ކ. މާލެ
|
18 އޭޕްރިލް 2023 | އަންގާރަ 08:22
އެމެރިކާގެ ނިއުޔޯކު އެޓަރނީ
އެމެރިކާގެ ނިއުޔޯކު އެޓަރނީ
ރޮއިޓާސް
އެމެރިކާ-ޗައިނާ
އެމެރިކާގައި ޗައިނާގެ ސިއްރު "ޕޮލިސް ސްޓޭޝަނެއް" ހިންގިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ހައްޔަރު ކޮށްފައިވަނީ 61 އަހަރުގެ މީހަކާއި 59 އަހަރުގެ މީހެއް

އެމެރިކާގައި ޗައިނާގެ ސިއްރު "ޕޮލިސް ސްޓޭޝަނެއް" ހިންގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ލީ ޖިއަންވަންގ 61، އަދި ޗެން ޖިންޕިންގ 59، ހައްޔަރު ކޮށްފައިވަނީ އެމެރިކާގެ މެންހެޓަންގެ ޗައިނާ ޓައުން ކައިރިންނެވެ. އެ ދެ މީހުންނަކީ ވެސް ޗައިނާގެ ދަރިފަސްކޮޅަށް ނިސްބަތްވާ އެމެރިކާގެ ނިއުޔޯކް ސިޓީގައި ދިރިއުޅޭ ދެ މީހުންނެވެ. އެ ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ ޗައިނާގެ އެޖެންޓުންގެ ގޮތުގައި ޖާސޫސް ކުރުމުގެ ދައުވާއެވެ.

މި ދެ މީހުން އަންނަ ހަފުތާގެ ހޯމަ ދުވަހު ބްރުކްލިންގެ ކޯޓަށް ހާޒިރު ކުރުމަށް ވަނީ ތާވަލު ކޮށްފައެވެ.

ޗައިނާއިން ވަނީ އެމެރިކާގައި އެއްވެސް ސްޓޭޝަނެއް ނުހިންގާ ކަމަށް ބުނެފައެވެ. އަދި އެމެރިކާއިން ސްޓޭޝަނެއް ކަމަށް ބުނާ ތަނަކީ އެ ގައުމުގައި ދިރިއުޅޭ ޗައިނާގެ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ބަހައްޓާފައިވާ ސާވިސް ސެންޓަރެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ބުނެފައިވާ ގޮތުގައި ލޫ އާއި ޗެންއާ ދެމީހުން ވަނީ ގުޅިގެން އެ ޤައުމުގައި ސިއްރު "ޕޮލިސް ސްޓޭޝަން" ގާއިމް ކުރުމަށް މަސައްކަތް ކޮށްފައެވެ. އެ ސްޓޭޝަން 2022 ވަނަ އަހަރު ބަންދުކޮށްފައިވާއިރު އެކަން ހާމަވީ އެފްބިއައިގެ ތަހުގީގެއްގެ ތެރެއިން ކަމަށް ވެސް ވަނީ ބުނެފައެވެ.

އެމެރިކާއިން އަންނަނީ ޗައިނާއިން އެ ޤައުމަށް ޖާސޫސް ކުރާ ކަމުގެ ތުހުމަތު ކުރަމުންނެވެ. އެގޮތުން، މިއަހަރުގެ ތެރޭގައި އެ ޤައުމަށް ފުއްޕާހަންތަކެއް ފޮނުވައިގެން ޖާސޫސްކުރަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ވަނީ ތުހުމަތު ކޮށްފައެވެ. އަދި ގިނަ ބައެއްގެ މެދުގައި މަގުބޫލު، ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓިކްޓޮކް ބޭނުންކޮށްގެން ޖާސޫސް ކުރާ ކަމަށް ވެސް އެ ޤައުމުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

- ކޮމެންޓް