ކ. މާލެ
|
30 އޭޕްރިލް 2023 | އާދީއްތަ 14:13
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ފުލުހުންގެ އަހަރީ ދުވަހުގެ ހަފްލާފައި ވާހަކަދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ފުލުހުންގެ އަހަރީ ދުވަހުގެ ހަފްލާފައި ވާހަކަދައްކަވަނީ
ރައީސް އޮފީސް
ފުލުހުންގެ އަހަރީ ދުވަސް
ތަހުގީގެއް ލަސްވުމަކީ އެ ތަހުގީގެއް ބަލިކަށިވާ ކަމެއްނޫން - ރައީސް
ފުލުހުންގެ ތަހުގީގާ މެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދުމަކީ ހަމަ ވެދާނެ ކަމެއް
ތަހުގީގުގެ ހޯދުންތައް ޢާންމު ނުކުރާތީ، ނުވަތަ ތަހުގީގު ކުރިއަށްދާ ގޮތް ނޭނގިގެން ވެސް ސުވާލު އުފައްދަފާނެ

ތަހުގީގެއް ލަސްވުމަކީ، އެ ތަހުގީގެއް ބަލިކަށިވާ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތަށް 90 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ފުލުހުންގެ ތެރޭގައި ވަރަށް ތަޢުލީމީ އަދި ވަރަށް ތަޖުރިބާކާރު ފުލުހުން އެބަތިބި ކަމަށެވެ. ފުލުހުންގެ ތަހުގީގުތައް މިހާރު ކުރިއަށް އެ ގެންދަނީ، ޒަމާނީ ޓެކްނޮލޮޖީ އާއި އެފަދަ ފުލުހުންގެ ތަޢުލީމާއި ތަޖުރިބާގެ އަލީގައި ކަމަށެވެ. ނަމަވެސް މިހެން ވިދާޅުވާއިރު ވެސް، ފުލުހުންގެ ތަހުގީގާ މެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދުމަކީ ހަމަ ވެދާނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަހުގީގު ލަސްވެގެން ސުވާލު އުފައްދަފާނެ ކަމަށެވެ. ތަހުގީގުގެ ހޯދުންތައް ޢާންމު ނުކުރާތީ، ނުވަތަ ތަހުގީގު ކުރިއަށްދާ ގޮތް ނޭނގިގެން ވެސް ސުވާލު އުފައްދަފާނެ ކަމަށެވެ.

އަޅުގަނޑު ހިތުން ބައެއްފަހަރު ތަޙުޤީޤެއް ލަސްވުމަކީ، އެ ތަޙުޤީޤެއް ބަލިކަށިވާ ކަމަކަށް ނުވެދާނެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ފުލުހުންގެ ތަޙުޤީޤުތައް ކުރިއަށް އެ ގެންދަވަނީ، ޕްރޮފެޝަނަލިޒަމްގެ އެންމެ މަތީ މިންގަނޑުގައި. ވަގުތު ނެގިޔަސް، އިންޞާފު ޤާއިމުކުރެވޭ މިންވަރަށް ތަޙުޤީޤު ފުރިހަމަކުރުމަކީ، ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް. ފުލުހުންނަކީ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެއްބޮޅު. އެކަން ދިވެހި ފުލުހުން ކުރާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އަޅުގަނޑަށް އެބައޮތް.
ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ވިދާޅުވީ ބަވަނަވެފައިވާ އަދުގެ ދުނިޔޭގައި، ކުށަކީ އިމްޕޯޓްކޮށް އަދި އެކްސްޕޯޓް ވެސް ކުރެވޭ އެއްޗެއް ކަމަށެވެ. އެއް ޤައުމެއްގައި ހުރެގެން، މާ ދުރުގައި އޮންނަ އެހެން ޤައުމެއްގައި ޖަރީމާއެއް ހިންގުމަކީ ވެސް، މި ޒަމާނުގައި ކުރެވިދާނެ ކަމެއް ކަމަށެވެ.

އަދި ބޯޑަރުތަކާއި ސަރަޙައްދީ އިމަކީ، ކުށްވެރިންނާއި ކުށުގެ މާޙައުލު ދަންނަ އެއްޗެއް ނޫން ކަމަށެވެ. އެހެންކަމުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަޅި މިއަދު އަމާޒުކުރަން ޖެހެނީ ހަމައެކަނި މި ރާއްޖެއަކަށް ނޫން ކަމަށެވެ. އަދި ދިވެހިރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ރާއްޖޭގެ ގަސްކަރަ ނުފެންނަ ހިސާބުން މާދުރަށް ދިވެހި ފުލުހުންގެ ލޯތައް މިއަދު ހުޅުވަންޖެހޭ ކަމަށެވެ.

އަދުގެ ދުނިޔޭގައި އަޅުގަނޑުމެންގެ ރާއްޖެއަކީ ވެސް، ބައިނަލްއަޤުވާމީ ޢާއިލާގެ އެއްބައެއް. އެ ސަބަބަށްޓަކައި އަޅުގަނޑުމެންގެ ރާއްޖެއާއި ރާއްޖޭގައި އުޅޭ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން، އަދި މުދަލާއި ގެދޮރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެހެން ޤައުމުތަކުގެ ފުލުހުންގެ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކެއް ވެސް ހުރޭ.
ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ދިވެހި ފުލުހުންނަކީ، ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ހިނގާ އެފަދަ އޮއިވަރުތަކަށް ހޭލައި، ތައްޔާރީ ޙާލަތުގައި ތިބޭ ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބައިނަލްއަޤުވާމީ ފުލުހުންގެ އިދާރާ އިންޓަރޕޯލްގެ، ފިކްސްޑް ނެޓްވަރކް ޑޭޓާބޭސް އާއި ރާއްޖޭގެ ބޯޑަރ މެނޭޖްމަންޓު ސިސްޓަމް 2019 ވަނަ އަހަރުން ފެށިގެން ވަނީ ގުޅައިލާފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގައި ބޭނުންކުރާ އިންފޮރމޭޝަން ސިސްޓަމް ވެސް، 2020 ވަނަ އަހަރުން ފެށިގެން ވަނީ އިންޓަރޕޯލްގެ ޑޭޓާބޭސްއާ ގުޅައިލެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ނިޒާމުގެ ތެރެއިން ރާއްޖެއާއި އިންޓަރޕޯލް ގުޅައިލުމުން ވަރަށް ގިނަ މަންފާތައް ރާއްޖެއަށް ވެސް އަދި ބައިނަލްއަޤުވާމީ މުޖުތަމަޢަށްވެސް ލިބެމުން ދާނެ ކަމަށެވެ. ރާއްޖެއަށް އެތެރެވާ އަދި ބޭރުވާ ކޮންމެ ފަސިންޖަރެއްގެ މަޢުލޫމާތު އިމިގްރޭޝަންގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް މެދުވެރިކޮށް އިންޓަރޕޯލްގެ ޑޭޓާބޭސްތަކުން ޗެކް ކުރެވޭނެ ކަމަށެވެ.

- ކޮމެންޓް