ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ޑިފެންސިވް މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް އިތުރު އެއް އަހަރަށް އެ ކުލަބުގައި މަޑު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ އަކީ މިވަގުތު ބާސެލޯނާގެ ކެޕްޓަންގެ މަގާމު ވެސް އަދާ ކުރަމުން އަންނަ ކުޅުންތެރިޔާ އެވެ. ބާސެލޯނާގެ އެއްބަސްވުން ބުސްކެޓްސް އެންމެ ފަހުން އައުކޮށްފައި ވަނީ 2018 ވަނަ އަހަރު އެވެ. އެ އަހަރު އޭނާ އެއްބަަސްވުން އައު ކުރީ ފަސް އަހަރުގެ މުއްދަތަކަށެވެ. އެހެންކަމުން ބުސްކެޓްސް ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މިހާރު ވެސް ބާސެލޯނާގައި މުހިންމު ދައުރެެއް އަދާ ކުރަމުން އަންނަ ކުޅުންތެރިޔާ މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލާނެ ކަމަށް ވެސް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.
ނަމަވެސް ސްޕެއިންގެ ނޫހެއްގައި ބުނެފައިވާ ގޮތުން، އިތުރު އެއް އަހަރަށް ބުސްކެޓްސް ބާސެލޯނާގައި ބެހެއްޓުމަށް އެ ކުލަބުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެ މަޝްވަރާގެ ތެރެއިން ކުރިއަށް އޮތް ދުވަސްތަކުގައި ބާސެލޯނާ އިން ބުސްކެޓްސް އަށް އެކަން ހުށަހަޅާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އިތުރު އަހަރަކަށް ބާސެލޯނާގައި މަޑުކުރުމަށް ކުލަބުން ހުށަހަޅައިފި ނަމަ، އެ ހުށަހެޅުން ބުސްކެޓްސް ޤަބޫލު ކުރުމަކީ ވެސް ގާތް ކަމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމާ ގުޅިގެން ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ، ބުސްކެޓްސް އަކީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށެވެ. އެގޮތުން ބުސްކެޓްސް އަކީ ބާސެލޯނާގެ ވައްޓަފާޅީގައި އެންމެ ފުރިހަމަ ފުޓުބޯޅައެއް ކުޅޭނެ ކުޅުންތެރިޔެއް ކަމަށާއި، އޭނާ އުންމީދު ކުރަނީ ބުސްކެޓްސް ކުލަބުގައި މަޑު ކުރާނެ ކަމަށެވެ. ނަމަވެސް ޒަވީ ބުނީ އެކަން އޮންނާނީ ބުސްކެޓްސްގެ އަތްމަތީގައި ކަމަށެވެ.
ބާސެލޯނާއިން ސީނިއާ ކެރިއަރު ފެށި ބުސްކެޓްސް ވަނީ މިހާތަނަށް އެ ކުލަބަށް ކުޅެދިން 718 މެޗުގައި 18 ލަނޑު ޖަހާފައެވެ. އޭނާ ވަނީ އެ ކުލަބާއެކު 31 ތައްޓެއްވެސް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު، ކޮޕަ ޑެލް ރޭ، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް ހިމެނެ އެވެ.