ކ. މާލެ
|
22 އޭޕްރިލް 2023 | ހޮނިހިރު 11:29
މެޗުގައި ލަނޑު ޖެހުމަށް ފަހު އެމްބާޕޭ މެސީއާއެކު އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު އެމްބާޕޭ މެސީއާއެކު އުފާ ފާޅު ކުރަނީ
ރޮއިޓާސް
ފްރާންސް ލީގު
އެމްބާޕޭގެ ދެ ލަނޑާއެކު ޕީއެސްޖީން އެންޖާސް ބަލިކޮށްފި
 
11 ޕޮއިންޓުގެ ލީޑަކުން ޕީއެސްޖީ އެއް ވަނައިގައި އޮތް އިރު، ލީގުގައި އެ ޓީމަށް ބާކީ އޮތީ ހަ މެޗު

ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ ޖެހި ދެ ލަނޑާއެކު އެންޖާސް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ލީގު ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

ހުކުރު ދުވަހުގެ ރޭ އެންޖާސްގެ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ލަނޑު ނުވަ ވަނަ މިނެޓުގައި އެމްބާޕޭ ޖެހީ ހުއާން ބެނާޓް ތަނަވަސް ކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން ޕީއެސްޖީގެ ލީޑު އެމްބާޕޭ ފުޅާކޮށްދިނީ 26 ވަނަ މިނެޓުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި އެންޖާސްގެ ހަމަ އެކަނި ލަނޑު ޖެހީ ސައީދު ތޯބު އެވެ. އެއީ މެޗުގެ 87 ވަނަ މިނެޓުގައި ޢަބްދުﷲ ސިމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

ލީގުގައި މިހާތަނަށް ކުޅުނު 32 މެޗުން ޕީއެސްޖީ އަށް ލިބެނީ 75 ޕޮއިންޓެވެ. ދެ ވަނައިގައި ވާދަވެރި މާސޭ އޮތީ ޕީއެސްޖީ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން 64 ޕޮއިންޓާއެކު އެވެ. 11 ޕޮއިންޓުގެ ލީޑަކުން ޕީއެސްޖީ އެއް ވަނައިގައި އޮތް އިރު، ލީގުގައި އެ ޓީމަށް ބާކީ އޮތީ ހަ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް