ކ. މާލެ
|
19 އޭޕްރިލް 2023 | ބުދަ 08:07
ސުޕްރީމް ކޯޓް
ސުޕްރީމް ކޯޓް
ރާއްޖެއެމްވީ
ސުޕްރީމް ކޯޓު
ހެކިބަސްދޭން ދެކޮޅު ހަދާ މީހުން ޖަލަށްލެވޭގޮތް ހަދައިފި
ހެކިބަސްދޭ މީހާ ހާޒިރުކުރުމަށް އަމުރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވޭ
ޝަރީއަތުގެ ނިޒާމާ ހިލާފުވާ އަމަލެއް ހިންގައިފި މީހަކަށް އަދަބުގެ ގޮތުގައި ތިންމަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދު ކުރެވިދާނެ

ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދޭން ދެކޮޅުހަދާ މީހުން ޖަލަށް ލެވޭގޮތަށް ހަދައި ސުޕްރީމް ކޯޓުން ގަވާއިދު އާއްމުކޮށްފިއެވެ.

މި ގަވާއިދު ސުޕްރީމް ކޯޓުން އާއްމު ކުރީ އަންގާރަ ދުވަހުއެވެ. މިއީ މި އަހަރު އަމަލުކުރަން ފެށި ހެތްކާ ބެހޭ އައު ގާނޫނުގެ ދަށުން އާއްމު ކުރި ގަވާއިދެކެވެ. އެ ގާނޫނުގެ ދަށުން ހެކިބަސް ދިނުން ލާޒިމު ހާލަތްތައް ކަނޑައަޅައި ހެކިބަސް ދޭން އަންގާ މީހުން ހެކިބަސް ދޭން ދެކޮޅު ހަދައިފިނަމަ އަމަލުކުރަންވީ ގޮތުގެ ގަވާއިދެއް ސުޕްރީމް ކޯޓުން އެކުލަވާލައި އާންމު ކުރަން ޖެހެއެވެ.

ސުޕްރީމް ކޯޓުގެ ގަވާއިދުގައިވާ ގޮތުން ޝަރީއަތަށް ހުށަހަޅާ ހެކިން، ކޯޓުން ކަނޑައަޅާ ތާވަލާ އެއްގޮތަށް ޝަރީއަތަށް ހާޒިރު ކުރުމަށް ކޯޓަށް އެންގިދާނެއެވެ. އަދި ހެކި ހުށަހެޅި ފަރާތުން މަސައްކަތްކޮށްގެން ހެކިބަސްދޭ މީހާ ހާޒިރު ނުވެއްޖެނަމަ، އެމީހާ ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދެވިދާނެއެވެ. އެގޮތުންވެސް ހާޒިރު ނުވެއްޖެނަމަ ހެކިބަސްދޭ މީހާ ހާޒިރުކުރުމަށް އަމުރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

ކޯޓުގެ އަމުރުގައިވާގޮތަށް އެމީހާ ހެކިބަސް ދޭން ކޯޓަށް ހާޒިރު ނުވެއްޖެނަމަ ބަންދުގައި ބަހައްޓައިގެން ފުލުހުން މެދުވެރިކޮށް ކޯޓަށް ހާޒިރުކުރުމުގެ ބާރުވެސް މި ގަވާއިދުގެ ދަށުން ވަނީ ދީފައެވެ. އަދި ހެކިބަސްދޭން ކޯޓަށް ހާޒިރުވާންޖެހޭ ފަރާތް އުޅޭ އެޑްރެހެއް ނޭނގުމުގެ ސަބަބުން، ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދު ނުކުރެވިއްޖެނަމަ، ނުވަތަ އެ ފަރާތަކީ ކޯޓަށް ފިލައިގެން އުޅޭ ފަރާތެއްކަމަށް ގަބޫލު ކުރެވިއްޖެނަމަ، މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށް އެފަރާތެއް ހޯދުމަށް އިއުލާންކުރުމުގެ ބާރު ވެސް ކޯޓަށް ލިބިގެންވާ ކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެެ.

ހެކިބަސްދޭ މީހާ، ކޯޓަށް ހާޒިރުވާ މީހާ، ނުވަތަ ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރާ މީހާ ދާއިރާގެ ތެރެއިން ކުރާ ސުވާލުތަކަށް ޖަވާބުދޭން އިންކާރުކުރާނަމަ، ނުވަތަ އެއްވެސް ޖަވާބެއް ނުދީފިނަމަ، ސުވާލަށް ޖަވާބުދޭން އެންގުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވާ ކަމަށާއި، އެގޮތަށް އަންގާ އެންގުމަށް ހެކިބަސްދޭ މީހާ އަމަލު ނުކޮށްފިނަމަ، އޭނާ އެކުރީ ޝަރީއަތުގެ ނިޒާމާ ހިލާފު އަމަލެއް ކަމަށް ބަލައި ވަގުތުން އަދަބު ކަނޑައެޅުމުގެ އިހުތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާ ކަމަށްވެސް އެ ގަވާއިދުގައި ބުނެފައިވެއެވެެ.

މިގޮތަށް ޝަރީއަތުގެ ނިޒާމާ ހިލާފުވާ އަމަލެއް ހިންގައިފި މީހަކަށް އަދަބުގެ ގޮތުގައި ތިންމަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދު ކުރެވިދާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް