ކ. މާލެ
|
20 އޭޕްރިލް 2023 | ބުރާސްފަތި 12:24
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރި އިބްރާހީމް ޝާޒް(ކ) އަދި ރައީސް ޞާލިހު (ވ)
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރި އިބްރާހީމް ޝާޒް(ކ) އަދި ރައީސް ޞާލިހު (ވ)
ރާއްޖެއެމްވީ
ގުރައިދޫ ދާއިރާ
ޝާޒް، ގުރައިދޫ ދާއިރާގެ މެންބަރުކަމުގެ ހުވާކުރުން ހޯމަ ދުވަހު
އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް އަށް ލިބިވަޑައިގަންނަވާފައިވަނީ 1346 ވޯޓު
ޝާޒު މަޤާމުގެ ހުވާކުރައްވާނީ 24 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި

ކ.ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީ ކެންޑިޑޭޓް އިބްރާހީމް ޝާޒް ހޯމަ ދުވަހު މެންބަރުކަމުގެ ހުވާ ކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލިސް އިދާރާއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އިބްރާހީމް ޝާޒު މަޤާމުގެ ހުވާކުރައްވާނީ 24 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށެވެ.

އަދި އެ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާގައި ޝާޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މަޖިލިސް އިދާރާއިން ބުނެއެވެ.

ގުރައިދޫ ދާއިރާގެ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް އަށް ލިބިވަޑައިގަންނަވާފައިވަނީ 1346 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 49.96 އިންސައްތައެވެ. 

އިންތިޚާބުގެ ދާއިމީ ނަތީޖާ އިން ދައްކާގޮތުގައި ޕީޕީއެމްގެ ކެންޑިޑޭޓް ޙުސައިން ރިޒާ އާދަމް އަށް ލިބިވަޑައިގަންނަވާފައިވަނީ 1226 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓް ޢަލީ ޢަރީފް އަށް ލިބިވަޑައިގެންނެވީ 122 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 4.53 އިންސައްތައެވެ.

މިއިންތިޚާބުގައި 3423 މީހުންނަށް ވޯޓުލެވޭއިރު 2755 މީހުން ވަނީ ވޯޓުލާފައެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު މިއީ މިގޮނޑި އެމްޑީޕީއަށް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ. ފާއިތުވި 14 އަހަރު އެގޮނޑި ފުރުއްވަމުން ގެންދެވީ ޕީޕީއެމްގެ މެންބަރު އިބްރާހީމް ރިޒާއެވެ. މިދާއިރާގެ ބައި އިލެކްޝަން ބާއްވާފައިވަނީ ރިޒާ އަވަހާރަވުމާއި ގުޅިގެންނެވެ.

މިދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވުމާއެކު ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުންގެ އަދަދު ވަނީ 68ށް އަރާފައެވެ.

- ކޮމެންޓް