މުޅި އަހަރުގެ ތެރޭގައިވެސް މުސްލިމުންނާ ބައްދަލުކުރާ އެންމެ އުފާވެރި އެއް މުނާސަބަތަކީ ފިތުރު އީދެވެ. ބަރަކާތްތެރި ރަމަޟާން މަހުގެ އަޅުކަމާ ވިދިގެން އަންނަ ފިތުރު އީދު ފާހަގަކުރުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން މަޝްޣޫލުވެ އުޅެމުންދާ މި ވަގުތު، އެ އުފަލުން މަހުރޫމުވެފައިވާ ބަޔަކު ތިބިކަންވެސް ހަނދާނުގައި ބެހެއްޓުން މުހިންމެވެ.
ފިތުރު އީދުގެ އުފާ، އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަޖުރިބާކުރަން މިފަހަރު ނުލިބުނު އެއް ބަޔަކީ، ހަނގުރާމަ ގަދަވެފައިވާ ސޫދާނުގެ ރައްޔިތުންނެވެ. ވަކިން ޚާއްޞަކޮށް، މަސްރަހު އިންތިހާއަށް ނުތަނަވަސްވެފައިވާ، ވެރިރަށް ޚާރްތޫމްގެ ރަށްވެހިންނަށް، މި ފަހަރުގެ އީދު ބައްދަލުކުރީ ހަނގުރާމައިގެ ބަނަ ވިލާގަނޑުގެ އަނދިރިކަމާއި ނާމާންކަމުގެ ތެރެއިންނެވެ.
އީދުގެ ފުރަތަމަ ދުވަހުވެސް ޚާރްތޫމްގެ އަވަށްތަކުގެ ތެރެއިން އިވެމުން ދިޔައީ ބަޑީގެ އަޑުފަށްގަނޑެވެ. ސޫދާނުގެ އަސްކަރިއްޔާއާއި ޕެރަމިލިޓްރީ ފައުޖުތަކާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ އަޑުފަށްގަނޑުންނެވެ.
އެ ހާލުގައިވެސް ގިނަ ބަޔަކު އީދު ނަމާދަށް ދިޔައެވެ. އެމީހުންގެ ދުއާއަކަށްވީ ގައުމަށް ސަލާމަތާއި ހަމަޖެހުން ލިބުމެވެ. މިސްކިތުގެ އިމާމް، ޝައިޚް މުހައްމަދުފަދަ މީހުން ސާބިތުވެ ތިބީ، އީމާންތެރިކަންމަތީއެވެ.
މިހާރު ސޫދާނުގަ ހިނގަމުން މިދާ ކަންތައްތައް އަހަންނަށް ސިފަކުރެވެނީ ބަލިމަޑުކަމެއްގެ ގޮތުގަ. ސޫދާނުގެ އިޖުތިމާއީ އަދި އިގުތިސާދީ މުއައްސަސާތައް އޭގެ އެންމެ ދުޅަހެޔޮކަންމަތީ ހިނގައިގަންނާނެ ކަމަށް މި ބަލަނީ، އިހުތިރާމް ލިބިފަ އޮތް ސަރުކާރެއް ގާއިމުކުރެވޭނެ ކަމަށް މި ބަލަނީ، ދިރިއުޅުން ހެޔޮ ފާލަކަށް އެޅޭނެކަމަށް މި ބަލަނީ، އަހަރުމެން ހެއްދެވި އިލާހުގެ ހަޒުރަތަށް އޮތް އީމާންތެރިކަމުގެ ސަބަބުން. އަދުގެ ހާލަތު އޮތްގޮތުން އަހަރަމެން ނަމާދު މި ކުރަނީ ވަރަށް ބެދިފަ އޮންނަ ތަންތަނުގަ. އެކަމަކު، މި ވާ ކަމެއް މި ވަނީ، ދެރައަކަށްވުރެ ބޮޑަށް، ފަހުން އޮތް ނަސީބު ރަނގަޅުވީމަހެން ހީވަނީ.ޝައިޚް މުހައްމަދު؛ މިސްކިތުގެ އިމާމް
ހުކުރު ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަށް، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އަސްކަރިއްޔާއިން އެއްބަސްވެފައި ވީނަމަވެސް، ކުރިމަތިލުންތައް އޭގެ އިންތިހާއަށް ކުރިއަށްދިޔައެވެ. ބަޑީގެ ހަމަލާތައް މެދުކެނޑިފައި ނުވާއިރު، ހަމަލާގެ މަސްދަރަކީ ކޮބައިކަންވެސް ސާފެއްނުވެއެވެ.
