ގަތަރާއި ގުޅުން ކަނޑާލައިފައިވާ ހަތަރު ގައުމަކުން ގަތަރަށް ކޮށްފައިވާ ޑިމާންޑްތަކަށް ބޯނުލެނބުމުގެ ސަބަބުން ގަތަރަށް އިތުރު ފިއްތުންތައް ކުރިމަތި ކުރުމަށް އެ ހަތަރު ގައުމުން ހުކުރު ދުވަހު ވައުދު ވެއްޖެއެވެ.
ޔޫއޭއީ ގެ ދައުލަތުގެ ނޫސް އޭޖެންސީ ޑަބްލިޔުއޭއެމްއިން ހުކުރު ދުވަހު ގެނެސްދިން، ސައުދީ، ޔޫއޭއީ، މިސްރު، އަދި ބަހްރެއިން އެކުގައި ނެރުނު ބަޔާނެއްގައި ބުނީ "ރަނގަޅު ދަނޑިވަޅުގައި" ގަތަރާއި ދެކޮޅަށް "ސިޔާސީ، އިގްތިސާދީ، އަދި ގާނޫނީ ހުރިހާ ފޔަވަޅެއް އަޅާނެ" ކަމަށެވެ. މި ބަޔާނުގައި ގަތަރާއި މެދު އަޅާނީ ކޮން ފިޔަވަޅުތަކެއްކަން ހާމަކޮށްފައި ނުވެއެވެ.
ސައުދީ، ޔޫއޭއީ، މިސްރު، އަދި ބަހްރެއިނުން ވަނީ މިދިޔަ މަހު ގަތަރާއި ޑިޕްލޮމެޓިކް ގުޅުން ކަނޑާލުމުގެ އިތުރަށް އެގައުމާއި އެކު އޮންނަ ގުޅުން، ވައި، އެއްގަމު އަދި ކަނޑު މަގުންވެސް ކަނޑާލާފައެވެ.
އެންމެ ފުރަތަމަ، ސައުދީ އަރަބިއްޔާ، ބަހްރެއިން، ޔޫއޭއީ އަދި މިސްރުން ބުނެފައި ވަނީ 13 ޝަރުތު، ގަތަރުން 10 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރުމުން ނޫނީ އިގްތިސާދީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ގަތަރަށް ކުރިމަތި ކޮށްފައިވާ ފިއްތުންތައް ނައްތާނުލާނެ ކަމަށެވެ. އޭގެ ފަހުން ގަތަރަށް ވަނީ ޑިމާންޑްތަކަށް އަމަލު ކުރުމަށް 48 ގަނޑިއިރުގެ އިތުރު މުހުލަތެއް ދީފައެވެ. ގަތަރުން ވަނީ މި 48 ގަނޑިއިރުގެ މުހުލަތުގެ ތެރޭގައި ގަތަރުގެ ޖަވާބު ހުށަހަޅާފައެވެ،
ގަލްފުގެ ގައުމުތަކުން ގަތަރަށް ކޮށްފައިވާ ޑިމާންޑްތަކުގެ ތެރޭގައި ހިމެނެނީ އިރާނާއެކު ޤަތަރުން ބާއްވާ ސިޔާސީ ގުޅުން ހަނިކޮށް، ޤަތަރުގައި ހުރި އިރާނުގެ ޑިޕްލޮމެޓިކް މިޝަން ބަންދުކުރުމާއި، ގަތަރުގައި ތިބި އިރާނުގެ ރިވޮލޫޝަނަރީ ގާޑުގެ ސިފައިން ޤަތަރުން ބޭރުކޮށް، އިރާނާއެކު އޮންނަ އަސްކަރީ ގުޅުން ކަނޑާލުމާއި، ގަތަރުގައި ތުރުކީން ބިނާކުރާ އަސްކަރީ ބޭސްގެ މަސައްކަތް ވަގުތުން ހުއްޓުވުމާއި އަސްކަރީ ގޮތުން ތުރުކީއާ އޮންނަ ގުޅުން ކަނޑާލުން އަދި ދުނިޔޭގެ އެންމެ މަޝްހޫރުއެއް ނޫސް އިދާރާ ކަމަށްވާ ގަތަރުގެ އަލްޖަޒީރާ ބަންދުކުުރުން ފަދަ ކަންކަމެވެ.
ގަތަރުން ޓެރަރިޒަމަށް ހިތްވަރު ދޭ ކަމަށް ބުނެ ގަތަރާ އޮންނަ ޑިޕްލޮމިޓިކް ގުޅުން އަރަބި ހަ ގައުމަކުން ކަނޑާލާފައިވާއިރު އެގައުމުތަކަކީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު، ބަހްރައިން, ޔަމަން އަދި ލީބިއާއެވެ. ގަތަރާ މެދު ކުރެވޭ އެންމެހާ ތުހުމަތުތައް ގަތަރުން ދޮގު ކުރެއެވެ.