ކ. މާލެ
|
20 އޭޕްރިލް 2023 | ބުރާސްފަތި 12:17
ހައްޖުގެ އަޅުކަމުގެ ތެރެއިން
ހައްޖުގެ އަޅުކަމުގެ ތެރެއިން
ރޮއިޓާސް
1444 ހައްޖު
ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ 3 ކުންފުންޏަކަށް ދީފި
270 ކޯޓާ އަމިއްލަ ފަރާތްތަކަށް ދީފައިވޭ

މި އަހަރު ރާއްޖެ އިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ތިން ކުންފުންޏަކަށް ދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ 1444 ވަނަ އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކާއި އެކުންފުނިތަކަށް ހުއްދަ ދީފައިވާ އަގުތަކާއި، ކޯޓާގެ ތަފްސީލު އާންމުކޮށްފައެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކަކީ:

  1. އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  2. ސިސިލްފަރު ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް
  3. އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް

މި ތިން ކުންފުންޏަށްވެސް ދީފައިވަނީ 90 ކޯޓާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ. އެހެންނަމަވެސް އަގުތައް ތަފާތެވެ.

އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މީހުން ގެންދިއުމަށް ކަނޑައަޅާފައިވާ އަގަކީ 75،250 (ހަތްދިހަފަސްހާސް ދުއިސައްތަ ފަންސާސް) ރުފިޔާއެވެ. ސިސިލްފަރު ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑުން މީހުން ގެންދިއުމަށް ކަނޑައަޅާފައިވާ އަގަކީ 75،465 (ހަތްދިހަފަސްހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާއެވެ. އަދި އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑުން މީހުން ގެންދިއުމަށް ކަނޑައަޅާފައިވާ އަގަކީ 75،000 (ހަތްދިހަފަސްހާސް) ރުފިޔާއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ 5 ވަނަ މާއްދާގެ (ނ) ގެ ދަށުން މި ކުންފުނިތަކަށް ދީފައިވަނީ 1 އަހަރު ދުވަހުގެ ހުއްދައެއް ކަމަށެވެ. އަދި ހުއްދަ ދީފައިވާ އަގަށްވުރެ އިތުރަށް ކުންފުނިތަކުން ފައިސާ ނެގުމާއި، ކުންފުނިތަކަށް ފައިސާ ދެއްކުމާއި، ހުއްދަ ދީފައިވާ ކޯޓާއަށްވުރެ އިތުރަށް މީހުން ހައްޖަށް ގެންދިއުމަށް ފައިސާ ނެގުމަކީ މަނާކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ލިބިފައިވަނީ 1،000 ކޯޓާއެވެ. މީގެ ތެރެއިން 270 ކޯޓާ އަމިއްލަ ކުންފުނިތަކަށް ވަނީ ދީފައެވެ. އިސްލާމިކް މިނިސްޓްރީން ގެންދަނީ އިތުރު ކޯޓާ ހޯދުމަށް މަސައްކަތްކުރަމުންނެވެ. މިގޮތުން އިތުރު ކޯޓާ ލިބޭނެކަމުގެ ވަރަސް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް