ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ދާއިމީ ސަބްކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކުރިން ހުޅުވާލި ދާއިމީ ސަބް ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާނުގައިވާ ދާއިމީ ސަބް ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށް، އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަންގާރަ ދުވަހު ވަނީ ހުޅުވާލާފައެވެ.
ބާ ކައުންސިލުން ވަނީ އިސްތިއުނާފު ކޮމިޓީއަށް 1 މެންބަރަކު، އެތިކްސް ކޮމިޓީއަށް 4 މެންބަރަކު، ލައިސެންސިންގ ކޮމިޓީއަށް 3 މެންބަރަކު، ޤާނޫނީ ތަޢުލީމު ކޮމިޓީއަށް 2 މެންބަރަކު އަދި ލޯ ރިފޯމް އެންޑް ރިސަރޗް ކޮމިޓީއަށް 2 މެންބަރަކު ހޯދުމަށް އިއުލާނުކޮށްފައެވެ.
މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް މީހަކު ކަމުގައިވުމާއި، ޤާނޫނީ ދާއިރާގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި، ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާޙަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ.
ކޮމިޓީގެ މެންބަރުކަމަށް އެދި ސިޓީއަކުން ހުށަހަޅުއްވާނަމަ ލިޔެކިޔުންތައް ބާ ކައުންސިލުގެ މެއިލް ([email protected])އަށް 08 މޭ 2023 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން އީ-މެއިލް ކުރުމަށް ވަނީ އެދިފައެވެ.