އެއްބަސްވުމާ ބެހޭ ގޮތުން ޗެލްސީއަށް ކުޅެމުން އަންނަ ފޯވާޑް ޑިއެގޯ ކޯސްޓާއާ އެކު އެ ކްލަބުން މަޝްވަރާކުރަން ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ދަ ސަން އިން ބުނީ ކޯސްޓާ ކްލަބުގައި މަޑުކުރުވުމުގެ ގޮތުން ޗެލްސީން އޭނާއާ އެކު މަޝްވަރާތައް ފަށާފައިވާ ކަމަށާއި، ވަރަށް އަވަހަށް ކޯސްޓާގެ އެއްބަސްވުމާ މެދު ގޮތެއް ނިމިގެންދާނެ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކުރިޔަށް އޮތް ސީޒަނުގައި ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ގެންގުޅޭ ގޭމް ޕްލޭނަށް ކޯސްޓާ ނުފެތެއެވެ. އެގޮތުން ކޮންޓޭ ވަނީ ކޯސްޓާ ދޫކޮށްލަން ނިންމާފައި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ކޯސްޓާ ބުނީ މިވަގުތު ބަދަލުވާނެ ކްލަބެއް ވިސްނަމުން އަންނަ ކަމަށާއި، ކޯޗު ބޭނުންނުވާހާ ހިނދެއްގައި އޭނާ އަށް ޗެލްސީގައި ނުކުޅެވޭނެ ކަމަށެވެ. މީގެ އިތުރުން ކޯސްޓާ ބުނީ ކޮންޓޭގެ ނިންމުން އޭނާ ކްލަބުގެ އިސްވެރިންނަށް ހުށަހަޅާފައިވާ ކަމަށާއި، ކްލަބުން ގޮތެއް ނިންމުމަށް ވެސް އެދިފައިވާނެ ކަމަށެވެ.
ކޯސްޓާ ހޯދުމަށް އޭނާގެ ކުރީގެ ކްލަބް އެޓްލެޓިކޯ މެޑްރިޑުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އެޓްލެޓިކޯއާ ބެހޭ ގޮތުން ކޯސްޓާ ބުނީ ވަރަށް ގިނަ ކަންތަކާ ވިސްނަންޖެހޭ ކަމަށާއި، އެޓްލެޓިކޯއަށް ބަދަލުވެވިއްޖެ ނަމަވެސް އޭނާ އުފާވާނެ ކަމަށެވެ.
ކޯސްޓާ ބުނީ އަންނަ އަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑްކަޕްގައި ވެސް ކުޅެން ބޭނުންވާ ކަމަށާއި، ފަސް މަސްދުވަހު ނުކުޅެ ހުރުމުން އޭނާއަށް ވެސް ދަތިތައް ކުރިމަތިވާ ކަމަށެވެ.
މިދިޔަ ޖެނުއަރީ ޓްރާންސްފާގައި ވެސް ޗައިނީޒް ސުޕާ ލީގުގެ ކްލަބްތަކުން ކޯސްޓާ ހޯދުމަށް މަސައްކަތްކޮށްފައިވާއިރު، އޭނާ ވަނީ އެ ހުށަހެޅުންތައް ރިޖެކްޓްކޮށްފައެވެ. ޗައިނާ ކްލަބްތަކުގެ އިތުރުން ޔޫރަޕްގެ ވެސް ގިނަ ކްލަބްތަކުން އަންނަނީ ކޯސްޓާއަށް ފާރަލަމުންނެވެ.
އެޓްލެޓިކޯ މެޑްރިޑް ދޫކޮށްލުމަށްފަހު 2014 ވަނަ އަހަރު ޗެލްސީއާ ގުޅުނު ކޯސްޓާ ވަނީ މިވީތަނަށް އެޓީމަށް ކުޅުނު 119 މެޗުގައި 58 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު ޕްރިމިއާ ލީގު ދެފަހަރު އަދި ލީގް ކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ.