ސްޕެނިޝް ލީގުގައި ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުން ލިބުނު ބައްޔާއެކު ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ނުރުހުން ފާޅުކޮށްފި އެވެ.
ލީގުގައި ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުން 4-2 އިން ބަލިވެ ރެއާލަށް ވަނީ ލީގު ދިފާއު ކުރުމުގައި އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، މެޗުގައި ރެއާލްގެ ކުޅުމުގެ ފެންވަރު އިންތިހާ އަށް ދަށް ކަމަށެވެ. އޭނާ ބުނީ ކޯޗުގެ ހައިސިއްޔަތުން އެކަމަށް މައާފަށް ވެސް އެދޭ ކަމަށާއި، ޓީމުގެ ފަރާތުން ފެނުނީ ރެއާލް މެޑްރިޑުގެ އަސްލު ކުޅުން ނޫން ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލްގެ ޑިފެންސްގައި ވެސް ފެނުނީ ދަށް ކުޅުމެއް ކަމަށާއި މެޗުން ބަލިވުމުގެ އެންމެ ބޮޑު އެއް އަސްލަކީ އެއީ ކަމަށެވެ. އިތުރަށް އަންޗެލޮޓީ ބުނީ ކުޅުންތެރިން ފެނުނީ ދަނޑު މަތީގައި އެއްވެސް ކަހަލަ ރޭވުންތެރިކަމެއް ނެތި ކަމަށާއި، އިންޑިވިޖުއަލް ކުޅުން ވެސް ދަށް ކަމަށެވެ.
މީގެ އިތުރުން އަންޗެލޮޓީ ބުނީ، ބައްޔާއެކު ސަޕޯޓަރުންނަށް ވެސް ބޮޑު މާޔޫސްކަމެއް ކުރިމަތިވާނެކަން އޭނާ އަށް އެނގޭ ކަމަށެވެ. އެގޮތުން ސަޕޯޓަރުން ރުޅިގަދަ ވެސް ވާނެ ކަމަށާއި، ރެއާލްގެ ކުޅުން އެ ފެންވަރަށް ދިޔުމަކީ އޭނާ އަށް ވެސް އުނދަގޫ ކަމެއް ކަމަށެވެ. އަނެއްކޮޅު ބައްޔާއެކު ވެސް ކުޅުންތެރިންނާއި މުޅި ޓީމު ހަނދާން ކުރަން ޖެހޭ އަނެއްކަމަކީ ރެއާލް އޮތީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައިކަން ފާހަގަކުރަމުން އޭނާ ބުނީ އެއީ ވަރަށް މުހިންމު މެޗެއް ކަމަށާއި، އެ މެޗުގެ ކުރިން ލީގުގެ ދެ މެޗާއި، ކޮޕަ ޑެލްރޭ މުބާރާތުގެ ފައިނަލް މެޗު އޮތް ކަމަަށެވެ. އެހެންކަމުން ރެއާލުން އެކަންކަން ރަނގަޅު ކުރުމަށް ވަރަށް ބޮޑަށް ސަަމާލުކަން ދޭން ޖެހޭނެ ކަމަށެެވެ.
ނަތީޖާގެ ސަބަބުން އަހަރަމެންނެކޭ އެއް ގޮތަށް ސަޕޯޓަރުން ދެރަވާނެ، ރުޅި ވެސް އަންނާނެ. އެކަމަކު އަހަރަމެން ހަނދާން ކުރަން ޖެހޭ އަނެއް ކަމަކީ ރެއާލް އޮތީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައިކަން.ކާލޯ އަންޗެލޮޓީ / ރެއާލް މެޑްރިޑުގެ ކޯޗު
އިތުރަށް ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، ޖިރޯނާ މެޗުގައި އޭނާ ހިތްހަމަޖެހޭ ފެންވަރުގެ ކުޅުމެއް ދެއްކީ ހަމައެކަނި ވިނީޝިއަސް ޖޫނިއާ ކަމަށެވެ. އޭނާ ބުނީ މެޗުގައި ވިނީޝިއަސް ލަނޑެއް ޖަހައި، އަނެއް ލަނޑު ޖެހުމަށް އެހީތެރިވެސް ވެދިން ކަމަށެވެ. ނަމަވެސް މުޅި ޓީމުގެ ކުޅުން ދަށް ކަމަށް އޭނާ ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. އޭނާ ބުނީ މެޗުގައި ރެއާލުން ބައިވަރު ގޯސް ހެދި ކަމަށާއި، މާ ބޮޑަށް ހުޅުވާލައިގެން ތިބުމުން ޖިރޯނާ އިން އެކަމުގެ ފައިދާ ނެގީ ކަމަށެވެ. އަންޗެލޮޓީ ބުނީ ދިމާވި މައްސަލަތައް ރަނގަޅު ނުކުރާ ނަމަ، ކުރިއަށް އޮތް ތަނުގައި ވެސް ރެއާލަށް މެޗުތަކުން މޮޅުވާން އުނދަގޫ ވާނެ ކަމަށެވެ.
ރެއާލަށް ދެން ލީގުގައި އޮންނާނީ އަމިއްލަ ދަނޑުގައި މި މަހުގެ 29 ވަނަ ދުވަހު އަލްމޭރިއާއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭނީ މެއި މަހުގެ ތިން ވަނަ ދުވަހު އެވެ. ކޮޕަ ޑެލްރޭ މުބާރާތުގެ ފައިނަލްގައި އޮސަސުނާއާ ދެކޮޅަށް ނުކުންނާނީ މެއި މަހުގެ ހަތް ވަނަ ދުވަހު އެވެ. އެއަށްފަހު ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުންނާނީ މެއި މަހުގެ ދިހައެއްގަ އެވެ.