ކ. މާލެ
|
24 އޭޕްރިލް 2023 | ހޯމަ 02:13
މައިންޒާ ދެކޮޅަށް ބަޔާނުން ކުޅުނު މެޗުގައި ޓުޗެލް ޓީމަށް އިރުޝާދު ދެނީ
މައިންޒާ ދެކޮޅަށް ބަޔާނުން ކުޅުނު މެޗުގައި ޓުޗެލް ޓީމަށް އިރުޝާދު ދެނީ
ރޮއިޓާރސް
ބަޔާން މިއުނިކް
"ބަޔާން ފެންނަނީ ސީޒަނުގައި ހަތްދިހަ މެޗު ކުޅެފައިވާ ގޮތަށް"
އޭނާ އެހެން ބުނީ ބަޔާންގެ ފަރާތުން ފެންނަ ވަރުބަލިކަމަށް އިޝާރާތްކޮށް

ޖަރުމަނުގެ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ފެންނަނީ މި ސީޒަންގައި ހަތްދިހަ މެޗު ކުޅެފައިވާ ގޮތަށް، ވަރަށް ވަރުބަލިކަން މަތީކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޓުޗެލް މިހެން ބުނީ ޖަރުމަނު ލީގުގައި މައިންޒާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ބަޔާނަށް ލީގު ތާވަލްގެ އެއް ވަނަ ގެއްލުމާއެކު އެވެ. އެ މެޗުން ބަޔާން ބަލިވީ އެއް ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ޓުޗެލް ބުނީ، ޓީމުގައި އެއްވެސް ކަހަލަ ބުންވަރެއް ނެތް ކަމަށާއި، ނަމަވެސް އެއީ ކީއްވެގެން ކަމެއް ނޭންގޭ ކަމަށެވެ. އޭނާ ބުނީ މިއީ ވަރަށް އުނދަގޫ ޙާލަތެއް ކަމަށާއި، މުޅި މެޗު ފުރޮޅުނީ ބަޔާންގެ އަމިއްލަ ގޯސްތައް ގިނަވުމުގެ ސަބަބުން ކަމަށެވެ. އެކަން ފާހަގަ ކުރަމުން ޓުޗެލް ބުނީ، އޭނާ އަށް ބަޔާންގެ މުޅި ޓީމު ފެންނަނީ މިހާރު ވެސް މި ސީޒަނުގައި ހަތްދިހަ މެޗު ކުޅެފައިވާ ޓީމެއް ގޮތަށް ކަމަށެވެ. އެއީ ބަޔާންގެ ފަރާތުން ފެންނަ ވަރުބަލިކަމަށް އިޝާރާތްކޮށެވެ. އިތުރަށް ޓުޗެލް ބުނީ، ބަޔާން އޮތީ ހޭލައި ނޫން ކަމަށާއި، އަމިއްލަ ގޯހުން ލަނޑު ލިބެނީ އެ ސަބަބާހުރެ ކަމަށެވެ. އަދި ޓީމުން މުޅިން ފެންނަނީ ވަރުބަލި ކަމާއި، ހާސްކަން ކަމަށެވެ.

އަހަރެމެން މިތިބީ ހޭލައިގެނެއް ނޫން، މިހެން މިވީ އަމިއްލަ ގޯހުން. އަހަރެމެން ތިބީ ވަރުބަލިވެ، ހާސްވެފައި.
ތޯމަސް ޓުޗެލް / ބަޔާން މިއުނިކްގެ ކޯޗު

މީގެ އިތުރުން ޓުޗެލް ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ސިޓީ އަތުން ބަލިވެ ބަޔާން ކެޓުމާއެކު، ޓީމަށް ބަދަލުތަކެއް އަންނާނެކަން އޭނާ އަށް ކުރިން ވެސް ވިސްނުނު ކަމަށެވެ. ނަމަވެސް އެކަމުގައި އޭނާ ވަނީ ކުޅުންތެރިންނަށް ވަރަށް ރަނގަޅަށް ވިސްނައިދީފައި ކަމަށާއި، އެއަށްފަހު ލީގަށް ފޯކަސް ކުރުމަށް އެދެނު ކަމަށެވެ. މައިންޒު މެޗުގެ ކުރިން ބަޔާނުން ކުރިއަށް ގެންދިޔަ ފަރިތަކުރުމުން ވެސް އެކަހަލަ ކަމެއް ފާހަގަ ނުވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭނެ ކަމަށް ވެސް ޓުޗެލް ވަނީ ބުނެފަ އެވެ.

ބަޔާން މިވަގުތު އޮތީ ލީގު ތާވަލްގެ ދެ ވަނައިގަ އެވެ. ބަޔާނަށް ވުރެ އެއް ޕޮއިންޓު އިތުރަށް ހޯދައިގެން އެއް ވަނައިގައި އޮތީ ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑު އެވެ. ބަަޔާނަށް ދެން އޮންނާނީ ލީގުގައި އަމިއްލަ ދަނޑުގައި މި މަހުގެ 30 ވަނަ ދުވަހު ހާތާ ބާލިންއާ ދެކޮޅަށް ކުޅޭ މެޗެވެ. މި ސީޒަނުގައި ބަޔާން ވަނީ ޗެމްޕިއަންސް ލީގުގެ އިތުރުން ޖަރުމަނު ކަޕުން ވެސް ކަޓައިފަ އެވެ.

- ކޮމެންޓް