މާލެސިޓީގައި ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަހަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ގޮވާމުން ފިތުރު ޒަކާން ބަހަން ފަށާފައިވަނީ ބުދަ ދުވަހުގެ މެންދުރު 1:00ން ފެށިގެން ކަމަށެވެ. މިނިސްޓްރީން ބުނީ 1444 ވަނަ އަހަރު ގޮވާމުގެ ބާވަތްތަކުން މާލެ ސިޓީގައި ފިޠުރުޒަކާތް ބެހުން ކުރިއަށްދާނީ 19 އަދި 20 އެޕްރީލް 2023، މި ދެ ދުވަހު، މަޖީދިއްޔާ ސްކޫލުގެ "ޞަލާހުއްދީން ހޯލް" ގައެވެ. މިތަކެތި ބެހުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބެހުމަށް ހަމަޖެހިފައިވާ ގަޑިތައް؛
19 އެޕްރިލް 2023 (ބުދަ)
- މެންދުރު 1:00ން 3:15ށް
- ހަވީރު 4:00ން 5:30ށް
- ރޭގަނޑު 9:00ން - 10:30ށް.
20 އެޕްރިލް 2023 (ބުރާސްފަތި)
- ހެނދުނު 10:00ން ހަވީރު 5:30ށް
- ރޭގަނޑު 8:00ން 10:00ށް
އިސްލާމިކް މިނިސްޓްރީން ބުނީ 18 އެޕްރިލް 2023ގެ ނިޔަލަށް ގޮވާމުން ޒަކާތް ދައްކާފައިވަނީ ޖުމްލަ 2723 މީހުންނެވެ. ޒަކާތާއި ޞަދަގާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތަކުގެ ޖުމްލަ 7378.7 ކިލޯ ލިބިފައިވެއެވެ. އެއީ ގޮވާމުން ޒަކާތްދެއްކި 6535.2 ކިލޯއާއި ޞަދަގާތުގެ ގޮތުގައި ދެއްކި 843.5 ކިލޯއެވެ.
ގޮވާމުގެ ގޮތުގައި ޒަކާތް ބަލައިގަންނަނީ ހަނޑުލުގެ ބާވަތްތަކުގެ ތެރެއިން، އާދައިގެ ހަނޑޫ، ރަތް ހަނޑޫ، ބާސްމަތީ ހަނޑޫ (އާދައިގެ)، ބާސްމަތީ ހަނޑޫ (މޮޅު)، ބާސްމަތީ ހަނޑޫ (އެންމެ މޮޅު) ،އަދި ފުށުގެ ބާވަތްތަކުގެ ތެރެއިން އާދައިގެ ފުށް އަދި އާޓާ ފުށުންނެވެ.
ގޮވާމުން ޒަކާތް ދެއްކުން ކުރިއަށްދާނީ 20 އެޕްރިލް 2023ގެ ނިޔަލަށެވެ.
ގޮވާމުން ޒަކާތް ބަލައިގަންނާނީ މަޖީދިއްޔާ ސްކޫލުގެ "ޞަލާހުއްދީން ހޯލް" ގައި ހުކުރު ދުވަސްފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00، މެންދުރުފަހު 1:00ން 3:15ށް އަދި ރޭގަނޑު 9:00ން 10:30 އަށެވެ.
1444 ވަނަ އަހަރު އޮންލައިންކޮށް ފިޠުރުޒަކާތް ބަލައިގަތުން 27 ރަމަޟާން 1444އަށް ވަނީ މެދުކަނޑާލެވިފައެވެ. އެހެންނަމަވެސް ބަނޑޭރިޕޭ މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ބަލައިގަނެވޭނެއެވެ.