ޖަރުމަނު ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކްގެ ސީއީއޯ ކަމުގެ މަގާމުން އިސްތިއުފާ ނުދޭނެ ކަމަށް އޮލިވާ ޚާން ވިދާޅުވެއްޖެ އެވެ.
އޮލިވާ ޚާން މިހެން ވިދާޅުވީ، ޖަރުމަނު ލީގުގައި މައިންޒާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ބަޔާނަށް އެއް ވަނަ މަގާމު ގެއްލުމާއެކު ކުރިމަތިވަމުން އަންނަ ފާޑިކިޔުންތަކަށް ރައްދު ދެމުންނެވެ. އެގޮތުން ކުރީގެ ކޯޗު ހޫލިއަން ނާގަލްސްމަން ވަކި ކުރުމަށްފަހު އެ މަގާމަށް ޓުޗެލް ހަމަޖެއްސި ނަމަވެސް، ބަޔާންގެ ނަތިޖާތައް ދަށްވެފައިވާ ކަމަށާއި، އެކަމުގައި އެއްވެސް ޕްރެޝަރެއް އޮތްތޯ ނޫހަކުން ވަނީ އޮލިވާ ޚާންއާ ސުވާލުކޮށްފަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އޮލިވާ ޚާން ވިދާޅުވީ، ދިމާވާ މައްސަލަތަކުގައި ބަޔާނުން މަޝްވަރާ ކުރާނެ އެންމެ ފަހު ފަރާތަކީ ޓުޗެލް ކަމަށެވެ. އަދި ބަޔާންގެ ކޯޗުކަމަށް ޓުޗެލް ގެނައީ އޭނާ އަށް އިތުބާރު އޮންނާނީ ކަމަށާއި، އަދި ވެސް އެ އިތުބާރު އެގޮތުގައި އޮންނާނެ ކަމަށެވެ. މީގެ އިތުރުން ބަޔާން އާއި އެ ޓީމުގެ ކުޅުންތެރިން ރަނގަޅު މިސްރާބުގައި ކުރިއަށް ގެންދިޔުމަށް ޓުޗެލް އެތައް މަސައްކަތެއް ކުރާ ކަމަށް ވެސް އޮލިވާ ޚާން ވަނީ ވިދާޅުވެފަ އެވެ.
އަހަރަމެން އެންމެ ފަހުން މަޝްވަރާ ކުރަން ޖެހޭ މީހަކީ ތޯމަސް ޓުޗެލް. އޭނާ އަށް އިތުބާރު އޮވޭ، ޓީމު ރަނގަޅު މިސްރާބުގައި ކުރިއަށް ގެންދިޔުމަށް އޭނާ ހުރިހާ ކަމެއް އެބަ ކުރޭ.އޮލިވާ ޚާން / ބަޔާން މިއުނިކްގެ ސީއީއޯ
މީގެ އިތުރުން ބަޔާންގައި އޮލިވާ ޚާންގެ މުސްތަޤުބަލާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ، ޕްރެޝަރެއް އޮތްތަން ނުފެންނަ ކަމަށާއި، އިސްތިއުފާ ނުދޭނެ ކަމަށެވެ. އޮލިވާ ޚާން ވިދާޅުވީ މިހާރު އޭނާގެ ހަމައެކަނި އަމާޒަކީ މި ސީޒަނުގައި ޖަރުމަނު ލީގު ކާމިޔާބު ކުރުން ކަމަށާއި، އެއަށް ފަހު ވަރުގަދަޔަށް ތައްޔާރުވެގެން އަންނަ ސީޒަނަށް ނިކުންނަން ބޭނުންވާ ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ކޮންމެ ކުލަބެއްގައި ވެސް މައްސަލަތަކެއް ދިމާވާނެ ކަމަށާއި، ނަމަވެސް އެކަމަށް އެންމެ އެކަށީގެންވާ ހަައްލު ހޯދަން ޖެހޭނެއެވެ. ބަޔާނުން އަބަދު ވެސް ކަންކަމުގައި ހޯދާނީ އެންމެ ރަނގަޅު ޙައްލު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފާއިތުވި 10 ސީޒަނުގައި ވެސް ޖަރުމަނު ލީގު ކާމިޔާބުކޮށްފައި ވަނީ ބަޔާނުންނެވެ. ބަޔާން ނޫން ޓީމަކަށް އެންމެ ފަހުން ޖަރުމަނު ލީގު ކާމިޔާބު ކުރެވުނީ ބޮރޫޝިއާ ޑޯޓްމަންޑަށެވެ. އެ ޓީމުން ވަނީ 12-2011 ވަނަ ސީޒަނުގައި ޖަރުމަނު ލީގު ކާމިޔާބުކޮށްފަ އެވެ.