ކ. މާލެ
|
23 އޭޕްރިލް 2023 | އާދީއްތަ 10:49
މެޗުގައި ބާސެލޯނާ އިން ލަނޑު ޖަހަނީ
މެޗުގައި ބާސެލޯނާ އިން ލަނޑު ޖަހަނީ
ރޮއިޓާރސް
ޔުއެފާ އަންހެން ޗެމްޕިއަންސް ލީގު
ޗެލްސީގެ ދަނޑުގައި ކުރި ހޯދައިގެން ބާސެލޯނާ އިން ފައިނަލްގެ ފުރުސަތު ބޮޑުކޮށްފި
މެޗުގައި ބާސެލޯނާގެ ހަމައެކަނި ލަނޑު މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ޖެހީ ނޯވޭގެ ވިންގާ ކެރޮލައިން ގްރެހަމް ހެންސަން

ޔުއެފާ އަންހެން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ޗެލްސީ ބަލިކޮށް، ބާސެލޯނާ އިން ފައިނަލްގެ ފުރުސަތު ބޮޑުކޮށްފި އެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ބާސެލޯނާގެ ހަމައެކަނި ލަނޑު، މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ޖެހީ ނޯވޭގެ ވިންގާ ކެރޮލައިން ގްރެހަމް ހެންސަން އެވެ. އެއީ ބްރެޒިލްގެ ފޯވާޑު ގޭސޭ ޑަ ސިލްވާ ފެރެއިރާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ލިބުނު ބޯޅައެއް, ޗެލްސީގެ އޭރިޔާ ބޭރުން ގޯލަށް ފޮނުވާލައިގެން ހެންސަން ކާމިޔާބުކޮށްދިން ލަނޑެކެވެ. ހެންސަން ފޮނުވާލި ބޯޅަ ހުއްޓުވުމަށް ޗެލްސީގެ ގޯލުގައި ހުރި އޭން ކެޓްރީން ބާޖާ އަށް މާބޮޑު މަސައްކަތެއް ނުކުރެވުނެވެ. އޭގެ ފަހުން ވެސް ބާސެލޯނާ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ބާސެލޯނާގެ ޖޭސީ ފޮނުވާލި ބޯޅަ ހުއްޓުވީ ޗެލްސީގެ ކީޕަރު ބާޖާ އެވެ. އޭގެ ފަހުން ޗެލްސީން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތްކޮށްފަ އެވެ. ޗެލްސީން އުފައްދަމުން ދިޔަ ހަމަލާގައި އެ ޓީމުން ވަނީ ލަނޑެއް ވެސް ޖަހައިފަ އެވެ. މެޗުގެ 24 ވަނަ މިނެޓުގައި ގުރޯ ރެއިޓެން ޖެހި ލަނޑު ބަލައި ނުގަންނަން ނިންމީ ވީއޭއާރުންނެވެ. އެއީ އޭނާ އޮފްސައިޑުގައި ހުރުމުންނެވެ.

މި ދެ ޓީމު ކުޅޭ ސެމީ ފައިނަލްގެ ދެ ވަނަ ލެގު އޮންނާނީ މި މަހުގެ 27 ވަނަ ދުވަހު ބާސެލޯނާގެ އަމިއްލަ ދަނޑުގަ އެެވެ. އެ މެޗުން ބަލިނުވެ ފަރުޖައްސާލައިގެން ބާސެލޯނާ އަށް ފައިނަލުން ޖާގަ ކަށަވަރު ކުރެވޭނެ އެވެ.

- ކޮމެންޓް