ކ. މާލެ
|
18 އޭޕްރިލް 2023 | އަންގާރަ 12:46
އަޝްރަފް ހަކީމީ އާއި އަންހެނުން ހިބާ އަބޫކް
އަޝްރަފް ހަކީމީ އާއި އަންހެނުން ހިބާ އަބޫކް
މާސާ
ފުޓްބޯޅަ
އަޝްރަފް ހަކީމީގެ މުދާ ހޯދަން އެދުނު އަނބިމީހާއަކީ ކާކު؟
 
އަބޫކްގެ މިލްކިއްޔާތުގައި 2 މިލިއަން ޑޮލަރު، ހަކީމީގެ އަތުގައި 80 މިލިއަން ޑޮލަރު އެބަހުރި

މޮރޮކޯ އާއި ޕީއެސްޖީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަޝްރަފް ހަކީމީ އަށް މިހާރު ދިމާވެފައިވަނީ މާބޮޑު މައްސަލައެކެވެ. އޭނާގާތުން ދާދި ފަހުން ވަރިވި އަނބި، ހިބާ އަބޫކް ވަނީ ހަކީމީގެ މުދަލުގެ ދެބައިކުޅަ ހޯދަން ކޯޓަށް ހުށަހަޅާފަ އެވެ. 2018 ވަނަ އަހަރު ލޯބީގެ ގޮތުން ގުޅުނު މިދެ މީހުން ވަކިވީ މިދިޔަ ފެބްރުއަރީ މަހު 24 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރިކަމުގެ ތުހުމަތު ހަކީމީ އަށް ކުރިމަތިވުމުންނެވެ.

އުމުރުން 36 އަހަރުގެ ހިބާ އަބޫކް އަކީ ސްޕޭނުގެ އެކްޓްރެސް އެކެވެ. ވަރިވުމުގެ މަރުހަލާގައި ހަކީމީގެ މުދަލުގެ ދެބައިކުޅަ އެއްބައި ހޯދުމަށް އެދުމުން އޭނާ އަށް ލިބުނީ ހައިރާންކަމެކެވެ. ކޯޓުން ބުނީ ހަކީމީގެ އަތުގައި އެކައްޗެއްވެސް ނެތް ކަމަށެވެ. ކުޅުންތެރިޔާގެ މުދަލުގެ 80 އިންސައްތަ ވަނީ އޭނާގެ މަންމަގެ ނަން މަތީގަ އެވެ.

އުމުރުން 24 އަހަރުގެ ހަކީމީގެ މިލްކިއްޔާތުގައި 80 މިލިއަން ޔޫރޯ ހުންނާނެ ކަމަށް ލަފާކުރެވެ އެވެ. އޭނާ އަކީ ޕީއެސްޖީގައި މަހަކު އެއް މިލިއަން ޔޫރޯ މުސާރައިގެ ގޮތުގައި ލިބޭ ކުޅުންތެރިއެކެވެ.

ހަކީމީ އާއި އަބޫކް ކައިވެނިކުރީ 2020ގަ އެވެ. ދެ ފިރިހެން ކުދިން ލިބިފައިވެ އެވެ. އަމީން އާއި ނާއިމް އެވެ. ހަކީމީ އަށް ރޭޕްގެ ތުހުމަތު ކުރެވުނީ އަބޫކް އާއި ދެކުދިން ޗުއްޓީއަށް ގޮސްތިއްބަ އެވެ. ހަކީމީ އަށް ކުރެވޭ ތުހުމަތުގައި އޭނާގެ މައުސޫމްކަން ސާބިތުކޮށްދޭން މާގިނަ ވާހަކައެއް ނުދައްކަ އެވެ. ބުނަމުންދަނީ ރޭފްގެ ވާހަކަ ދެއްކި އަންހެން ކުއްޖާ ދެއްކީ ހޮޅި ވާހަކަތަކެއް ކަމަށެވެ. އުޅެނީ އޭނާގެ އަގުވައްޓާލައި ފައިސާ ހޯދަން ކަމަށެވެ.

އަބޫކްގެ ހުށަހެޅުމާއެކު ހަކީމީ އަށް ތާއީދު ކުރާ ފަރާތްތަކުން މިހާރު ދައްކަމުންދާ އެންމެ ބޮޑު ވާހަކަ އަކީ އޭނާގެ މުދަލުގެ ދެބައިކުޅަ އެއްބައި ހަކީމީ އަށް ވެސް ލިބެންޖެހޭ ކަމުގެ ވާހަކަ އެވެ. ނަމަވެސް އޭނާގެ ދެކުދިންގެ މަންމަގެ މުދަކުން ބައިކުޅަބައެއް ހޯދަން ވެސް ހަކީމީ ދައުވާ ނުކުރާނެ ކަމަށް ކުޅުންތެރިޔާގެ ގާތް މީހުން ދަނީ ބުނަމުންނެވެ.

އަޝްރަފް ހަކީމީ އާއި އަންހެނުން ހިބާ އަބޫކް - މާސާ

އަބޫކްގެ އާމްދަނީ އަކީ ކިހާވަރެއް؟

އަބޫކްގެ މިލްކިއްޔާތުގައި 2 މިލިއަން ޑޮލަރު އެބަހުއްޓެވެ. އަދި ހަކީމީގެ މުދާތައް އޭނާގެ ނަމުގައި ހުރިނަމަ އަބޫކްގެ މިލްކިއްޔާތުގެ އަގު 8.5 އަށް އަރައިފާނެ އެވެ.

ހަކީމީ އާއި އަބޫކްގެ ފަރާތުން މި މައްސަލާގައި މާގިނަ ވާހަކައެއް އަދި ނުދައްކަ އެވެ. ހަކީމީ އަކީ އެފްރިކާގައި ހަ ވަނަ އަށް އެންމެ މުއްސަނދި ކުޅުންތެރިޔާ އެވެ. އޭނާ އަށް ހަފުތާއެކު މުސާރައިގެ ގޮތުގައި 215000 ޑޮލަރު ލިބެއެވެ.

ހަކީމީ އަޅާ ބަލާއިރު އަބޫކް ފައިސާ އާއި މުދާ ހޯދާފައިވަނީ އޭނާގެ ޓީވީ ކެރިއަރުންނެވެ. ފިލްމާއި ޑްރާމާ ކުޅެގެންނެވެ. އޭނާ އަކީ މެޑްރިޑަށް އުފަން ޓިއުނީޝިޔާ އާއި ލީބިއާ އަށް ނިސްބަތްވާ ކުއްޖެކެވެ. އާއިލާގެ އެންމެ ހަނގު ކުއްޖާގެ ގޮތުގައި ހުރި އަބޫކް ކެރިއަރު ތަރައްގީ ކުރީ މެޑްރިޑްގެ ޑްރާމާ ސްކޫލްތަކުގަ އެވެ. މިދިޔަ މަހު އޭނާ ބުނީ ހަކީމީ އާއި ކުރެވުނު ކައިވެންޏަކީ "ފޭލްވެފައިވާ ޕްރޮޖެކްޓެއް" ކަމަށެވެ. މި ދެ މީހުންގެ ވަރިއާއެކު މި ކައިވެނި ވެފައިވަނީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެއްގެ އެންމެ ކުރު އެއް ކައިވެނީގެ ހަޔާތަށެވެ. 

ވަރި ސާބިތު ކުރުމުގެ ކޯޓް މަރުހަލާގައި އަބޫކް ބުނެފައިވަނީ ހަކީމީގެ މުދަލާއި ފައިސާގެ 50 ޕަސެންޓް ހޯދަން އެދުނީ ދެ ކަމަކާ ހެދި ކަމަށެވެ. ފުރަތަމަ ކަމަކީ މި ވަރީގެ ސަބަބުން އޭނާގެ ކެރިއަރަށް ވެސް ހުރަސްތައް ދިމާވާނެތީ އެވެ. ދެ ވަނަ ކަމަކީ މާލީ ގޮތުން އޭނާ އަކީ ފޯރާ މީހަކަށްނުވާތީ އެވެ.

ނަމަވެސް މިހާރު އަބޫކްއާ ދެކޮޅަށް ވަނީ ކެމްޕޭނެއް ފަށައިފަ އެވެ. ހާއްސަކޮށް އަންހެނުންގެ ހައްގުތަކަށް އަރައިގެންފައިވާ މީހުންނާއި ތަފާތު ނޭދެވޭ ތުހުމަތުތައް ކުރެވިފައިވާ މަޝްހޫރު މީހުން ވެސް ވަނީ ސޯޝަލް މީޑިއާގައި އަބޫކްއާ ދިމާކޮށްލައިފަ އެވެ. ގިނަ މީހުން ބުނަނީ މުދާ ހޯދަން އަބޫކް ކޯޓަށް ދިއުމަށް ހަކީމީގެ އޭނާގެ މަންމަގެ ނަންމައްޗަށް ހުރިހާ މުދަލެއް ބަދަލުކުރުމަކީ "ވަރަށް ހިކުމަތްތެރި ނިންމުމެއް،" ކަމަށެވެ. އަނެއް ބަޔަކު ތުހުމަތު ކުރަނީ މިއީ ހަކީމީ އާއި އޭނާގެ ބައިވެރިންގެ ރޭވުމެއް ކަމަށެވެ.

އަބޫކްއާ އެއްކޮޅަށް ވާހަކަ ދައްކާ މީހުން ބުނަމުންދަނީ ހަކީމީ އަކީ ހީލަތްތެރިއެއް ކަމަށެވެ. އޭނާ އޮޅުވާލުމުން އަބޫކް މަސައްކަތް ކުރަނީ އޭނާގެ ހައްގު ހޯދުމަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
13%
31%
6%
44%
0%
6%
ކޮމެންޓް