Advertisement
ކ. މާލެ
|
17 އޭޕްރިލް 2023 | ހޯމަ 21:27
ޕީޖީ ޝަމީމް
ޕީޖީ ޝަމީމް
ރައީސް އޮފީސް
ޔާމީންގެ ޝަރީއަތް
ނުފޫޒު ނެތްނަމަ ޔާމީން މިނިވަން ވާނެކަމަށް ނުބުނަން: ޕީޖީ
ރައީސް ޔާމީންގެ ޝަރީއަތާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޕީޖީއާ ވަނީ ބައްދަލުކޮށްފައި

ސަރުކާރުގެ ނުފޫޒު ނެތްނަމަ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަންވާނެކަމަށް ދޭހަވާ މޭރުމަކުން ޕްރޮސެކިއުޓަރ ހުސެއިން ޝަމީމް ވާހަކަދައްކަވާފައިނުވާކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން މިފަދައިން ބުނީ ދިޔަރެސް ނޫހުގައި ޝާއިއުކޮށްފައިވާ ޚަބަރެއް ދޮގުކޮށް ނެރުނު ބަޔާނެއްގައެވެ. ދިޔަރެސް ނޫހުގެ ސުރުޚީއަކީ "ނުފޫޒު ނެތްނަމަ ޔާމީން މިނިވަންވާނެކަމަށް ދޭހަވާ މޭރުމަކުން ޕީޖީ ވާހަކަދެއްކެވި" މިއެވެ.

ޕީޖީ އޮފީހުން ބުނީ ހޯމަ ދުވަހުގެ ބައްދަލުވުމަކީ ރައީސް ޔާމީންގެ ޝަރީޢަތުގެ ކަންކަން ހިނގަމުންދާގޮތާބެހޭގޮތުން މަޝްވަރާ ކުރުމަށް، ޕީޕީއެމް/ޕީއެންސީއިން އެދިވަޑައިގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

Advertisement

މި ބައްދަލުވުމުގައި، ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ އިސްތިއުނާފު މައްސަލަ އަވަހަށް ނިމުމަކީ ޕީޖީ އޮފީހުންވެސް އެދޭ ގޮތްކަމަށް ޕީޖީ ވިދާޅުވިކަމަށް އެ އޮފީހުން ބުނެފައިވެއެވެ. ނަމަވެސް މިމައްސަލަ މިހާރުވެސް ލަސްވެފައި އޮތީ ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ނުކުތާތައް ލިޔުއްވައި، ހުށަހެޅުއްވުންވެސް ލަސްވެފައި އޮތުމުން ކަމަށާއި، ނަމަވެސް، މައްސަލައިގެ އަޑުއެހުންތައް ވީހާވެސް އަވަހަކަށް ގެންގޮސް، މައްސަލައިގައި އަވަހަށް ޙުކުމެއް ކުރުމަށް، ޕީޖީ އޮފީހުން އެއްބާރުލުން ދޭންޖެހޭ ހަމަ ކޮންމެ ކަމެއްގައި އެއްބާރުލުން ދޭނެކަމަށް ޕީޖީ ދެންނެވި ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މިކަމުގައި ސަރުކާރުގެ ނުފޫޒު އޮތްކަމަށް ދޭހަވާ މޭރުމަކުން ޕީޖީ ވާހަކަފުޅުދައްކަވާފައިނުވާކަމަށާއި، ޕީއެމް/ޕީއެންސީގެ މެމްބަރުން އަމިއްލަފުޅަށް ފާޅުކުރެއްވި ޝުޢޫރެއް ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އަދި އެ ޝަކުވާއާ ގުޅިގެން އެ އޮފީހަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށް ޕީޖީ ވިދާޅުވިކަމަށް ބުނެފައިވެއެވެ.

ވ. އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ޝަރީޢަތުން އޮތީ ޙުކުމެއް ކޮށްފައެވެ. އެ ޙުކުމް، މަތީ މަރްޙަލާގެ ކޯޓަކުން ބަދަލުނުކުރާހާ ހިނދަކު، އެ ޙުކުމަކީ ޞައްޙަ، ޤާނޫނީ ބާރު ލިބިގެންވާ، ޙުކުމެކެވެ. މިޙާލަތުގައި ރައީސް ޔާމީނަކީ ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީއެކެވެ. ޤައިދީންގެ ޝަކުވާތައް ބަލާ އިދާރާއަކީ ކަރެކްޝަންސް ސަރވިސްކަމަށްވާތީ، ރައީސް ޔާމީންގެ ބަންދުގެ ޙާލަތާ ގުޅޭގޮތުން ހުރި ޝަކުވާތައް، ކަމާބެހޭ އިދާރާތަކަށް ހުށަހެޅުއްވުމަށް ބައްދަލުވުމުގައި ވާހަކަ ދެކެވުނު ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް