މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ޕްލާސްޓިކު ކޮތަޅުގެ މައްސަލަ ހައްލުކުރުމަށް މަރަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝަރީފް ގޮވާލައްވައިފިއެވެ.
ޕްލާސްޓިކް ކޮތަޅުން ފީ ނެގުން އިސްތިސްނާ ކުރުމަށް ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ވަނީ ހުށަހަޅާފައެވެ. އެ އިސްލާހު ފާސްވުމުން ކޮތަޅުން ފީ ނަގާތީ ރައްޔިތުންނަށް މިހާރު ދިމާވާ ތަކުލީފުތަކަށް ހައްލު ލިބޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.
ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ކަސްޓަމަރުގެ އަތުން ދެ ރުފިޔާގެ ފީއެއް ނަގަން ފަށާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އެއާއެކު ކޮތަޅުގެ އަގު ބޮޑުވެ އެކަމުގެ ޝަކުވާ އާންމުންގެ ގިނަބަޔަކު އަންނަނީ ކުރަމުންނެވެ.
މެންބަރު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލިސް ޗުއްޓީ ރަސްމީކޮށް ފެށޭނީ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށްވާތީ، ހޯމަ ދުވަހުން ފެށިގެން 4 ދުވަސް ޖަލްސާ ބާއްވައިގެން މަޖިލީހުން އުނިކުރި މާއްދާ އަލުން ބިލަށް އިތުރުކޮށްދޭން ވަގުތު އެބައޮތް ކަމަށެވެ.
ޝަރީފް ވަނީ މި ހަފްތާގައި އެއްކޮށް ޖަލްސާ ބާއްވައިގެން މި މައްސަލަ ނިންމަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލައްވާފައެވެ. ޝަރީފް ވިދާޅުވީ މި 4 ދުވަހު އެކަން ނިންމެން ވާނެ ކަމަށެވެ. އަދި ހޯމަ ދުވަހުގެ ޖަލްސާގައި ވަގުތު އިތުރުކޮށްގެން ކޮތަޅުގެ މައްސަލަ ހައްލުކުރެއްވުމަށް ހުށަހަޅުއްވާނެ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވެސް ވަނީ ޓްވީޓެއް ކުރައްވާފައެވެ. މެންބަރު ޝިފާއު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ގައުމީ މައްސަލަތަކުގައި ކަންބޮޑުވެ ރައްޔިތުންގެ އިހުސާސްތަށް ދަންނަނަމަ ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށްދާންވާނީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ 24/2022 ގާނޫނަށް އިސްލާހުގެނައުމުގެ ބިލްގެެ މަސައްކަތް ނިންމާ ކޮތަޅުން ފީނެގުމުގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދަދީފައި ކަމަށެވެ.
"އާންމު ގޮތެއްގައި ބޮނޑި ޕެކްކޮށްފައި ހުންނަނީ 100 ކޮތަޅުން ކަމަށްވެފައި ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ރޭޓުން ޖުމްލަ 200 ރުފިޔާ، ފީގެ ގޮތުގައި ދައްކަން ޖެހުމެވެ،" ބަޔާނުގައި ބުނެފައިވެއެވެ. މިބަޔާނުގައި ބުނެފައިވަނީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްނާވާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ހިމެނި ކަމަށެވެ. ނަމަވެސް މި ބިލް މަޖިލީހުން ފާސްކުރިއިރު މި މާއްދާ ވަނީ އުނިކޮށްފައިކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މި މާއްދާ ބިލުން އުނިކުރި ނަމަވެސް ކުނި މެނޭޖުކުރުމުގެ ބިލަކީ ކުނީގެ އަސާސީ ހިދުމަތް ދިނުމަށް މުހިއްމު ބިލަކަށްވާތީ ސަރުކާރުން ނިންމީ ތަސްދީގުނުކޮށް ފޮނުވާލުމުގެ ބަދަލުގައި އެހެން ހުރި މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް ހުށަހަޅަންޖެހޭ އިސްލާހުތައް ވަކިން ހުށަހެޅުމަށް ކަމަށްވެސް ބަޔާނުގައިވެއެވެ.
"ކުނި މެނޭޖްކުރުގެ ޤާނޫނު" ގައި ވާގޮތުން، ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ހަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އެ ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނަގަން ޖެހެއެވެ. އަދި، މީރާގައި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން މި ޤާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީ މޯލްޑިވްސް އިންލަޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުން ވަނީ ލާޒިމުކޮށްފައެވެ.