ފުޓްބޯޅަ ކުލަބުތަކުން ކުޅުންތެރިންނަށްދޭ މުސާރަ ޔޫއޭފާއިން ކަނޑައަޅާ ވަރެއްގައި ހިފެހެއްޓުމަށް ޔޫރަޕުގެ ހުރިހާ ކުލަބަކުން އެއްބަސްވެއްޖެ ކަމަށް ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔޫއޭފާއިން ބުނެފި އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި ލީގުތަކާއި ޓީމުތައް ހިމެނޭ ޔޫއޭފާގެ ރައީސް އެލެގްޒެންޑަރ ސެފެރިން ވިދާޅުވީ ކުޅުންތެރިންނަށް ދެވޭ އެންމެ ބޮޑު މުސާރަ ވީ އެންމެ އަވަހަކަށް ކަނޑައަޅަން ބޭނުންވާ ކަމަށެވެ. އަދި މިކަމާ ގުޅޭ ގޮތުން ޔޫރަޕިއަން ކަމިޝަންއާ ދާދި ފަހުން މަޝްވަރާ ކުރި ކަމަށެވެ.
ވަރަށް ހައިރާންވި. މިކަމަށް އެންމެން ވެސް އެއްބަސްވުމުން. ބޮޑު ކުލަބެއް، ކުޑަކުލަބެއް، މުއްސަންޖަކު ހިންގާ ކުލަބެއް، ދައުލަތަކުން ހިންގާ ކުލަބެއް އިސްތިސްނާނުވެ އެންމެން ވަނީ މިކަމަށް އެއްބަސްވެފައިސެފެރިން
ކުޅުންތެރިންގެ މުސާރަ ވަކި އިމެއްގައި ހިފަހައްޓަންޖެހޭ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ މިދިޔަ މާޗު މަހު ވިދާޅުވެފަ އެވެ. އަދި އެކަމަށް ފެޑަރޭޝަންތަކުން މަސައްކަތް ކުރުމަށް އޭނާ ވަނީ ގޮވާލައިފަ އެވެ.
ކުރިމަގުގައި އަހަރުމެން މުސާރަތައް ވަކިވަރެއްގައި ހިފަހައްޓަން ވަރަށް ބޮޑަށް ވިސްނަންޖެހޭ. މުސާރަތައް އުޑާ ހަމައަށއ އަރައިގެންދިއުމުން މުބާރާތްތަކުގެ ބެލެންސް ގެއްލޭނެ. އަބަދު ފަސް ޓީމެއް މުބާރާތް ކާމިޔާބު ކުރާނަމަ އެ މުބާރާތެއްގެ ފޯރިއަށް ވެސް ބަދަލު އަންނާނެ. މީގެ ބަދަލުގައި އެންމެނަށް ވެސް ވާދަވެރި މާހައުލެއް ގާއިމްކުރަންޖެހޭ. ފުޓްބޯޅައިގެ މުސާރަތައް ހިފެހެއްޓުމަކީ ކުލަބުތަކުގެ ވެރިންނަށް ދެވޭ އަދަބެއްނޫން. މިއީ ފޯރި އާއި ވާދަވެރިކަން ދެމެހެއްޓުމަށް ކުރާ ކަމެއްސެފެރިން
ދެވޭނެ އެންމެ މަތީ މުސާރަ ކަނޑައަޅާނީ ކުލަބުތަކާއި ޔޫއޭފާއިން މަޝްވަރާކޮށްގެން ކަމަށް ވެސް ސެފެރިން ވިދާޅުވި އެވެ.
ޔޫއޭފާއިން ވަނީ މި ސީޒަނުން ފެށިގެން ކޮންމެ ކުލަބެއްގެ ވެސް އާމްދަނީގެ 70 ޕަސެންޓަށްވުރެ ބޮޑު އަދަދެއް މުސާރަ އާއި ކުޅުންތެރިން ގަތުމަށް ހަރަދު ނުކުރެވޭ ގޮތަށް ގަވާއިދެއް ހަދައިފަ އެވެ. ނަމަވެސް ސެފެރިން ވިދާޅުވީ މިއީ ދާއިމީ ހައްލެއް ހޯދޭނެ ގަވާއިދެއްނޫން ކަމަށެވެ.
މިސާލަކަށް 5 ބިލިއަން ޔޫރޯ އާމްދަނީ އަށް ލިބޭ ކުލަބަކުން 70 ޕަސެންޓް މުސާރަ އާއި ޓްރާންސްފާ އަށް ހަރަދުކޮށްފިނަމަ ކިހިނެތް ކުލަބު ހިންގާނީ. އެހެންވީމާ މިކަންކަމަށް އަދި ވަރަށް ބޮޑަށް ބަހުސް ކުރަންޖެހޭސެފެރިން
ޔޫރަޕުގެ ލީގުތަކުގައި ކުޅުންތެރިންގެ މުސާރަތައް އަތްނުފޯރާ ފަށަށް އަރައިގެންދާއިރު މުއްސަނދި ކުލަބުތަކާއި އާދައިގެ ކުލަބުތަގެ ތަފާތު ދަނީ ވަރަށް ބޮޑަށް ފުޅާވަމުންނެވެ. އަދި މިހާރު އެމެރިކާ އާއި އޭޝިއާގެ މުއްސަނދި ގައުމުތަކުގެ ލީގުތަކުން ދަނީ ދުނިޔޭގެ މޮޅު ކުޅުންތެރިންނަށް އެހެން ބަޔަކަށް އަތްނުފޯރާވަރުގެ މުސާރަތައް ހުށަހަޅަމުންނެވެ.