އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ޓޮޓެންހަމަށް ލިބުނު ނަތީޖާގެ ސަބަބުން އެ ޓީމުގެ ވަގުތީ ކޯޗުކަމުން ކްރިސްޓިއަން ސްޓެލިނީ ވަކިކޮށްފި އެވެ.
ނިއުކާސަލްގެ ދަނޑުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 6-1 ގެ ބޮޑު ތަފާތަކުންނެވެ. ޓޮޓެންހަމްގެ ކޯޗުކަމުން އެންޓޯނިއޯ ކޮންޓޭ ވަކި ކުރިފަހުން، ވަގުތީ ގޮތުން އެ ޓީމަށް އިރުޝާދު ދެމުން އަންނަނީ ސްޓެލިނީ އެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން އޭނާ ބުނީ، ހުރީ ބަސް ހުއްޓިފައި ކަމަށާއި ބުނާނެ އެއްޗެއް ވެސް ނޭންގޭ ކަމަށެވެ. ސްޓެލިނީ ބުނީ، ޓީމުގެ ފަރާތުން ފެނުނީ އެއްވެސް ވަރަކަށް އުންމީދު ކުރި ވަރުގެ ކުޅުމެއް ވެސް ނޫން ކަމަށާއި، ނަތީޖާގެ ފަރަގު ބޮޑުކޮށް ބަލިވީ ޓީމުގެ ކުޅުން ދަށްވުމުން ކަމަށެވެ. ބައްޔާއެކު އޭނާގެ މަގާމާމެދު ސުވާލު އުފެއްދުމުން ސްޓެލިނީ ބުނީ، އެކަމުގައި ވެސް އޭނާ އަށް ބުނާނެ އެއްޗެއް ނޭންގޭ ކަމަށާއި، އެ ސުވާލަަށް ޖަވާބެއް ވެސް ނެތް ކަމަށެވެ.
މީގެ އިތުރުން ސްޓެލިނީ ބުނީ، މެޗުގައި ޓީމުގެ ފަރާތުން ދެއްކި ކުޅުން އިތުރަށް ތަފްސީލުކޮށް ދިނުމަށް ވެސް ބުނާނެ އެއްޗެއް ނެތް ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އެ މެޗުގެ ފުރަތަމަ 25 މިނެޓުގައި ޓޮޓެންހަމްގެ ފަރާތުން ފެނުނީ މިހާތަނަށް އޭނާ އަށް ފެނުނު އެންމެ ދަށް ކުޅުން ކަމަށެވެ. އެއާއެކު ސްޓެލިނީ ބުނީ އެކަމުގައި އޭނާ ޒިންމާ ނަގަން ޖެހޭ އެއްވެސް ކަމެއް އޮވެއްޖެ ނަމަ، އެކަމެއްގެ ޒިންމާ އޭނާ ފުރިހަމަ އަށް ނަގާނެ ކަމަށެވެ.
އެކަމާ ގުޅިގެން ޓޮޓެންހަމުން މިހާރު ވަނީ ސްޓެލިނީ މަގާމުން ވަކިކޮށްފަ އެވެ. ޓޮޓެންހަމްގެ ޗެއާމަން ޑެނިއެލް ލެވީ ވިދާޅުވީ، ނިއުކާސަލާ ދެކޮޅަށް ޓޮޓެންހަމުން ދެއްކި ކުޅުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކުޅުމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެކަން އެގޮތަށް ދިމާވީ ކޮން ސަބަބަކާހުރެކަން ވެސް އެނގޭ ކަމަށެވެ. ލެވީ ވިދާޅުވީ އޭނާ ވެސް ހިމެނޭހެން، ކުޅުންތެރިންނާއި، ބޯޑު މެންބަރުން އަދި ކޯޗިން ސްޓާފުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ. ސްޓެލިނީ ވަކިކުރުމަށްފަހު ޓޮޓެންހަމްގެ ވަގުތީ ކޯޗަކަށް ހަމަޖައްސާފައި ވަނީ ރަޔަން މޭސަން އެވެ. އައު ކޯޗާ ގުޅޭ ގޮތުން ލެވީ ވިދާޅުވީ، އޭނާ އަށް ޓީމުގެ ކުޅުންތެރިން ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، ޓޮޓެންހަމުން އޭނާ އަށް ދޭން ޖެހޭ އެންމެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
ލީގުގައި ދެން ޓޮޓެންހަމަށް އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އަމިއްލަ ދަނޑުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ. ލީގުގައި ޓޮޓެންހަމް އޮތީ ވެސް ކުޅުނު 32 މެެޗުން 53 ޕޮއިންޓާއެކު ހަ ވަނައިގަ އެވެ.