ކާޑުގެ ބާވަތްތައް ގަނޑުކޮށް ގުދަންކުރާނަމަ އެފަދަ ތަންތަން ރަޖިސްޓްރީކުރަން ޖެހޭގޮތަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނިންމައިފިއެވެ.
އެ އޮތޯރިޓީން ބުނެފައިވާ ގޮތުގައި މިގޮތަށް ނިންމީ، ކާޑުގެ ބާވަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި "ރައްކާތެރި ގޮތުގައި ކާބޯތަކެތި ގެންގުޅުމާއި އެތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަން ކުރުމުގައި އަމަލުކުރާނޭ ގޮތުގެ މިންގަނޑު" ގައިވާ ގޮތުގެ މަތިން ގުދަންތައް ރެގިއުލޭޓް ކުރުމަށެވެ.
އެމްއެފްޑީއޭއިން ވަނީ އެ އޮތޯރިޓީގެ ނިންމުމާ އެއްގޮތަށް 1 އޮގަސްޓް 2023 ގެ ކުރިން ކާޑުގެ ބާވަތްތައް ގަނޑުކޮށް ގުދަންކުރާ ތަންތަން ރަޖިސްޓްރީ ކުރުމަށް އަންގާފައެވެ.
ކާޑުގެ ބާވަތްތަކަކީ ގިނަ ދުވަހަށް ރައްކާކޮށްފައި ބެހެއްޓޭ ތަކެއްޗަށްވުމުން އެތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެކެވެ. ބައެއް ފަހަރު ރައްކާ ކޮށްފައި ހުންނަ ތަނުގެ ސަބަބުން އެތަކެތީގެ ކޮލިޓީ ދަށްވުމަކީ ވެސް އެކަށީގެންވާކަމެކެވެ.