އާދީއްތަ ދުވަހުން ފަށައިގެން މީހުން މިސްކިތަށް އައުން ހުއްޓާލައިފި. މިސްކިތްތަކާ ކައިރި ހިސާބުތަކުގަ އުޅޭ މީހުންވެސް. އެމީހުން ތިބެނީ ވަރަށް ބިރުން. އެކަހެރިވެފަ. ސޫދާނަށް ހަމަޖެހުމާ ސަލާމަތްތެރިކަން ލިބުން އެދި ﷲގެ ހަޒުރަތުގަ ދުއާ ދަންނަވަން. ހުރިހާ ނާއިސާފަކުން އަހަރުމެން ނަޖާކުރައްވާތޯ ދުއާކުރަން. އިރާދަކުރެއްވިއްޔާ އަހަރުމެންނަށް އެކަލާނގެ ވާގި ދެއްވާނެ. އިތުރު ބާރަކާއެކީ މި ކާރިސާއިން ސަލާމަތްވެވޭނެ. ސޫދާން މީހުންނަކީ ވަރަށް އޯގާތެރި، ކަންކަމަށް ކެތްކުރާ، ދީލަތި ބައެއް. މި ހަނގުރާމަ ހައްގު ބައެއް ނޫން.އާދިލް؛ ސޫދާނުގެ ރައްޔިތެއް
މީގެ ހަފުތާއެއްހާ ދުވަސް ކުރިން ސޫދާންގައި ފެށި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 400އަށްވުރެ މައްޗަށް، އަދި ޒަޚަމްވީ މީހުންގެ އަދަދު 3500އަށްވުރެ މައްޗަށް އަރާފައި ވާކަމަށް، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ ހުކުރު ދުވަހު ބުނެފައެވެ. ހުއްޓުމެއްނެތި ހަމަނުޖެހުންތައް ކުރިއަށްދާކަމުގައި ވަނީނަމަ، އެ އަދަދު އަދިވެސް ދާނީ އިތުރުވަމުންނެވެ.
ސޫދާނުގެ އާބާދީގެ ގާތްގަނޑަކަށް 4 ބައިކުޅަ 1 ބައި މީހުންނަކީ މިހާރުވެސް ކާބޯތަކެތީގެ އެހީތެރިކަމަށް ބަރޯސާވާ ބަޔަކަށް ވާއިރު، އެފްރިކާ ބައްރުގައި 3 ވަނައަށް އެންމެ ބޮޑު ގައުމުގެ ގޮތުގައި އޮތް ސޫދާން މިހާރު އޮތީ އިންސާނީ ކާރިސީ އަނދަވަޅެއްގެ ތުންފަތްމަތީގައެވެ.
ސޫދާނުގެ މަސްރަހު ގޯހުން ގޯހަށް ގޮސްފައިވަނީ، އެގައުމުގެ ވެރިކަންކުރާ ކައުންސިލްގެ މައްސަލާގައި، އަސްކަރީ ލީޑަރާއި އޭނާގެ ނައިބާ ދެމެދު އުފެދުނު ދެބަސްވުންތަކަކާ ގުޅިގެންނެވެ. ރެޕިޑް ސަޕޯރޓް ފޯރސަސް (އާރްއެސްއެފް)ގެ ލީޑަރު، މުހައްމަދު ހަމްދާން ޑަގަލޯ (ނުވަތަ އާންމު ނަމުން ދަންނަވާނަމަ، ހިމިދްތީ)އާއި ސޫދާން އަސްކަރިއްޔާގެ އިސްވެރިޔާ، ޖެނެރަލް އަބްދުލް ފައްތާހު އަލް ބުރުހާނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކާއި ބަދަލުކުރަމުންދާ ހަމަލާތަކާއެކު، 1444 ވަނަ އަހަރުގެ ފިތުރު އީދަކީ، ސޫދާނަށް ބަނަކަމާއި ނާމާންކަމުގެ ދުވަސްތަކަކަށް ވަނީ ވެފައެވެ.