ކ. މާލެ
|
19 އޭޕްރިލް 2023 | ބުދަ 10:36
ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ޖިރޫޑް އުފާ ފާޅު ކުރަނީ
ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ޖިރޫޑް އުފާ ފާޅު ކުރަނީ
ރޮއިޓާރސް
ޔުއެފާ ޗެމްޕިއަންސް ލީގު
ނަޕޯލީގެ މައްޗަށް އެގްރިގޭޓުން ކުރި ހޯދައި އޭސީ މިލާން ސެމީ ފައިނަލަށް
16 އަހަރަށް ފަހު މިލާނަށް ސެމީން ޖާގަ ލިބުނީ އެގްރިގޭޓު 2-1 އިން ކުރި ހޯދައިގެން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އެގްރިގޭޓުން ނަޕޯލީގެ މައްޗަށް ކުރި ހޯދައިގެން އޭސީ މިލާން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ނަޕޯލީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު ވެސް 1-1 އިން އެއްވަރުވެގެންނެވެ. މި ދެ ޓީމު އޭސީ މިލާންގެ ދަނޑުގައި ކުޅުނު މެޗު މިލާނުން ކާމިޔާބު ކުރެީ 1-0 އިންނެވެ. އެހެންކަމުން 16 އަހަރަށް ފަހު މިލާނަށް ސެމީން ޖާގަ ލިބުނީ އެގްރިގޭޓު 2-1 އިން ކުރި ހޯދައިގެންނެވެ.

ނަޕޯލީގެ ދަނޑުގައި ކުޅުނު މެޗު ފަށައިގެން 22 ވަނަ މިނެޓުގައި މިލާނަށް ވަނީ ލީޑު ނެގުމަށް ތަނަވަސް ފުރުސަތެއް ލިބިފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ އޮލީވިއޭ ޖިރޫޑް ފޮނުވާލި ނަމަވެސް، ނަޕޯލީގެ ގޯލް ކީޕަރު ވަނީ ބޯޅަ މަތަކޮށްފަ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މިލާނުން ލީޑު ނެގި އެވެ. އެއީ 43 ވަނަ މިނެޓުގައި ރަފައެލް ލިއާއޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖިރޫޑު ޖެހި ލަނޑުންނެވެ. ނަތީޖާ އެއްވަރު ކުރުމަށް ނަޕޯލީ އަށް ވެސް ވަނީ 82 ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބިފަ އެވެ. ނަމަވެސް ކްވިޗާ ކްވަރަޝްކޭލިއާ ފޮނުވާލި ބޯޅަ މިލާންގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ. މެޗުން ނަޕޯލީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ މި ސީޒަނުގައި މޮޅަށް ކުޅެމުން އަންނަ ވިކްޓަ އޮސީމެން އެވެ.

މިލާނުން އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ކުޅެފައި ވަނީ 2007 ވަނަ އަހަރު އެވެ. އެއަހަރު މިލާނުން ވަނީ ޗެމްޕިއަންސް ލީގު ކާމިޔާބު ވެސް ކޮށްފަ އެވެ.

- ކޮމެންޓް