މިސްރުގައި ބޭއްވި ބައިނަލްއަގުވާމީ ޤުރުއާން މުބާރާތަކުން ރާއްޖޭގެ ދަރިވަރެއް ކަމަށްވާ ފާތިމަތު ޝާޔާ ޒާހިރު ހޯދި ކާމިޔާބީއާ ގުޅިގެން އޭނާއާ ބައްދަލު ކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ހިތްވަރު ދެއްވައިފިއެވެ.
ހޯމަ ދުވަހު ބޭއްވި މި ބައްދަލު ކުރެއްވުމުގައި ޝާޔާގެ މައިންބަފައިންނާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ޝާޔާ ހޯދި ކާމިޔާބީ ފާހަގަކުރައްވައި މަރުހަބާ ވިދާޅުވެފައެވެ. އަދި އޭނާއަށް ހިތްވަރު ދެއްވައި އެގޮތުގައި ކުރިއަށްދިއުމަށް ނައިބު ރައީސް އިރުޝާދު ދެއްވިއެވެ.
މީގެ އިތުރުން ޤުރުއާނުގެ ޢިލްމު އުނގެނުމުގައި ދެމިހުރުމަށް ވެސް ނާއިބު ރައީސް ބާރުއެޅުއްވިއެވެ.
މިސްރުގައި ބޭއްވި 29 ވަނަ "އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރުއާން" ގައި ޝާޔާ ވަނީ ނުބަލާ ކިޔެވުމުގެ ބައިން ދެވަނަ ހާސިލް ކޮށްފައެވެ. މި މުބާރާތުގައި 58 ޤައުމަކުން ބައިވެރިވެފައިވާއިރު މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. ޝާޔާއާ އިނާމު ހަވާލުކޮށްދެއްވީ، މިޞްރުގެ ރައީސްް އަބްދުލް ފައްތާޙް އަލް-ސީސީއެވެ.
108 ބައިވެރިން ބައިވެރިވި މި މުބާރާތުގައި ޝާޔާ ހޯދި ކާމިޔާބީއާ ގުޅިގެން ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވެސް ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ. ޝާހިދު ވިދާޅުވީ ޝާޔާ ހޯދި ކާމިޔާބީއަކީ މުޅި ރާއްޖެ ފަޚުރުވެރިވާފަދަ ކާމިޔާބީއެއް ކަމަށެވެ.