގައި އޮތް އާދޭސް ކިޔާލާ އޭގައި އޮތް ސިއްހީ ހިދުމަތްތެރިންގެ އާދޭހުގައި ކުލަޖައްސަން ފެށީ ރައީސް އިބްރާިމް މުހައްމަދު ޞާހިލުގެ ސަރުކާރުންނެވެ. މެއި 1 ވަނަ ދުވަހުން ފެށިގެން އަންނާނެ ބަދަލުތައް އަޑުއަހަން ތިބި އެއްކަލަ ސިއްހީ ހިދުމަތްތެރިން މިއަދު އުފަލުން ރޮވޭނެކަން ކަށަވަރެވެ.

އައި ބަދަލުތަކަށް ބަލާއިރު މީގެ ކުރިން، ސީނިއަރ ރެޖިސްޓަރޑް ނަރުހަކަށް އިތުރުގަޑީގެ އެލަވަންސާއެކު މަހަކު ލިބެނީ، އެވްރެޖްކޮށް 20,459 ރުފިޔާއެވެ. މިހާރު މި ގެނެވޭ ބަދަލާއެކު، އިތުރުގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް 29,271 ރުފިޔާ ލިބޭނެއެވެ. އަދި ސްޕެޝަލިސްޓް ނަރުހުންގެ މުސާރަ މިހާރުވާނީ އިތުރުގަޑީގެ އެލަވަންސް ނުލައި 41,976 ރުފިޔާގެ ގޮތުގައި ކަނޑައަޅާފައެވެ.

ސިއްހީ ހިދުމަތްތެރިންގެ މުސާތަކަށް އައި ބަދަލުތައް - ރާއްޖެއެމްވީ

މީގެ ކުރިން ސީނިއަރ މެޑިކަލް އޮފިސަރަކަށް އިތުރުގަޑީގެ އެލަވަންސާ އެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 28,727 ރުފިޔާއެވެ. މިހާރު މި ގެނެވޭ ބަދަލާއެކު، އިތުރުގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 41,541 ރުފިޔާ ލިބޭނެއެވެ.

ސިއްހީ ހިދުމަތްތެރިންގެ މުސާތަކަށް އައި ބަދަލުތައް - ރާއްޖެއެމްވީ

އަދި މެޑިކަލް ޕްރެކްޓިޝަނަރުންނަށް ވެސް، މި ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ހަރުފަތްތައް ތަޢާރަފުކޮށް، ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުސާރައަށް މިހާރުވަނީ އިތުރުގަޑީގެ އެލަވަންސް ނުލައި 98,137 ރުފިޔާ ކަނޑައަޅާފައެވެ. އިތުރުގަޑީގެ އެލަވަންސާއެކު، މި ދެންނެވި ހުރިހާ މުވައްޒަފުންގެ ޖުމްލަ މުސާރަ މިއަށްވުރެވެސް އިތުރުވާނެއެވެ.

ސިއްހީ ހިދުމަތްތެރިންގެ މުސާތަކަށް އައި ބަދަލުތައް - ރާއްޖެއެމްވީ

މި ދާއިރާއިން ދިވެހިން އިތުރަށް ބިނާކުރުމަށް ބާރުއެޅުމުގެ ގޮތުން، މެޑިކަލް އަދި ޑެންޓަލް އިންޓަރންޝިޕް ފުރިހަމަކުރާ ބޭފުޅުންނަށް އިންޓަރން އެލަވަންސެއް ދިނުމަށް ވަނީ ނިންމާފައެވެ. ރޭޑިއޭޝަން ތެރަޕިސްޓުންނާއި، މެޑިކަލް ފިޒިސިސްޓުންނާއި، ފާމަކޮލޮޖިސްޓުންނާއި، ޑަޔަލަސިސް ޓެކްނޮލޮޖިސްޓުން ފަދަ މަޤާމުތަކުގައި މިވަގުތު ދިވެހިންނެއް ނެތެވެ. އެހެން ނަމަވެސް، މިއީ ފަންނީ ދާއިރާތަކެކެވެ. އަދި މުސާރަ ބޮޑު ވަޒީފާތަކެކެވެ. ޞިއްޙީ ދާއިރާއިން ދިވެހިން މަދު މިފަދަ ފަންނުތަކުން މީހުން ބިނާކުރުމަށް ސްކޮލަރޝިޕާއި، ލޯނު ޕްރޮގްރާމްތައް ތަޢާރަފުކުރުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ.

ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއެކު، މޭ 1 ވަނަ ދުވަހުން ފެށިގެން، ސައިކޮލޮޖިސްޓުންނާއި، ކައުންސިލަރުންނާއި، ސޯޝަލް ވަރކަރުންނާއި، ސޯޝަލް ސަރވިސް ވަރކަރުން ހިމެނޭގޮތަށް، ސޯޝަލް ސަރވިސް ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް ގެންނަން ރައީސް ވަނި ނިންމަވާފައެވެ.

ސޯޝަލް ވަރކަރަކަށް މީގެކުރިން އިތުރުގަޑީގެ އެލަވަންސާއެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 12,944 ރުފިޔާއެވެ. މި ބަދަލާއެކު، އިތުރުގަޑީގެ އެލަވަންސް ނުލައި އެވްރެޖްކޮށް މަހަކު 21,585 ރުފިޔާ ލިބޭނެއެވެ. މިއީ ގާތްގަނޑަކަށް 67 އިންސައްތައިގެ ކުރިއެރުމެކެވެ.

ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިއްބެވި ބޭފުޅުންނަށް ވެސް، މޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި އެލަވަންސް ލިބެމުން ދާނެއެވެ.

ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މި ގެންނަ ހެޔޮ ބަދަލާއި، ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް ލިބޭ އެލަވަންސާ އެކު، ޖުމްލަ 9838 މުވައްޒަފުންނަށް މި ބަދަލުގެ ހެޔޮ އަސަރުކުރާނެއެވެ. މި ހުރިހާ ބަދަލަކަށް، އަހަރަކު ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރާނެއެވެ.

ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ޞިއްޙީ ދާއިރާގައި ޒަމާނުއްސުރެ އޮތް ކަންބޮޑުވުމަކަށް މިއާއެކު ޙައްލު ލިބިގެންދާނެއެވެ. އެއީ ޓެކްނިކަލް ވަޒީފާތަކުގެ އޮނިގަނޑު ހެދި، އެ ވަޒީފާތަކުން އިތުރަށް ކުރިއަށް ދެވޭނެ މަގުފަހިވުމެވެ. މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނާއި، ބަޔޯމެޑިކަލް އިންޖިނިއަރުންނަކީ، ފަންނީ މަސައްކަތް ކުރާ ބައެއް ކަމުން، އެ ފަންނުތަކުން އިތުރަށް ކުރިއަށް ދެވޭނެ މަގު ފަހިވުމަކީ މި ދާއިރާއަށް ލިބޭނެ ކުރިއެރުމެކެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމަށް އާ ޚިދުމަތްތަކާއި ވަސީލަތްތައް ސަރުކާރުން އަންނަނީ ތަޢާރަފް ކުރަމުންނެވެ. ޞިއްޙީ ދާއިރާގެ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މިހާރުވެސް އެބަ ކުރިއަށްދެއެވެ. ނަމަވެސް، މި ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މި ދާއިރާއަށް ޝައުޤުވެރިވާ ދިވެހިން މަދުވުމެވެ. ސްޕެޝަލިސްޓް ޑޮކްޓަރުންނާއި، ނަރުހުންނާއި، އެލައިޑް ހެލްތް ޕްރޮފެޝަނަލުން އަދި މެންޓަލް ހެލްތް ޕްރޮފެޝަނަލުން ލިބުން ދަތިވުމެވެ. ޚާއްޞަކޮށް، ތަމްރީނު ލިބިފައިވާ ދިވެހިން މި ދާއިރާތަކަށް ނުލިބުމެވެ.

ނަމަވެސް އިއުލާންކުރެވިގެންދިޔަ މުސާރައިގެ ބަދަލާއި، ސަރުކާރުގެ ޕޭހާމަނައިޒޭޝަންގެ ސިޔާސަތާއެކު މި މައްސަލަ މިއަދު މިވަނީ ޖުމްލަ ހައްލެއް ލިބިފައެވެ. ސިއްހީ ހިދުމަތްތެރިންގެ އަޑުއަހާ އެ ހުވަފެން މިވަނީ ހަގީގަތަކަށް ހަދާފައެވެ.

- ކޮމެންޓް