ޕްރައިވަޓައިޒޭޝަން ބޯޑުގެ މެންބަރު ކަމަށް މ. ލޭންޑް އޮފް ގާޑަން، ފާތުމަތު ޝިރުވީން އަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ބުރާސްފަތި ދުވަހުގެ ޖަލްސާގައި އެ މަޤާމަށް ޝިރުވީން އައްޔަނުކުރެއްވުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސާލިިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ. އެ ސިޓީ މަޖިލީހުގައި އިއްވަވާދެއްވީ މަޖިލީހުގެ އަމީންއާމެވެ. ރައީސްގެ ސިޓީ ފުޅާ ގުޅިގެން އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓްޕްރައިސް (އެސްއޯއީ) ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފައެވެ.
އޭނާ އެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ މި ހަފްތާގެ ހޯމަ ދުވަހުއެވެ. ޝިރުވީން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރަކަށް އައްޔަނު ކުރެއްވުމާ ހަމައަށް މަސައްކަތް ކުރައްވަމުން ދިޔައީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް ކައުންސިލްގެ ގޮތުގައެވެ. އަދި މިހާރުވެސް ޝިރުވީން އަކީ ފެމެލީ ލީގަލް ކްލިނިކް (އެންޖީއޯ) ގެ އެގްޒެކެޓިވް ކޮމިޓީ މެންބަރެކެވެ.
ޝިރުވީން ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ކެމްބްރިޖުން މާސްޓަރސް އޮފް ލޯ ހާސިލުކުރައްވާފައެވެ.