ސޮނީ ގެނެސްދިނުމަށް ހަމަޖައްސާފައިވާ ކޯން ބަނެގާ ކްރޯރްޕަތީ (ކޭބީސީ) ޝޯގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 19.8 މީހުން ރަޖިސްޓްރީކޮށްފިއެވެ. މިއީ ރެކޯޑް މިންވަރެކެވެ.
އިންޑިއަން ޓެލެވިޝަން ގޭމް ޝޯ އެއް ކަމަށްވާ "ކޭބީސީ" އެންމެ ފުރަތަމަ ފަށާފައި ވަނީ 2010 ވަނަ އަހަރުއެވެ. މިއީ އިނގިރޭސި ވިލާތުގެ ގޭމް ޝޯއެއް ކަމަށްވާ "ހޫ ވޯންޓްސް ޓު ބީ އަ މިލިއަނަރ" އަސްލަކަށް ބަލައިގެން ހަދާފައިވާ ޝޯއެކެވެ. މިއީ ސޮނީން "ކޭބީސީ" ޝޯ ގެނެސްދޭ ނުވަ ވަނަ ފަހަރެވެ.
"ކޭބީސީ"އަކީ ޝޯގައި ކުރެވޭ ހުރިހާ ސުވާލަކަށް ރަނގަޅު ޖަވާބު ދީގެން މިލިއަނަރަކަށް ވުމުގެ ފުރުސަތު ލިބިގެންދާ ގޮތަށް ގެނެސްދޭ ޝޯ އެކެވެ.
މިފަހަރުގެ ޝޯ އޯގަސްޓްގައި ފަށާއިރު ޕްރެޒެންޓް ކުރާނީ އަމީތާބް ބައްޗަންއެވެ. އަމީތާބް ވަނީ "ކޭބީސީ" ގެ ތިން ޝޯ ފިޔަވައި ހުރިހާ ޝޯއެއް ހުށައަޅާފައެވެ. އަމީތާބު ހުށައަޅާފައި ނުވާ ތިން ޝޯ ހުށައެޅީ ޝާހުރުކް ޚާނެވެ.
މި ޝޯއާ ބެހޭ ގޮތުން ސޮނީ އެންޓަޓައިންމަންޓް ޓެލެވިޝަންއިން ބުނީ މީޝޯއާ މެދު މީހުންގެ މަގުބޫލުކަން އުފެދޭ މިންވަރު އަހަރަކަށް ފަހު އަހަރެއް އިތުރުވަމުން އަންނަ ކަމަށެވެ. މި ޝޯ ކުރިއަށްދާނީ ހަ ހަފްތާ ވަންދެން ކޮންމެ ހަފްތާއެއްގެ ވެސް ހޯމަ ދުވަހުން ފެށިގެން ހުކުރު ދުވަހާ ހަމައަށް ކަމަށް ސޮނީން ބުނެއެވެ.
މި ޝޯގެ ފުރަތަމަ ޝޯ ދައްކާފައި ވަނީ 2000 ވަނަ އަހަރު ސްޓާ ޕްލަސްއިންނެވެ. އެހެން ނަމަވެސް ހަތަރު ސީޒަނަށް ފަހު ކޭބީސީ ޝޯ އޭގެ ފަހުން ދެއްކީ ސޮނީ އެންޓަޓައިންމަންޓް ޓެލެވިޝަނުންނެވެ.
"ކޭބީސީ" ގައި ބައިވެރިވެވޭނީ އިންޑިއާގެ 18 ސްޓޭޓުން ކޮންމެވެސް އެއް ސްޓޭޓަކަށް ނިސްބަތްވާ އިންޑިއާގެ ރައްޔިތަކަށެވެ. އަދި އެމީހަކީ ކުރިން "ކޭބީސީ" ޝޯއެއްގައި ބައިވެރި ނުވާ ފަރާތަކަށް ވާންޖެހެއެވެ. އަދި ޕްރޮޑަކްޝަން ކުންފުންޏަކަށް ނުވަތަ ބްރޮޑްކާސްޓިން ދާއިރާގައި މަސައްކަތް ނުކުރާ މީހަކަށް ވާންޖެހެއެވެ.